ފަރުޟުވަނީ 1 ޙައްޖެވެ! އެކަމަކު އިތުރަށް ދާހިތްވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފަރުޟުވަނީ 1 ޙައްޖެވެ! އެކަމަކު އިތުރަށް ދާހިތްވަނީ ކީއްވެ؟

ޙައްޖަށް ގޮސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާފަދަ ޙައްޖެއް ވެވިއްޖެ މީހާ ޙައްޖުން އެނބުރި އަންނާނީ އެމީހެއްގެ އިސްވެ ގޮސްފައިވާ ހުރިހާ ފާފަތަކެއް ފުހެވިގެންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅެއްގެ ގޮތުގައެވެ. 

ރަނގަޅަށް ވިސްނައިލާށެވެ! ގިނަ ބައަކު ހައްޖަށް ދަނީ އެކަމަށް ކުރަން ޖެހޭ ޙަޤީޤީ ހޭދައިގެ އެތައް ގުނައެއް އިތުރަށް ކޮށްފައެވެ. ވަރަށް ގިނަ ބައަކަށް ޙައްޖަށް ދެވެނީ ހަމަ އަގުގެ 2 ، 3 ގުނަ އިތުރަށް ކުރުމަށްފަހުގައެވެ. އެހެންކަމާއިއެކުވެސް ޙައްޖުވުމަށްފަހު އެވަރުން ފުއްދައިލަން ބޭނުންވަނީ ހާދަ މަދު މީހެކެވެ. އެންމެންހެން އަދި އެންމެ ފަހަރަކު ނަމަވެސް ޙައްޖަށް ދިއުމަށް ނޭދެނީ ވަރަށް މަދު މީހެކެވެ. ހާހަކުން މީހެއްހައި މަދު މީހެކެވެ. 

އެހައި ބޮޑެތި ހޭދަތައްކޮށްގެން ވެސް ހައްޖުވުމަށްފަހު އެހައި ގިނަ ބައަކު އަދިވެސް އިތުރަށް ޙައްޖުވުމަށް ބޭނުންވުމުން އެނގިގެންދަނީ ޙައްޖުގެ ސަބަބަބުން އޭނާއަށް ލިބޭ ހިތްހަމަޖެހުމެވެ. އެހައި ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން އެދަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުމުންނެވެ. އިން ޝާ ﷲ. އެހެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހާ ފަދައިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ ވަރަކަށް ވެސް ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ޝައުޤުވެރިކަން އިތުރުވާނެއެވެ. އިން ޝާ ﷲ. 

މީސްތަކުންނޭވެ! އަބަދުވެސް ބުނާ ފަދައިން ޙައްޖާއި ޢުމުރާވުމަކީ ޢުމުރުގެ ވީހައި ކުރީކޮޅުގައި ކުރާ ކަމަކަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ. އެންމެ ފުރަތަމަ ސަބަބަކީ އެކަމަށް އަމުރުފުޅު ކުރައްވަވާފައިވަނީ އެމީހަކަށް އެކަން ކުރުމުގެ ތަނަވަސްކަން މިންވަރު ކުރެއްވެވި ﷲ ތަޢާލާ ކަމެވެ. ދެވަނަ ސަބަބަކީ ﷲ ތަޢާލާ ޙައްޖު ފަރުޟުކުރެއްވެވީ އުމުރުން ދުވަސްވުމުން ނޫން ކަމާއި އެމީހަކަށް އެކަން ކުރުމުގެ ކެރިކުޅަދާނަކަން ލިބުމުން ކަމެވެ. 

ޙައްޖުވުމުގެ އިތުރުން ވީހައި ގިނައިން ޢުމުރާވުމަށްވެސް ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމުގެ ސަބަބުން އެއް ޢުމުރާ އާއި އަނެއް ޢުމުރާ އާއި ދެމެދުގައި ކުރެވޭ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. 

މިކަން މިގޮތަށް ވިސްނައިލާށެވެ! މަރު އައިސް ބައްދަލުކުރާނެ ވަގުތެއް ހަމައެކަކަށްވެސް ނުއެނގޭނެއިރު، މަރުވުމުގެ ވަގުތު އައިސް ޖެހޭއިރު އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާފައިވުމަކީ އިންސާނަކަށް ލިބޭނެ އެނަމެ މަތިވެރި ނިޢްމަތްކަމަށްވާއިރު، އަދި ހުރިހާ މުސްލިމުންވެސް ތިބޭނީ އެކަމަށް އެދިއެދި ކަމަށްވާއިރު އެކަން ޤަބޫލުކުރުމަކީ އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ކިތަންމެ ގިނައިންވެސް ޢުމުރާވުން ކަމަށް ޤަބޫލުނުކުރަންވީ ކީއްވެގެންހެއްޔެވެ؟

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން