ރައީސް ޔާމީނުގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެ އިންޓެލިޖަންސް ރިޕޯޓް ކިޔާ ދުވަހަކު ޙަޤީޤަތް ހާމަނުކުރެވުނު ރިޕޯޓްތަކެއް ދައްކައިގެން ވާނުވާ ޖައްސުވައި މުއްދަތެއް ނެތް ގޮތަށް މީހުން ބަންދުގައި ބައިތިއްބަން ފޭށީމާ އެކަން ހުއްޓުވަން ގެނައި ސަރުކާރުން ހަމަ އެފަދަ އިންޓެލިޖެންސް ރިޕޯޓްތަކަށް ނުވަތަ ނުވަތަ އެނޫންވެސް ކަންކަމަށް ބިނާކޮށް ވާނުވާ ޖައްސުވައި މީހުން ބަންދުކުރަން ފެށީމާ މިގެނެވުނު ބަދަލު ރަނގަޅެއް ނުވިއެވެ. މިވީ މާގޯހެވެ!
އިސްލާމް ދީނުގައި ޝަރީޢަތްކުރަން އޮތީ ހެކީގެ މައްޗަށެވެ. ފަހުން ހޯދިދާނެ ހެކީގެ މައްޗަކަށް ނޫނެވެ. ހެކި ނެތްނަމަ އަދަބެއް ނުދެވޭނެއެވެ. ޙުކުމް ނުކޮށް ބަންދުގައި މީހުން ބެއިތިއްބުމަކީވެސް އަދަބެކެވެ. އިންޓެލިޖެންސް މައުލޫމާތުގައި ލިބޭ ހެކި ކޯޓުތަކަށް ދެއްކެންދެން މީހާ ހުންނަންޖެހޭނީ ބަނދުގައެއް ނޫނެވެ. މިނިވަނެއްގެ ގޮތުގައެވެ. ހެކިލިބުނީމާ ބަންދުކުރާނީއެވެ. ބޭނުންނަމަ ރާއްޖެއިން ފުރުން މަނާކުރެވިދާނެއެވެ. އެއަށްވުރެ ބޮޑުވަރެއް ކުރެވިގެން ނުވާނެއެވެ.
މިހައިތަނަށް ފުލުހުންނަށް ލިބުނު ކަމަށް ކޯޓުތަކުގައި ބުނި އެއްވެސް އިންޓެލިޖެންސް ރިޕޯޓެއްގައި ހިމެނުނު އެއްވެސް ކަމެއް ޙަޤީޤަތަކަށްވީކަން އަޅުގަނޑަކަށް އެނގޭކަށް ނެތެވެ. އެއީ އެއްވެސް ކޯޓަކަށް އެކަން ސާބިތުކޮށްދެވުނުކަން އަޅުގަނޑަށް އެނގެން ނެތުމުންނެވެ.
މެލޭސިޔާއިން ބައަކު ގެތަކެއް ގަތްވާހަކަވެސް ފެތުރުނެވެ. މިއަދާއި ހަމައަށްވެސް އެއިން ގެއެއް ދެއްކުނު ކަމެއް، ގެގަތް މީހަކަށް ގެގަތީތީ ޝަރީޢަތެއް ކުރެވުނުކަން އެނގޭކަށް ނެތެވެ. ރިޝްވަތުގެ ފައިސާއިން ގެ ގަނެފައި ހުރިނަމަ އެކަމަށް ޝަރީޢަތް ކުރެވެންވާނެ ނޫންތޯއެވެ؟
(މިއީ މިސަރުކާރު ގެންނަން ގަދައަލައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުންގެ ވިސްނުންފުޅު މިހާރުހުރި ގޮތެވެ.)