ޙަޤީޤީ ޙާދިސާ: ޑިޔުޓީއަށްދާތީ އެކަނި ނުނިދިގެން ވަޒީފާއިން ވަކިކުރުވާފަ ގެއަށް ނިދަން ނުގޮސްއުޅެމުން ވަރިކޮށް ނިކަމެތިކޮށްލި އަނބިމީހާއަށް މާއުފާވެރި ދިރިއުޅުމެއް ލިބުނުގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ޙަޤީޤީ ޙާދިސާ: ޑިޔުޓީއަށްދާތީ އެކަނި ނުނިދިގެން ވަޒީފާއިން ވަކިކުރުވާފަ ގެއަށް ނިދަން ނުގޮސްއުޅެމުން ވަރިކޮށް ނިކަމެތިކޮށްލި އަނބިމީހާއަށް މާއުފާވެރި ދިރިއުޅުމެއް ލިބުނުގޮތުގެ ވާހަކަ-

އަޅުގަނޑު މަސައްކަތްކުރަމުން އައީ އައިޖީއެމްއެޗްގައި ނަރުހަކަށެވެ، ކޯސްހަދައި ތަމްރީނުހޯދައިގެން ނަރުހެއްގެ ވަޒީފާ އަދާކުރާތާ 5 ވަނަ އަހަރު އަޅުގަނޑު މަސައްކަތްކުރާ ވޯޑުގައި ޒުވާނަކު އެޑިމިޓްކުރިއެވެ. 

ނުބުނާކަށް ނެތިމެވެ. އެއީ އަޅުގަނޑަށް ވަރަށް ރީތި ޒުވާނެކެވެ. އެހެންވެ ޚާޞަކޮށް ގާތްކަމެއްވެސް ބެހެއްޓުނެވެ. އެގާތްކަން ވަރަށް އަވަހަށް ލޯތްބަށް ބަދަލުވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނިވެސް ކުރެވުނެވެ. 

އެޒުވާނާއަކީ ތަނަވަސް ޢާއިލާއެއްގެ ކުއްޖެކެވެ. ކައިވެންޏަށްފަހު ބޭނުންވީ ވަޒީފާއިން ވަކިވާށެވެ. ސަބަބެއް ކަމަށް ބުނީ ރޭގަނޑު ޑިޔުޓީކުރަންޖެހޭތީ އޭނާއަށް އެކަނި ނިދަން އުނދަގޫވާތީ ކަމަށެވެ. ސަބަބު އަޅުގަނޑު ޤަބޫލުރީމެވެ. ބޮންޑް ހަމަވުމުން ވަޒީފާއިން ވަކިވީމެވެ. 

ވަޒީފާއިންވަކިވެ ހުރިހާ ގޮތަކުން ފިރިމީހާގެ ބާރުގެދަށަށް ދިއަތާ 6 މަސްދުވަސްވެސް ނުވެއެވެ. އަޅުގަނޑާއި ނުލާ ނުނިދިގެން އުނދަގޫވި ފިރިމީހާއަށް ނިދަން ނާދެވެން ފަށައިފިއެވެ. ނިދަން އާދެވުން ލަސްވަމުން ގޮސް ބައެއް ރޭރޭ އެކުގައިވެސް ނާދެވި އިރުއަރާފަހުން ގެއަށް އާދެވެން ފަށައިފިއެވެ. އެކަމަކުވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ހެޔޮ ރަޙްމަތެއް މިންވަރުކުރެއްވެވުން އެދި ދުޢާކުރުމުގައި ހުރީއެވެ. އަނގައި ނުބުނެ ޝަކުވާ ނުކޮށް ހުރުމުންވީ ކަމެއް ނެތެވެ. ކައިވެންޏަށް ދެ އަހަރުވެސް ނުފުރެނީސް ވަރިކޮށްލައިފިއެވެ. ވަރިކުޜީވެސް ގެއަސް ނިދަން ނާންނަތާ މަސްދުވަވީފަހުންނެވެ. 

ވަރިކޮށްލުމުން ފުރައިގެން ދިއައީ ރަށަށެވެ. ރަށަށް ދިއަތަނުން ވަޒީފާވެސް ލިބިއްޖެއެވެ. ރަށުގައި ހަމަޖެހިލައިގެން ދިރިއުޅެމުންދަނިކޮށް މާލެއިން ދަތުރުވަރިއެއްގައި ރަށަށް ގޮސްއުޅުނު ބައެއްގެ ތެރޭގައި ހުރި ޒުވާނަކު އަޅުގަނޑާއި ގުޅެން ބޭނުންވިއެވެ. އަޅުގަނޑު ދެކެ ލޯބިވާ ވާހަކަ ބުނުމުން ބުނީމެވެ. "ލޯބިވުން ތިއައީ މިހާރު އަހަރެން ޤަބޫލުކުރާ އެއްޗެއް ނޫނެވެ. މުފްތީ މެންކު ބުނާފަދައިން ލޯބިވާނަމަ އަވަހަށް ޙަލާލުކޮށްލާށެވެ." އެހެންބުނީ ހަމަ ސަމާސައަކަށެވެ. ނަމަވެސް އޭނާއަށް އެކަންވީ ވަރަށް ސީރިއަސް ބަހަކަށެވެ. 

ސުވާލުކުރިއެވެ. "އަހަރެންމީ ކާކުތޯވެސް އަހަރެންގެ މާޒީއެއްވެސް ނުބަލާނަން ހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "އެންމެންނަކީވެސް ﷲ ގެ އަޅުންނެވެ. މާޒީގައި ކުށެއް ނުކުރެވޭ މީހަކުވެސް ނުހުންނާނެއެވެ. ތައުބާވުމުން އެއީ ފާފައެއް ނުކުރާ މީހެއްފަދަ މީހެކެވެ. ދެން އޮތީ ޖީބުގެ ތަނަވަސްކަމަށް ބެލުމެވެ. އެއީ އަހަރެންނަށް އެހައި މުހިންމު ކަމެއް ނޫނެވެ. ބޯހިޔާވަހިކަން ދީފައި ނިދާނެ އެނދެއް ދައްކާފައި ކާންބޯންދީފައި ފިރިއެއްގެ މަސްއޫލިއްޔަތުތައް އަދާކުރާނަމަ އަހަރެންނަށް ނިމުނީއެވެ." އެހެން ބުނުމުން މިއީ ފިސާރި ވަރުގަދަ އަންހެނެއްތާއޭ ބުނެފައި ދިއައީއެވެ. އެހެންކަމުން އެވާހަކައަކަށް މާބޮޑު ސަމާލުކަމެއްވެސް ނުދެމެވެ. 

އަނެއް ދުވަހު ޑިޔުޓީ ނިމިގެން ގެއަށް އައިތަނާ ރަންކިޔުއްވަން ރަށުގެ ދެ ޒުވާނުން ފޮނުވައިފިއެވެ. ބުނެވިފައި އޮތް ބަހުގައި ހިފަހައްޓަންވެގެން ރަންކީމެވެ. ހަމަ އެރޭ ކައިވެނިވެސް ކޮށްފިއެވެ. އޭނާގެ ވަނަވަރު އެނގުނީވެސް ކައިވެނިކޮށްދޭން މެޖިސްޓްރޭޓް އޭނާގެ ފުރިހަމަ ނަމާއި އެޑްރެސް ކިޔުމުންނެވެ. 

އެރޭ ނިދަންތިބެފައި އޭނާގެ ޢާއިލާ ކިޔައިދިނެވެ. އޭނާގެ ބޮޑުބޭބެއަކީ މާލޭގެ ހަމަ އެންމެ ތަނަވަސް އެކެކެވެ. ހިތަށް އެރިއެވެ. "ކުޑަކޮށް ތަނަވަސް ޢާއިލާއެއްގެ މީހަކާ ކައިވެނިކުރުމުން ޖެހުނު ޙާލު ތަޖުރިބާކުރެވިއްޖެއެވެ. މިފަހަރު ކިހާވަރަކުންދާނެ ބާވައެވެ! ކުރާނެ ކަމެއް ނެތެވެ. ﷲ އަށް ވަކީލެވެ." 

ކައިވެންޏަށް ހަފްތާއެއްކޮށްފައި އޭނާ މާލެއައީއެވެ. މާލެ އައިތާ ހަފްތާއެއްކޮށްފައި އޭނާގެ ފުރިހަމަ ހައިބަތުގައި ކުޑަ ޔޮޓެއް ފަދަ ލޯންޗެއްގައި އަޅުގަނޑު ބަލާދިއުމުން އެންމެންވެސް ތިބީ ކޮސްވެފައެވެ. އެއީ އޭނާ ރަށުގައި އުޅުނީ ކަންކަން ސިއްރުކޮށްގެން ވަރަށް އާދައިގެ މީހަކަށް ހެދިގެން ކަމަށްވީތީއެވެ. 

ކޮންމެއަކަސް ﷲ އިރާދަފުޅުން ކައިވެނީގައި 23 އަހަރުވެއްޖެއެވެ. 6 ދަރިން ލިބިއްޖެއެވެ. ނިދަން އައުން ލަސްވެގެން އެކަނިވެފައި އޮންނާކަށް ނުޖެހެއެވެ. އެކަނިއޮވެ ނިދާކަށްވެސް ނުޖެހެއެވެ. ދެމީހުންގެ މެދުގައި ލޯބި އެންމެ ފުރިހަމަ ގޮތުގައި އެބަ އޮތެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ހަމަ ވަރަށް ގިނަ ވާހަކަތަކުގައި ބުނެފައި އޮންނަ ވާހަކައެކެވެ. ބައިވެރިޔާ ބޭވަފާތެރިވެދާނެއެވެ. އަނިޔާވެރިވެސްވެދާނެއެވެ. ރަޙުމްވެސް ނުކޮށްފާނެއެވެ. ނަމަވެސް އަހަރެމެން މާތް ﷲ އާއި ބާއްވަންޖެހޭ ގުޅުން ބާއްވާނަމަ ﷲ އަހަރެމެން ނިކަމެތި ނުކުރައްވަވާނެތެވެ. އިން ޝާ ﷲ. ހިތްދަތި ދުވަސްކޮޅެއް ކުރިމަތިވިނަމަވެސް ފަހުން ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން