ފުރަތަމަވެސް ކިޔުންތެރިންގެ ކިބައިން މިއެދޭނީ މާފަށެވެ. އެއީ މިކިޔައިދެނީ ތަންކޮޅެއް އާދައާއި ޚިލާފް ވާހަކައަކަށްވާތީއެވެ. މިފަދަ ވާހަކައެއް ޙިއްޞާކުރަންޖެހުނު ސަބަބު ފަހުން ބުނާނަމެވެ.
އެއީ ތަނަވަސް މަންމައެކެވެ. މަންމަގެ ތިބީ 2 އަންހެންދަރިންނެވެ. ފިރިމީހާވަނީ ނިޔާވެފައެވެ. ދަރިން ބޮޑެތިވެ ދޮށީ ދަރިފުޅު ކައިވެނިކުރާ އުމުރަށް އެޅުމުން ކައިވެނިކުރާނެ ރީތި ޒުވާނަކު މަންމަދެއްކިއެވެ. ދެމީހުންގެ ކައިވެނިކުރެވުމުން މަންމަ ބޭނުންވީ ދަރިފުޅު ފިރިމީހާގެ ގެއަށް ނުގޮސް ފިރިމީހާ އަނބިމީހާގެ ނުވަތަ މަންމަގެ ގެއަށް ގެންނާށެވެ. ދަރިފުޅު އެކަން ޤަބޫލުކުރިއެވެ. ފިރިމީހާ ގެއަށް ގެނެސް ގޭގައި ދިރިއުޅެން ފެށިއެވެ.
ކައިވެންޏަށް ހައަކަމަސްދުވަސްވީތަނާ ފިރިމީހާގެ ފޯނުން ޙަޤީޤަތް ފަޅާއެރިއިރު ފިރިމީހާ އާއި މަންމަ އާއި ދެމީހުންނަކީ މާކުރިންސުރެ ދެލޯބިވެރިންނެވެ. މަންމަގެ އުމުރަކީ 57 އަހަރެވެ. ފިރިމީހާގެ އުމުރަކީ 21 އަހަރެވެ. މިކައިވެންޏެއް މިކުރުވީ އުމުރުގެ ތަފާތު މިހައިބޮޑުކޮށް ކައިވެނިކުރަން މަންމަ ލަދުގަންނާތީއެވެ. އެކަން ދުނިޔެއަށް ނުއަންގައި ސިއްރުކޮށްގެން ދެމީހުން އެކުގައި އުމުރަށް އުޅެން ބޭނުންވެގެންނެވެ. މަންމަގެ ރޭވުމުގެ މަތިންނެވެ.
މިކަން ފަޅާއެރުމުން ދަރިންނާއި ކުރިމަތިލުމުގެ ހިތްވަރެއް މަންމައަކަށް ނުލިބުނެވެ. ރޭގަނޑު ދަންވަރު ދަރިފުޅުގެ ފިރިމީހާ ގޮވައިގެން ފިލައިގެންދިއައީއެވެ. އެދިއަ ގޮތަކަށް ޚަބަރެއް ނުވެއެވެ. ދިއަތަނެއް އުޅޭ ޙާލެއްވެސް ނުއެނގެއެވެ. ފޯނު ނަންބަރު ބަދަލުކުރީމާ ގުޅޭނެ ގޮތެއްވެސް ނުވިއެވެ.
އެތައް ދުވަހެއްފަހުން ދެދަރިން ވެސް ދެމީހުނާއި ކައިވެނިކޮށްގެން ދިރިއުޅެންފެށީއެވެ. މަންމައަށް އެއްޗެތިކިޔޭކަށްވެސް ފިލައިގެން ދިއައިރުވެސް ދިއައީ ދެދަރިންނަށް އުފަލުގައި ދުނިޔޭގައި އުޅެވޭވަރަށް ފައިސާވެސް ކުދިންގެ އެކައުންޓަށް ލައިދީފައެވެ. ވީމާ މަންމައަކީ ދަރިންނަށް ދެރައެއް ދޭން ބޭނުންވި އަންހެނެއް ނޫންކަމާއި ކަންކަން މިހެންމިދިމާވީ ލޯބީގެ ޖަޒުބާތުގައި ޖެހިގެންކަން އެބައެނގެއެވެ.
ދެން މިކިޔައިދެނީ މިވާހަކަ ކިޔައިދޭން ޖެހުނު ސަބަބެވެ. އަޅުގަނޑުގެ އެންމެ ގާތް އެކުވެރި 2 އަހެންކުދިންގެ ތެރެއިން އެއްކުއްޖަކަށް ހަމަ މިފަދަ ކަމެއް މެދުވެރިވިއެވެ. އެއީވެސް ހަމަ ތަނަވަސް މަންމައެކެވެ. ކުޅިގަނޑު ފަޅާއެރުމުން ދަރިފުޅުގެ ފިރިމީހާ ގޮވައިގެން ގޮސް ދެމީހުން ދިރިއުޅެނީ ލަންކާގައެވެ. އެމަންމަ ދަރިންނަށްވެސް ގުޅައެވެ. ގުޅުންވެސް ބާއްވައެވެ. ނަމަވެސް އެއްވެސް ދަރިއަކާއި ބައްދަލުކުރަން ބޭނުމެއް ނުވެއެވެ.
މިދެހާދިސާއަށް ބެލުމުންވެސް އެނގެނީ އެފަދަ ކަންކަން ކުރަން މައިން ލަދުގަންނަކަމެވެ. އަދި އެއީ އިންތިހާއަށް ބޮޑުކުށެއްކަން ޤަބޫލުކުރާ ކަމެވެ. އެހެންކަމަށްވާއިރު މިހެން މިކަންކަން މެދުވެރިވާންވީ ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ބޮޑު މުސްކުޅިއަކާއި ކިތަންމެ ހަގު ކުއްޖަކު ކައިވެނިކުރުމަކީވެސް އެއްވެސް މައްސަލައެއް ނޫނެއް ނޫންހެއްޔެވެ؟
ހަމަގައިމުވެސް ދަރިފުޅު ކައިވެނިކުރި މީހަކާއި ކައިވެނިކުރަން މަންމައަކަށް ހުއްދައެއް ނުވާނެއެވެ. (ދަރިއަކު ކައިވެނިކޮށް ރޭކޮށްފި މީހަކާ މަންމައަކަށް ދުވަހަކުވެސް ކައިވެނިކުރުން ހުއްދަވެގެން ނުވެއެވެ. ހަމައެއާއިއެކު މަންމަ ކައިވެނިކޮށް ރޭކުރި ފިރިހެނަކާއި ދުވަހަކުވެސް އެމަންމަގެ ދަރިން ކައިވެނިކުރުން ހުއްދަވެގެނއް ނުވެއެވެ.) ވީމާ ދެމީހުން ލޯބިވާތީ އެކުގައި އުޅެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ދެމީހުން ލޯބިވާތީ ސުވަރުގެދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟ މިއީ ކޮންފަދަ ބޮޑު ހިތާމަހުރި ކަމެއް ހެއްޔެވެ؟
އަޅުގަނޑަށް މިދެއްކުނީ ލަދުވެތިވާހަކައެއްކަމަށް ދެކޭ ބައަކު ވެސް ތިބޭނެއެވެ. ކިތަންމެ ލަދުވެތިނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މަދުންނަމަވެސް ހިނގާނަމަ އެކަމެއްގެ ވާހަކަ ނުދައްކައިތިބީމާ އެފަދަ ކަންކަންކުރާ މީހުންވާނީ ގިނައެވެ. ވީމާ އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާނީ އުމުރުގެ ތަފާތު ކިތަންމެ ބޮޑުނަމަވެސް ލޯބިވެއްޖެ ނަމަ ކައިވެނިކުރާށެވެ. ދަރިންލައްވައި ކައިވެނިކުރުވައިގެން އެކުގައި ވަގަށް ލޯބީގެ ގުޅުން ހިންގަން ނުހަދާށެވެ! އެއިރުން ތިމާއަށް އަބަދުވެސް އެހުރެވެނީ ފާފަކުރުން މަތީގައެވެ.
މިލިޔުމުގައިވެސް އަޅުގަނޑު ވާހަކައަކަށްވުރެ ބޮޑަށް ބަލާފައިވާނީ ނަޞޭޙަތަކަށެވެ. ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ނަޞޭޙަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް