އަޅުގަނޑު ކިޔަވައި ނިމި ވަޒީފާއަދާކުރަން ފެށިތަނާ އެކުވެރިއަކު އެއީ ވަރަށް ރަނގަޅު މީހެއްކަމަށް ބުނެ ތަޢާރަފްކޮށްދިން މީހަކާއި ކައިވެނިކުރީމެވެ. އޭނާ ދެއްކި ވާހަކަތަކާ ކުރި ހުވާތައް ޤަބޫލުކުރެވިގެންނެވެ. އަޅުގަނޑު ހިތްދަތިވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ލޯބިން އެކުގައި އުމުރު ހޭދަކުރާނެ ކަމަށް އެތައް ފަހަރަކު ހުވާކުރިފަހުންނެވެ.
އެހެނަސް ކައިވެނިކޮށް 3 ވަނަ މަހު މީހާ ބަދަލުވާން ފެށިއެވެ. 7 ވަނަ މަހު އަޅުގަނޑުކުރިމަތީގައި ހިލޭ އަންހެނުންނަށް ފޯނުކުރަން ފަށައިފިއެވެ. އަހަރު ނުވަނީސް ގެއަށް އަންހެންކުދިން ގެންނަން ފަށައިފިއެވެ.
އޭނާ ހީކުރީ އަޅުގަނޑު ޒުވާބުނުކޮށް ގައަށް ބޮލަށް ނާރައި ހުންނަނީ ހިތެއް ނެތީމައި ކަމަށެވެ. އަދި އަޅުގަނޑަކީ ފަޤީރު ޢާއިލާއެއްގެ އަންހެނަކަށްވުމުން އޭނާގެ ތަނަވަސްކަމަށް ފުދިގެން ހުންނަނީހެންނެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އަޅުގަނޑު ދިއައީ އިސްތިޚާރާކުރަމުންނެވެ. ވަކިވުމުގެ ވަޤުތު އަދި ނުޖެހޭ ކަމަށް ޤަބޫލުކުރެވޭތީ މަޑުންހުރީއެވެ.
އެހިތްދަތިކަމުގައި 2 އަހަރު ހޭދަކުރީމެވެ. ކޮންފަދަ ބޮޑު ހިތްދަތިކަމެއްގައިތޯއެވެ. ހިލޭ އަންހެނުން ގެނެސް ގޭގެ ކޮޓަރިއަކަށް ވައްދަނީ އަޅުގަނޑު ކުރިމަތީގައެވެ. އަޅުގަނޑަށް ބަލައިލެވިއްޖެނަމަ ބުނާނީ ބައިވެރިވާން ބޭނުންނަމަ އަންނާށެވެ.
ކެތްތެރިވާން އަޅުގަނޑަށް ހިތްވަރުލިބެނީ ﷲ ގެ ހަޟްރަތުންނެވެ. ކުރާ އަޅުކަމާއި ދުޢާއިންނެވެ. އަޅުގަނޑުގެ ޢަޒުމަކަށް ހަދައިގެން ހުރީ ހިތްދަތިވާތީ ވަކިނުވުމަށެވެ. އިސްތިޚާރާއިން މަގެއް ފެންނަންދެން ކެތްތެރިވުމަށެވެ.
ކައިވެނީގެ 3 ވަނަ އަހަރު ވަރިވީމެވެ. އެއީ ވަރިވުމުގެ ވަގުތު ޖެހިއްޖެކަމަށް ވިސްނުމުންނެވެ. އިތުރު އެއްވެސް ވާހަކައެއްވެސް ނުދައްކަމެވެ. އެދުނީ ހަމައެކަނި ވަރިކޮށްދިނުމަށެވެ. ނަޞީބަކުން ވަރަށް ފަސޭހައިން ވަރިކޮށްދިނެވެ. ވަރިކޮށްދިނުމުން އެނބުރި މައިންބަފައިންގެ ގާތަށް ދިއައީއެވެ. އެއީ މީގެ 4 އަހަރު ކުރިއެވެ.
ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތްފުޅުން އަޅުގަނޑަށް މާގިނަ ދުވަހަކު އެކަނި ހުންނާކަށް ނުޖެހުނެވެ. އަޅުގަނޑު މަސައްކަތް ކުރާ އޮފީހުގެ ވެރިމީހާގެ އަނބިމީހާ ކުއްލި ގޮތަކަށް ނިޔާވުމުން ކުޑަދުވަސްކޮޅަކު އެކަނި ހުރެފައި އޭނާ ބޭނުންވީ އަޅުގަނޑާއި ކައިވެނިކުރާށެވެ. އޭނާ އަޅުގަނޑަށްވުރެ ދޮށީ 7 އަހަރެވެ. އެކަމަކަށް ނުބަލަމެވެ. އޭނާގެ އަޚްލާޤާއި ތަޤްވާވެރިކަން ޔަޤީންކުރެވޭތީ އެއްބަސްވެ ކައިވެނިކުރީއެވެ.
އޭނާވީ އަޅުގަނޑަށާއި އަޅުގަނޑުގެ މައިންބަފައިންނަށްވެސް ވަރަށް ހެޔޮ މީހަކަށެވެ. ހަނީމޫނަށްވެސް ދިއައީ އަޅުގަނޑާއި އޭނާ އާއި ދެމީހުންގެ މައިންބަފައިން ގޮވައިގެން ޢުމުރާއަކަށެވެ.
ނިންމާލަމުން ދަންނަވާލަން އޮތީ ކުރީގެ ފިރިމީހާގެ ވާހަކައެވެ. ގޮތް ނުއެނގޭ ބައްޔެއްގައި އިންޑިއާގައި ފަޤީރުންނަށް ހިލޭ ބޭސްކޮށްދޭ ހޮސްޕިޓަލެއްގައި އަހަރުދުވަސްވަންދެން އެކަނި އޮތުމަށްފަހު މިހާރުވަނީ ނިޔާވެފައެވެ. ނުސީދާކޮށް އަޅުގަނޑަށް ލިބިފައިވާ މައުލޫމާތަށްބަލާއިރު އޭނާ ނިޔާވީ އެއިޑްސްބަލީގައެވެ. ދަރަނި ބޮޑުވެ ސަލާމަތް ނުވެވިގެން ދުނިޔޭގައި ހުރެ އޭނާ ވަނީ އޭނާގެ މަންމަގެ ގެއިން ލިބުނު ބިންކޮޅާއި ހިންގި 2 ފިހާރަވެސް ވިއްކާލައިފައެވެ.
ނިޔާވެފައިވާ މީހަކަށް ބުރަބަހެއް ބުނާކަށް ނެތީމެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ލިބުނު އަނިޔާގެ ކުޑަމިންވަރެކެވެ. އަޅުގަނޑުގެ އެދުމަކީ އަނބިމީހާ ފަޤީރުވި ނަމަވެސް ފަޤީރު މީހާވެސް އުފެއްދެވީ ﷲ ކަމާއި އޭނާގެވެސް ހިތެއް އޮންނާނެކަން ޤަބޫލުކުރުމެވެ. ތަނަވަސްކަން ދެއްވަވަނީ ﷲ ކަމާއި އެފައިސާ ޚަރަދުކުރާ ގޮތް ﷲ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކުރަން ބުނެލުމެވެ.
- ޒަހުރާ / މިއަދުނޫހުގެ ކިޔުންތެރިއެއް