މިއަހަރުގެ ޢީދު ބަންދުގެ ދުވަސްތައް މިދިމާވިގޮތުން ޢަރަފާތު ދުވަހުވެސް ގިން ބައަކު ދަތުރުތައްކުރާނެއެވެ. އުފަލުގައި ޢީދު ޗުއްޓީ ހޭދަކޮށްލަން ކުރާ ދަތުރުތަކެވެ. ވީމާ ވިސްނައި ހޭލުންތެރިވާށެވެ.
އެންމެ މުހިންމީ ޢީދުގެ ކުޅިވަރުތަކެއް ނޫނެވެ. ޢަރަފާތުދުވަސް ލިބިގަތުމެވެ. އެދުވަހުގެ ރޯދައެވެ. ތަކްބީރު، ތަޙްލީލް، ތަޙްމީދުކިޔުމެވެ. ގިނަގިނައިން ދުޢާކުރުމެވެ. ދަތުރުވެރިންނަށް ރޯދަ ދޫކޮށްލުން ހުއްދައެވެ. ވިސްނަންވީ ދަތުރުކުރާތީ ޢަރަފާތު ދުވަހުގެ ރޯދަ ނުހިފައިފިނަމަ ގެއްލިގެން އެދަނީ ވަރަށް ބޮޑު ފުރުޞަތެއް ކަމެވެ. އަދި އެއީ ފަހުން އަނބުރާ ޤަޟާކުރެވޭނެ ރޯދައެއް ނޫންކަމެވެ.
"ޢަރަފާތް ދުވަހުގެ ރޯދައަކީ ޙައްޖުވެރިން ފިޔަވައި އެންމެހާ މުސްލިމުންގެ މައްޗަށްވާ ސުންނަތެކެވެ. ޙައްޖުވެރިން އެދުވަހު ރޯދައަށް ތިބުމީ ސުންނަތެއް ނޫނެވެ. އެހެނީ ރަސޫލު ﷲ صلى الله عليه وسلمއެދުވަހު ރޯދަފުޅަކަށް ނުހުންނަވައެވެ.
އަދި އެކަލޭގެފާނު -صلى الله عليه وسلم- ޢަރަފާތު ބިމުގައި ތިބި މީހުން (ޙައްޖުވެރީން) ރޯދަ ހިފުން މަނާ ކުރެއްވެވިއެވެ.
ދެންފަހެ ޢަރަފާތް ދުވަހުގެ ރޯދައިގެ މާތްކަން ދަންނައެވެ!
އަބޫ ޤަތާދާ رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ޢަރަފާތް ދުވަހުގެ ރޯދައާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.
"يكفر السنة الماضية والسنة القابلة"
މާނައީ: "(ޢަރަފާތް ދުވަހުގެ ރޯދައަކީ) އިސްވެ ދިޔަ އަހަރާއި ކުރިޔަށް އޮތް އަހަރުގެ (ފާފައިގެ) ކައްފާރާއެވެ."
ވީމާ ބޭނުންވަނީ ޢީދު އުފަލުގައި ބައިވެރިވާންކުރާ ދަތުރުހެއްޔެވެ؟ ނޫނީ އިސްވެދިއަ އަހަރާއި ކުރިއަށް އޮތް އަހަރާއި 2 އަހަރު ދުވަހުގެ ފާފަތައް ފުއްސަވައިދެއްވެވުން ހެއްޔެވެ؟
ދަތުރުކުރަންޖެހޭނަމަ ކުރުމަކީ މައްސަލައެއް ނޫނެވެ. ދަތުރުކުރިނަމަވެސް ރޯދަހިފޭނެއެވެ. ދަތުރުމަތީގައިވެސް ތަކްބީރު ކިޔައި ޛިކުރުކުރެވޭނެއެވެ. އެންމެ މުހިންމީ އެކަންކަން ކުރުމެވެ.
ހަމައެއާއިއެކު މިއަހަރުގެ ޢަރަފާތުދުވަސް ދިމާވަނީ ހުކުރު ދުވަހަށްކަމަށްވުމުން ހުކުރުނަމާދަށް ކޮންމެހެންވެސް ސަމާލުކަންދޭންވާނެއެވެ!
މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް