މިއީ މިއަދުނޫހުގެ ހުރިހާ ކިޔުންތެރިން އަދި ހުރިހާ މުސްލިމުން ކުރުދޮށި ނަގައި ފުނިފުންޏަށް ޘަވާބު ލިބިގަންނަން އޮތް ވަގުތުކޮޅެވެ. ވަގުތުކޮޅު ވަރަށް ބޮޑަށް ކުތަންވެ އަތުންބީވެ ގެއްލިގެންދަނީއެވެ. މިއަގުހުރި ވަގުތުކޮޅު ދެމިގެންދާނީ މިރޭގެ ފަޖުރުލުމާއި ހަމައަށެވެ. ޢަރަފާތު ދުވަހުގެ ރޯދައަށް ފެށެންދެންނެވެ.
ލޮބުވެތި ކިޔުންތެރިންނޭވެ! މާދަމާގެ ރޯދަ ހިފަން އަވަހަށް އެކުވެރިއަކަށް ވަޞިއްޔަތްކޮށްލާށެވެ! އޭނާ ރޯދަ ހިފައިނަމަ އޭނާއަށް އެއްވެސް މިންވަރެއް އުނިކުރެއްވުމެއްނެތި ތިބާއަށް ވެސް ހަމަ ރޯދައިގެ ޘަވާބު ދެއްވަވާނެތެވެ. އަދި ކީއްހެއްޔެވެ؟ އޭނާ ރޯދަ ނިހިނަމަވެސް ތިބާ އޭނާއަށް ނަބޭޙަތްދިން ކަމަށްޓަކައި ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
ވީމާ ވީހާގިނަ އެކުވެރިންނަށް މިލުޔުން ޝެއާކޮށްލުމަކީވެސް ވަރަށް ރަނގަޅު ގޮތެކެވެ. އެހެނީ އެއިރުން އޭނާ އެހެންބައަކަށް، އޭނާގެ އެކުވެރިންނަށް ޝެއާކުރުމުން އެކަމުންވެސް ތިބާއަށް ޘަވާބު ދެއްވަވާނެތީއެވެ.
އެކުވެރިންގާތު ބުނާށެވެ!
ޢަރަފާތް ދުވަސް ހުކުރު ދުވަހަކާ ދިމާވީމާ ހުކުރު ދުވަހު އެކަނި ރޯދަހިފުން ހުއްދައެވެ. ވީމާ އެހެން ދުވަހަކާ ނުގުޅުވާ މާދަމާ އެކަނި ރޯދަހިފަން ނަމަވެސް މާދަމާ ރޯދަހިފައިލާށެވެ.
"ހުކުރު ދުވަސް ވެސް އަދި ހޮނިހިރު ދުވަސް ވެސް ވަކިވަކިން އެކަހެރިކޮށް ރޯދަ ހިފުމަށް ޚާއްޞަ ނުކުރުމަށް އިރުޝާދު ދެއްވައިފައިވަނީ އެއްވެސް މުނާސަބަތަކާ ނުލައި، މީހަކު އަމިއްލަ އަމިއްލައިން ހިފާ ރޯދައިގައެވެ.
އެއީ، ޢަރަފާތް، ޢާޝޫރާ، އަދި ޤަޟާ ރޯދަ ފަދަ ރޯދަތައް އެ ދުވަހާ ދިމާވެއްޖެއްޔާ އެކަހެރިކޮށް ނުހިފަން އޮތް އިރުޝާދެއް ނޫނެވެ. އެ ފަދަ ރޯދަތައް އިސްތިސްނާވެގެންވެއެވެ. والله أعلم!"
- ޝައިޚް ޝަފީޢު ޢަބްދުﷲ