ރޭގަނޑުގެ އަނދިރިކަމަކީ ޢިބްރަތެކެވެ. އިރުއޮއްސުމާއިއެކު މަޣްރިބް މިކުރަނީ އެހެންވެގެންނެވެ. ރަތްވިލާ އޮއްސުމާއިއެކު ޢިޝާ ނަމާދު މިކުރަނީ ވެސް ހަމަ އެހެންވެގެންނެވެ. އެކަންކަމުން ސަލާމަތްވުމަށެވެ. އެކަންކަމުން ސަލާމަތްވެފައިވާ ޙާލު އަނެއް ދުވަހާއި ކުރިމަތިލަނީ ފަތިސްނަމާދުން ކަމަށް ހަދާށެވެ! އަދި އީމާންކަންމަތީގައި ސާބިތުވެ ތިބުމަށް މެންދުރު ނަމާދާއި ފަތިސް ނަމާދަށް ވެސް ފަރުވާތެރިވާށެވެ!
ފިތުނަ އާއި ޖާހިލުކަން ކުރިމަތިނުލާ އެންމެ ދުވަހެއްވެސް ފާއިތުވެގެނެއް ނުދެއެވެ. ދުވާލުގެ އަލިކަމަށްފަހު ރޭގަނޑުގެ އަނދިރިކަން ބައްދަލުކުރާ ފަދައިން ކޮންމެ ދުވަހަކުވެސް ފިތުނަ އާއި ޖާހިލުކަމާއި ޝައިޠާނާގެ ވަސްވާސްތައް ކޮންމެ ދުވަހަކުވެސް ބައްދަލުކުރެއެވެ.
ފިތުނަ އާއި ޖާހިލުކަމާއި ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރުމަށް މަގުފަހިކޮށްދޭ ވަސީލަތަކީ ފަރުޟު 5 ނަމާދެވެ. ފަރުޟު 5 ނަމާދާއި ގުޅިފައިވާ ސުންނަތް ނަމާދުތަކެވެ. އެހެނިހެން އަޅުކަމެވެ.
އެއްވެސް ނަމާދަކީ މުހިންމު ނޫން ނަމާދެއްކަމަށް ހީނުކުރާށެވެ! މުސްލިމުންނަށް ކުރަން އޮތީ 5 ނަމާދެވެ. ވީމާ އެމީހަކަށް ފަސޭހަ ދުވަހަކު، ފަސޭހަ ވަގުތަކު، ކުރަން ފަސޭހަ ނަމާދެއް ކުރުމަކުން އަދި އެއީ ނަމާދުކުރުމެއް ނޫނެވެ. ނަމާދުކުރުމަކީ ކޮންމެ ދުވަހަކުވެސް އެ ނަމާދެއްގެ ވަގުތުގައި ނަމާދުކޮށް 5 ނަމާދު އަދާއަށް ކުރަމުން ގެންދިއުމެވެ.
ކޮންމެ ދުވަހަކު އިބިލީހުގެ ކިބައިން ކުރިމަތިވާނެ މިފަދަ ހުރިހާ މުޞީބާތްތަކުން ސަލާމަތްވެ ތިބެވޭނެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައި ދެއްވަވައިފައެވެ. ނަމާދަކީ އެކަމަށް އޮތް އައްޑަނައެވެ. އެ އައްޑަނަ ފޫއަޅުވައިލުމުގެ އެއްވެސް ބާރެއް އިބިލީހަށް ލިބިގެނެއް ނުވެއެވެ. ވީމާ އަބަދުވެސް އައްޑަނަ އަޅައިގެން ތިބޭށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން