އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ކައިވެނިކުރަންވާނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ. އެއްވެސް ފަރާތެއްގެ މަޖުބޫރުން ކައިވެނިކުރުމެއް ނެތެވެ. ކައިވެނިކުރަން މައިން ބަފައިން ދައްކާ މީހާއަކީ ތިމާ ނުރުހޭ މީހެއް ނަމަ ކައިވެންޏަށް ދެކޮޅު ހެދުމުގެ ޙައްޤު ކޮންމެ އަންހެނަކަށްވެސް ލިބިގެންވެއެވެ.
ޞަޙާބީންގެތެރޭގައި ހިމެނިވަޑައިގެންނެވި ޖުލައިބީބްގެ ކައިވެންޏަށް އެދިވަޑައިގެން ރަސޫލް (ﷺ) މައިންބަފައިންނަށް ހުށަހެޅުއްވެވުމުން އަންހެންކުއްޖާގެ މަންމަ އާއި ބައްޕަ އެކަމަށް އިންކާރު ކުރިއެވެ. ނަމަވެސް ދެމަފިރިންގެ ދަރިފުޅު ކައިވެނިކުރައްވަން ބޭނުންފުޅުވުމުން ކައިވެނި ކުރެވުނެވެ. މައިންބަފައިން އެކައިވެނި ކޮށްދިނެވެ.
މިކަމުންވެސް އެނގިގެންދަނީ ހެޔޮލަފާ، ތަޤްވާވެރި ފިރިހެނަކާއި ކައިވެނިކުރަން އަންހެނަކު ބޭނުންވެއްޖެ ނަމަ އެކަމަށް ހުރަސްއެޅުމުގެ ޙައްޤު މައިންބަފައިންނަށް ނެތް ކަމެވެ.
ހަމައެއާއިއެކު ވަކިމީހަކާއި ކައިވެނިކުރަން ދަރިންނަށް މަޖުބޫރުނުކުރުވާށެވެ! މައިންބަފައިންނަށް ފެންނަ ރަނގަޅުގޮތް ބުނެދޭށެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވިފައިވާނަމަ މައިންބަފައިންގެ ބަސް ޤަބޫލުކުރާނެއެވެ.
ވިސްނަން ޖެހޭނެ ކަމަކީ ކައިވެނިކޮށްގެން އެމީހަކާއިއެކު ދިރިއުޅެންޖެހޭނީ ދަރިފުޅަށް ކަމެވެ. އެކުއްޖަކު ނުރުހޭ މީހަކާއިއެކު ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމެވެ. މައިންބަފައިން ވާންޖެހޭނީ ދަރިންނަށް މަގުދައްކައިދޭ ބައަކަށެވެ. މަގުބަންދުކުރާ ބައަކަށްނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން