ބޮޑު ނުރައްކަލެއް! އެންމެ ގިނަ ބައަކު އެމީހުންގެ ޙަޔާތް މަރާލަނީ ވަޅިއަކުން ނޫނެވެ! އެމީހުންގެ ދޫތަކުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ބޮޑު ނުރައްކަލެއް! އެންމެ ގިނަ ބައަކު އެމީހުންގެ ޙަޔާތް މަރާލަނީ ވަޅިއަކުން ނޫނެވެ! އެމީހުންގެ ދޫތަކުންނެވެ!

އެންމެ ގިނަބައަކު ދިރި ތިބެ އެމީހުންގެ ހަޔާތް މަރައިލަނީ އެމީހުންގެ އަތް ބޭނުންކޮށްގެން ވަޅިއަކުން ނުވަތަ އެފަދަ އެއްޗަކުންވެސް ނޫނެވެ. އެމީހުންނަށް ބުނެވޭ ނުބައި ބަސްތަކުންނެވެ. ފޭރާން ލައިގެން ތިބެ އެމީހުން އަމިއްލަ އަށް ބަރަހަނާވަމުން އެދަނީ އެމީހުންނަށް ބުނެވޭ ބަސްތަކުންނެވެ.

އެއްދުވަހަކު މީހަކު އައިސް ރަސޫލް (ﷺ) އަށް ދެންނެވިއެވެ. “މާތް ނަބިއްޔާއެވެ! މިއަޅާއަށް ފައިދާ ކުރާނެ ނަޞޭޙަތްފުޅެއް ދެއްވަވާށެވެ! އަދި އެދެނީ އާދައިގެ ނަޞޭޙަތްފުޅަކަށް ނޫން ކަމަށާއި އެ ނަޞޭޙަތްފުޅުގެ ސަބަބުން އޭނާއަށް ގުޑުން އަންނާނެ ފަދަ ނަޞޭޙަތްފުޅެއް ދެއްވެވުމަށް އެދޭ ކަމަށެވެ.

އެހިނދު ރަސޫލް (ﷺ) އެނާއަށް 3 ކަމަކަށް ނަޞޭޙަތް ދެއްވެވިއެވެ. ނުވަތަ ވަޞިއްޔަތް ކުރެއްވެވިއެވެ. އެއިގެ ތެރެއިން ދެވަނަ ކަމަކީ "މާދަމާ މަޢާފަށް އެދެންޖެހިދާނެ ބަހެއް މިއަދު ނުބުނާށެވެ!" ވިދާޅުވެ ދެއްވެވި ނަޞޭޙަތްފުޅެވެ.

މިއީ ވަރަށް މަތިވެރި ނަޞޭޙަތްފުޅެކެވެ. އެހެނީ ބައެއް ފަހަރު އަންނަ ރުޅީގައި މިއަދު ބުނެވޭ ބަހަކުން އެބަ އަނބިމީހާ ވަރިކުރެވެއެވެ. ރުޅިމަޑުވުމުން އެކަމާއިމެދު ދެރަވެ ބައެއް ފަހަރު މުޅި އުމުރަށްވެސް ހިތާމަކުރަން އެބަ ޖެހެއެވެ. ބުނެވޭ އެންމެ ބަހެއްގެ ސަބަބުން ޢާއިލާ ރޫޅި ދަރިންކޮޅު ނިކަމެތިވުމުން ލިބޭ ގެއްލުން އޮންނަނީ ދުވަހަކުވެސް ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށްވެފައެވެ. މުޅި އުމުރަށް ހިތާމަކޮށް ކަރުނައަޅަންޖެހޭ ކަމަކަށް ވެގެންވެސް އެބަދެއެވެ.

ހަމަ އެއާއިއެކު ބުނެވޭ ބަހަކުން އުމުރު ދުވަހު އެކުގައި އުޅުނު އެންމެ ގާތް ރަޙްމަތްތެރިންނާއި ގުޅުން ކެނޑިގެން އެބަދެއެވެ. ކޮންމެ ކަމެއްގައިވެސް އެހީތެރިވާ މިތުރުންނާއި ގުޅުން ކެނޑިގެން އެބަދެއެވެ.

މިފަދަ ކޮންމެ ހާލަތެއްގައި ވެސް ބަސް ބުނުމަށްފަހު ދެރަވެ ހިތާމަކުރަން ޖެހެއެވެ. މަޢާފަށްވެސް އެދެން ޖެހެއެވެ. މަޢާފްކުރޭތޯ އާދޭސްކުރަންވެސް އެބަ ޖެހެއެވެ. ވީމާ ރަސޫލް (ﷺ) ނަޞޭޙަތްތެރިވެވަޑައިގެންފައި އެވަނީ ކިތަންމެ ވަރަކަށް ޚިޔާލުތަފާތުވި ނަމަވެސް އަދި ރުޅި އައި ނަމަވެސް އެކަންކަން ކޮންޓްރޯލު ކުރުމަށެވެ. ދުލުން ބަހެއް ބުނުމުގެ ކުރިން ތަކުރާރުކޮށް ވިސްނުމަށްފަހުގައި ނޫނީ ނުބުނުމަށެވެ. ފަހުން ހިތާމަކޮށް މާފަށް އެދެން ޖެހިދާނެ ކަމަށްޓަކައެވެ.

އެއްވެސް މީހަކާއި މުޢާމަލާތުކުރާއިރު ހަރުކަށިވެ ނުބައި ބަސްތައް ނުބުނާށެވެ! އަލުން އެމީހަކާއި ކުރިމަތިލައި މަޝްވަރާ ކުރަން އުނދަގޫވެދާނެ ފަދަ ބަސްތައް ދުލުން ނުބުނާށެވެ! އަބަދުވެސް މުޢާމަލާތުކުރަން ޖެހޭނީ ކޮންމެ ވަގުތަކުވެސް އެމީހަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ބަލައިގެންނެވެ.

މިފަދަ ކަންކަމާއި ގުޅިގެން ބައެއް ފަހަރު ވަރަށް ހިތާމަވެރި ކަންކަން ވެސް މެދުވެރިވެފައި އެބަހުއްޓެވެ. ހުތުރު ބަހުން ޒުވާބުކޮށް އެކަމުގެ ރުޅީގައި އަލުން ކުރިމަތިނުލެވި ތިއްބައި އެބަ ދުނިޔެ ދޫކުރަން ޖެހެއެވެ. މިއީ ކޮން ފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ މިފަދަ ޙާލަތުގައި ގިނަ ފަހަރު އޮންނަނީ އެކަކު އަނެކަކަށް މަޢާފްވެސް ނުކުރެވިފައެވެ.

ކިތަންމެ ބޮޑު ޒުވާބެއް ކުރެވުނު ނަމަވެސް ޒުވާބުގެ ތެރެއިން ވެސް ވިސްނައިލަން ޖެހޭނެ އެންމެ މުހިންމު އެއް ކަމަކީ މިއީ ހަމަ އަހަރެމެން ވާހަކަ ދައްކާނެ އެންމެ ފަހު ފަހަރުކަމަށްވެދާނެ ކަމާއިމެދުގައެވެ. އަދި މަސައްކަތްކުރަންޖެހޭނީ އެގޮތަށް އެކަން މެދުވެރިވިއަ ނުދިނުމަށެވެ.

ވިސްނައިލާށެވެ! އަހަރެމެން ނިދަނީ ހެނދުނު ހޭލުމުގެ ނިޔަތުގައެވެ. އަހަރެމެން ނިދުމާއިއެކު އަހަރެމެންގެ އަމިއްލަބާރު ކެނޑިގެންދެއެވެ. އަހަރެމެންނަށް ނިދިން ހޭލެވެނީ އެކަމަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވައިފި ނަމައެވެ. ވީއިރު މާދަމާ އަކީ އަންނާނެ ދުވަހެއްކަން އެނގެނީ ކާކަށް ހެއްޔެވެ؟

މިވާހަކަ ބަޔާން މިކުރީ މައްސަލައެއް ޙައްލު ނުކުރެވި ނިދައިފިނަމަ އަދި އެމީހަކަށް ނުހޭލެވިއްޖެނަމަ ދެން ކުރިމަތިވެދާނެ މައްސަލަތައް ބަޔާން ކުރުމަށެވެ. ޚާއްޞަކޮށް ޢާއިލީ މައްސަލައެއް ޙައްލު ނުކުރެވި އޮވެއްޖެ ނަމައެވެ. މިހާލަތުގައި ޢާއިލާގެ ގޮތުގައި މާނަކުރަން އަހަރެން ބޭނުންވަނީ ޢާއިލީ ގުޅުންހުރި މީހުން އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ތިމާ އާއިއެކުގައި އުޅޭ، ތިމާއަށް ހެޔޮ އެދޭ، އަދި އެހީތެރިވާ ކޮންމެ މީހަކީވެސް ހަމަ ޢާއިލާގެ މީހެކެވެ. އެފަދަ މީހަކަށް ނަފްރަތުކޮށްގެން ނުވަތަ މައްސަލަ ޙައްލު ނުކޮށް ނިދަން ހެޔޮވެދާނެ ހެއްޔެވެ؟ ވީމާ ދުލުން ބަސްތައް ބުނެ ބޭރުކުރާއިރު މިފަދަ ހުރިހާ ކަންކަމަށްވެސް ވިސްނަންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން