ސުވާލު:. އަނބިމީހާޔަށް ފިރިމީހާ ބޭނުންވާވަރަށް ދެމަފިރިކަމުގެ ގުޅުން ހިންގާ ނުދެވޭކަމަށްބުނެ ކާވެނި ރޫޅާލެވިދާނެތޯ؟
ޖަވާބު:. ކާވެނީގެ އެންމެއިސް މަޤްޞަދަކީ ދެމަފިރިންކުރެ ކޮންމެމީހަކުވެސް ޢިއްފަތްތެރިވުން. އެހެންވީމާ، ފިރިމީހާ ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައި އަނބިމީހާވެސް އެކަމަށް އިޖާބަދޭންޖެހޭނެ. އަދި އަނބިމީހާ އެކަމަށް ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައިވެސް ފިރިމީހާވެސް އެކަމަށް އިޖާބަދޭން ޖެހޭނެ.
އެހެންވީމާ އެއްވެސް ޙާލަތެއްގާ ދެމަފިރިންގެ ދޭތެރޭގާ ގުޅުން ހިންގަން ބޭނުންވާ މިންވަރަށް ނުހިންގޭތީއޭ ކިޔާފަ ޒިނޭޔަށް އަރައިގަތުމަކީ އެއީ އެއްވެސް ޙާލެއްގާ ކޮށްގެންވާނެ ކަމެއްނޫން. ފިރިހެނަކަށް ކަމަށްވަނީނަމަ ދެއަންބަށް ކާވެނި ކުރުމުގެ ފުރްޞަތު އެބައޮތް. އެހެންނަމަވެސް އަންހެނަކަށް އެފުރްޞަތެއް ނުވެއްނެތް. އެހެންވީމާ، އެޙާލަތުގާ ފިރިމީހާއަށް އަނބިމީހާ ބޭނުންވާ މިންވަރަށް އެދުން ފުއްދާނުދެވޭ ކަމަށްވަނީނަމަ ރީތިގޮތުގާ ވަރިޔަށް އެދުމުގެ ޙައްޤު އަނބިމީހާޔަށް ލިބިގެންވޭ. އަދި ފިރިމީހާވެސް އޭނަގެ ބަލިކަށިކަން ޤަބޫލުކޮށް އަނބިމީހާއަށް އެކަމުގާ އުދަގުލެއް ނުކޮށް އަނބިމީހާ ރީތިގޮތުގާ ދޫކޮށްލަންވާނެ.
ދެންމީގައެބަހުރި ހަމަމިސާލަކަށް އަދި ވަރިޔާހަމަޔަށް ދިއުމުގެ ކުރިންވެސް ބޭސްފަރުވާގެ ގޮތުންވެސް ފަރުވާތަށް ކޮށްގެންވެސް އެކަން ތައްތަކުން ސަލާމަތްވެވޭތޯ މަސައްކަތްކުރުމަކީ އެއީ ހަމަ މުހިންމު ކަމެއް. އެގޮތަށް އަދި ޖިންސީ ބަލިކަށިކަމެއް ހުރިކަމުގައިވީނަމަވެސް ﷲގެ ރަޙްމަތާއެކުގާ ބޭސްފަރުވާ ކޮށްގެން އެކަން ރަގަޅު ކުރެވިފަވެސް އެބަހުރި. ވަރަށްގިނަ ޙާލަތްތަކުގާ އެހެންވީމާ ރަގަޅު ކުރެވޭތޯ މަސައްކަތް ކުރަންވާނެ. އެހެންވީމާ، އެމީހެއްގެ ހުރި އައިބު އެމީހެއްގެ ހުރި ނިކަމެތިކަން އެމީހަކު ޤަބޫލުކުރަންވާނެ. ޤަބޫލުކޮށްގެން އަނެކާގެ ޙައްޤު ތިމާގެ ކޮނޑުގާ އެޅިފާވާކަން ދަނެގެން އަނެކާގެ ޙައްޤު ފުރިހަމަގޮތުގާ އަދާކޮށްދެވޭތޯ ކޮންމެހެންވެސް މަސައްކަތްކުރަންވާނެ. ތިމާގެ ބޮލުގާ އެޅިފައިއޮތް ޒިންމާއެއްކަން ދަންނަންވާނެ.
ތިމާގެ އަނބިމީހާގެ ޢިއްފަތްތެރިކަން ސަލާމަތް ކޮށްދެވެން އޮތްގޮތަކީ އަނބިމީހާ ބޭނުންވާ މިންވަރަކަށް އޭނާގެ އެދުންފުދޭ މިންވަރަކަށް އޭނާޔަށް އެކަންތައްތައް ކޮށްދިނުންކަން. އެހެންވީމާ، ތިމަންނާޔަށް އެކަން ނުކޮށްދެވޭ ކަމަށްވަނީނަމަ އެކަންކޮށްދެވޭނެ ގޮތެއް އެބަޖެހޭ ހޯދަން. އެއީ ޙަލާލު ގޮތުގަ އެކަން ކޮށްދެވޭނެގޮތެއް. އެހެންވީމަ އެގޮތުން ފިރިމީހާގެ އެހުރި ބަލިކަށިކަމަށް ފަރުވާކޮށް އެކަން ރަގަޅުކުރަން މަސައްކަތް ކުރާނީ. މަސައްކަތްކޮށްގެންވެސް ރަގަޅު ނުވެއްޖެކަމަށްވަނީނަމަ އެހިސާބުން ރީތިގޮތުގާ އަނބިމީހާ ދޫކޮށްލާނީ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް