ހަތަރު އުދަރެސް ފެނުޖެހިއްޖެ ކަމަށް ބަލައި ރަޖާލުމުގެކުރިން ޔަޤީންކަމާއެކު ނިކަން މިދުޢާ ތަޖުރިބާކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހަތަރު އުދަރެސް ފެނުޖެހިއްޖެ ކަމަށް ބަލައި ރަޖާލުމުގެކުރިން ޔަޤީންކަމާއެކު ނިކަން މިދުޢާ ތަޖުރިބާކޮށްލަބަލަ!

ކަމެއް ދިމާވާއިރަށް ގޮތް ހުސްވީ ކަމަށް ޤަބޫލުކުރެވި މާޔޫސްވެވޭކަން އެއީ އަހަރެމެނެންނަށް ކުރެވޭ ވަރަށް ބޮޑުކުށެކެވެ. އަބަދުވެސް ކަންކަން ދިމާވާނެއެވެ. ދެރަވާންޖެހޭ ފަހަރުތައްވެސް މަދެއް ނުވާނެއެވެ. މައްސަލައަކަށްވަނީ އެހިސާބުން ގޮތްހުސްވީކަމަށް ޤަބޫލުކުރެވޭކަމެވެ.

އެހެން އެކަން މެދުވެރިވަނީ އަހަރެމެންގެ އީމާންކަން ބަލިކަށިވުމުންނެވެ! ވީމާ އެ ފާފަ ފުއްސަވައި ދެއްވުމަށާއި އީމާންކަން ވަރުގަދަކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ!

މުޞީބާތެއް ކުރިމަތި ކުރައްވަވައިފިނަމަ އަހަރެމެން އަބަދުވެސް ޔަޤީންކުރަންވީ އެކަން މެދުވެރިވީ ﷲ ތަޢާލާ އެކަމަށް މިންވަރުކުރައްވަވާފައިވާތީ ކަމެވެ! ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް އަބަދުވެސް އިމްތިޙާންތައް ކުރިމަތިކުރައްވަވާނެ ކަމެވެ. ގޮތްހުސްވެ ހަތަރު އުދަރެސް ފެނުޖެހިގެން އުޅޭ މީހަކު ފަދައިން އުޅެވެނީ މިކަންކަން ހިތުގެ އަޑިން ޤަބޫލުނުކުރެވޭތީއެވެ!

"ޔާ ﷲ! ކަމެއް ކުރިމަތިވާއިރަށް ގޮތް ހުސްވީ ކަމަށް ޤަބޫލުކުރެވި މާޔޫސްވެވޭކަން އެއީ އަޅަމެންގެ ބަލިކަށިކަމުން އަޅަމެންނަށް ކުރެވޭ ކުށެކެވެ! އެކުށަށް ޢަފޫ ކުރައްވަވާނދޭވެ! އިނބަ ﷲ އަޅަމެންނަށް މަގެއް ދައްކަވާނެކަން ހަނދާން ނެތޭކަން އެއީ ވެސް އަޅަމެންނަށް ކުރެވޭ ކުށެކެވެ. އެ ކުށަށްވެސް ޢަފޫ ކުރައްވަވާނދޭވެ! އަޅަމެން ނިކަމެތި ކުރައްވަވައި ބާކީ ނުކުރައްވަވާނެ ކަމަށް އަޅަމެން ޔަޤީންކުރަމުއެވެ. އިނބަ ﷲ އަށް ފުރިހަމައަށް އިތުބާރުކޮށް އެކަމުގެ މަތީގައި ދެމިތިބޭ ބައަކު ކަމުގައި އަޅަމެން ލައްވަވާނދޭވެ! އަޅަމެންގެ އީމާންކަން ވަރުގަދަކޮށްދެއްވަވާނދޭވެ! އީމާންކަންމަތީގައި ޘާބިތުވުމުގެ ތައުފީޤް އަޅަމެންނަށް ދެއްވަވާނދޭވެ!" އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން