5. އެއީ ﷲ ތަޢާލާ، އާދަމްގެ ދަރިންގެ ކިބައިން ޢަހުދު ކަށަވަރު ހިއްޕެވި ދުވަސް:
އިބްނު ޢައްބާސް رضي الله عنهما ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ.
"إن الله أخذ الميثاق من ظهر آدم بنعمان – يعني عرفة – وأخرج من صلبه كل ذرية ذرأها ، فنثرهم بين يديه كالذر ، ثم كلمهم قبلا ، قال : ﴿أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ * أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِنْ قَبْلُ وَكُنَّا ذُرِّيَّةً مِنْ بَعْدِهِمْ أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ﴾ (الأعراف : 172-173)"
މާނައީ: "ﷲ ތަޢާލާ އާދަމް عليه السلامގެ ބުރަކަށިފުޅުން ޢަހުދުކަށަވަރު ހިއްޕެވިއެވެ. އެއީ ޢަރަފާތް ދުވަހު "ނަޢްމާން" އެވެ ކިޔުނުތަނުގައެވެ. ފަހެ އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ތެރެއިން، (ދުނިޔެ ނިމެއްޖައުމަށް ދާންދެން އުފަންވާނެހާ ބައެއް)، އެކަލޭގެފާނުގެ މައިބަދައިން ނެރުއްވިއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި، ޒައްރުތަކެއް ފަދައިން އެބައިމީހުން ފަތުރާލެވުނެވެ. ދެން އެއަށްފަހު އެބައިމީހުންނާ ކުރިމަތިލައްވާވޮޑިގެން އެކަލާނގެ ބަސް ވަޙީ ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންއިލާހު ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލްވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ޝަރީކުކޮށް އުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، ބާޠިލްގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކު ކުރައްވަނީތޯއެވެ؟"
- އައްޝައިޚް އަޙްމަދު ނާޒިލް މުޙައްމަދު
(މިއީ ޝައިޚް ޢަރަފާތު ދުވަހާއި ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމުގެ 5 ވަނަ ނުޤްތާއެވެ. މި ނުޤްތާ ވަކިން ފާހަގަކޮށްލާފައި މިވަނީ މިއީ ވަރަށް މުހިންމު މައްސަލައަކަށްވާތީއެވެ. ﷲ ވޮޑިގެންނުވާކަމަށް ބުނާ މީހުންނާއި އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ މީހުން އެދައްކަނީ ދޮގުވާހަކަތަކެއްކަން ބަޔާންކުރުމުގެ ގޮތުންނެވެ.)