މިތިބަ ޒުވާނުންނޭވެ! މިއަދު ބޮޑެތި ގައިބާރުޖެހުމުން އިރުއޮއްސުމާއިއެކު ފެންވަރައި ނަލަހެދިލައިގެން ނުކުމެގެން ތިއަދަނީއެވެ. ކޮންތަނަކަށް ކިއްކުރަން ހެއްޔެވެ؟ ﷲ ތަޢާލާ ނަޙީޚުރެއްވެވި ކަންކަން ކުރުމަށެވެ.
މިހެން ބުނުމުން ބައެއް ޒުވާނުން ބުނެއެވެ. އަހަރެމެން ދާތަނަކަށްދަނީ ބޯއިފްރެންޑް ނޫނީ ގާލްފްރެންޑާއިއެކުގައެވެ. ލޮބުވެތި ޒުވާނުންނޭވެ! ބޯއިފްރެންޑެއް ގާލްފްރެންޑެއް އެހެންވެސް ނަމެއް ކިޔާނެ ކަމެއް ނެތެވެ. ކައިވެނި ނުކުރާހާހިނދަކު ދެމީހުން އެކަހެރިވުންވެސް ޙަމަޙަރާމެވެ.
މިދައްކާ ވާހަކަ ނިކަން އަޑުއަހައިލަބަލާށެވެ!
އެންމެ ފުރަތަމަ ތިބާ ފެންވަރުވަނީ (ދުނިޔެއަށް އުފަންވުމުން) ތިބާގެ އެއްވެސް ބާރެއް ނެތި އެހެން މީހެކެވެ. ފެންވަރުވައިދިނީ ކާކުކަންވެސް ފަހުން ބައަކު ބުނިއްޔާ ނޫނީ ތިބާއަކަށް ނުއެނގޭނެއެވެ. އެންމެފަހުން (ތިބާ މަރުވުމުން) ތިބާ ފެންވަރުވާނީވެސް ތިބާގެ އެއްވެސް ބާރެއް ނެތި އެހެން ބައެކެވެ.
ހަމައެކަނި މިކަމަށް ވިސްނައިލި ނަމަވެސް ތިމާއަކީ އަމިއްލަ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫންކަން އެނގިގެންދާނެއެވެ! އަދި ކީއްހެއްޔެވެ؟ ފުރަތަމަ ފެންވަރުވާއިރު ތިބާއަށް ޙަރަކާތްކޮށް ރުއިމުގެ ބާރު ދެއްވަވާފައިވެއެވެ. މަރުވުމުން ހިނަވާއިރު އެންމެ ކުޑަމިނުން ޙަރަކާތްކޮށްލުމުގެ ބާރުވެސް ނުލިބެއެވެ.
އެހެންކަމުން ސުވާލަކީ އެ ދެމެދުގައި ތިބާ ޖައްބާރުކަން ދައްކަނީ ކީއްވެގެން ހެއްޔެވެ؟ މީސްތަކުންނަށް އަނިޔާވެރިވަމުއެވެ. އަނބިދަރިންނަށާއި ޢާއިލާއަށް، ފިރިންނަށް އަނިޔާވެރިވަމުއެވެ. ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން އެބަކުރަމުއެވެ.
އެއްވެސް ބާރެއް ނެތް ގޮތުގައި ދުނިޔެއަށް އުފަންވެ ބޮޑުވެ ބާރުތައް ލިބުމުން ތިމާއަށް ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލު ނުކުރާނަމަ އެމީހަކީ ކޮން ފަދަ ބޮޑު ޖާހިލެއް ހެއްޔެވެ؟ ޚާއްޞަކޮށް އެޖާހިލުކަންމަތީގައި މަރުވެއްޖެ ނަމަ ދާންޖެހޭނީ ނަރަކައަށްކަން އެނގޭއިރުވެސް މެއެވެ.
މީސްތަކުންނޭވެ! ކޮންމެ ކަމެއްވެސް ވިސްނޭނީ އެކަމަކާއިމެދު ވިސްނައި ފިކުރުކުރުމުންނެވެ. ވީމާ ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ ކުރު މުއްދަތުގައި މިފަދަ ކަންކަމަށް ވިސްނައި ފިކުރުކުރާށެވެ! އެއިރުން ތިމާއަކީ އެއްވެސް ބާރެއް ނެތް މީހެއްކަން އެނގިގެންދާނެއެވެ. ތިމާގެ ނިކަމެތިކަން އިޙްޞާޞް ކުރެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން