ފަހުޒަމާނުގެ ބޮލުގަ އަޅުވައިގެން އެއްވެސް ކަމަކުން ސަލާމަތެއް ނުވެވޭނެއެވެ! ﷲ ހިސާބު ބައްލަވާނީ ޒަމާނުގެއެއް ނޫނެވެ! ތިބާގެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ފަހުޒަމާނުގެ ބޮލުގަ އަޅުވައިގެން އެއްވެސް ކަމަކުން ސަލާމަތެއް ނުވެވޭނެއެވެ! ﷲ ހިސާބު ބައްލަވާނީ ޒަމާނުގެއެއް ނޫނެވެ! ތިބާގެއެވެ!

ﷲ ތައާލާ މީސްތަކުންނަށް ހަމައެކަނި އަމަލުތަކެއް ކުރަން އަންގަވާފައި ދޫކޮށްލެއްވެވީއެއް ނޫނެވެ. އެކަންކަން ކުރަންޖެހޭ ގޮތްވެސް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ރަސޫލް () ވަނީ އެކަންކަން ކުރައްވައި ކުރަންވީ ގޮތް ދަސްވެސް ކޮށްދެއްވަވައިފައެވެ. އެކަންކަން ކުރަން މަސައްކަތް ކުރާ މީހުންނަށް ﷲ ތަޢާލާ މަގުވެސް ފަހިކޮށް ދެއްވަވައެވެ. 

ވީމާ މީސްތަކުންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކޮންމެ ކަމެއްވެސް ކުރަން މަސައްކަތް ކުރުމެވެ. ކުރަންވީ ގޮތް ނުއެނގޭ ކަމަށްބުނެ އަތް އުރާލައިގެން ހުރުމެއް ނެތެވެ. ނުއެނގޭ ކަންކަން އެނގޭ މީހުންގެ ކިބައިން ދަސްކުރަންވީއެވެ. ދަސްކޮށް ޢަމަލުކުރަންވީއެވެ. 

ދުނިޔޭގައި ދިރިއުޅޭ މީހުން ބަދަލުވެއެވެ. އެއްބައަކު އުފަންވެއެވެ. އަނެއް ބައަކު މަރުވެއެވެ. މިއީ އިއްތިފާޤަކުން ހިނގާ ކަމެއް ނޫނެވެ. އެކަން ﷲ ތަޢާލާ ތަޤްދީރު ކުރައްވަވާފައިވާ ގޮތެވެ. އެކަން އެގޮތަށް ހިނގަމުން ދިއުމަކީ ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ޙުކުމްފުޅަކަށް ޢަމަލުކުރުމުގައި އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނޫނެވެ.

ވީމާ މިއީ ފަހު ޒަމާން ކަމަށް ބުނެ ދީނުގެ ކަންކަމަށް ޢަމަލުނުކޮށް ނުހުންނާށެވެ! ދީނުގެ ކަންކަން ބަދަލުކުރަންވެސް ނުވިސްނާށެވެ! އެއީ ބަދަލު ގެނެވޭނެ ކަންކަމެއް ނޫނެވެ. މީސްތަކުންނަށް އޮތީ ކޮންމެ ޒަމާނެއްގައި ދުނިޔޭގައި އުޅުނު ނަމަވެސް ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އެކަން އެގޮތަށް ނުކުރެވިއްޖެ ނަމަ އެމީހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ފޭލްވެފައިވާ މީހެކެވެ. 

ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ތިބާ ދުނިޔޭގައި އުޅުނު ޒަމާނަކަށްނޫނެވެ. ތިބާކުރި ޢަމަލުތަކަށެވެ. ވީމާ ޙިސާބުކުރައްވަވާނީ ތިބާ އުޅުނު ޒަމާނެއް ނޫނެވެ. ތިބާކުރި އަމަލުތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން