މިއަހަރުގެ ބޮޑު ޢީދު ބަންދު ފެށިގެން ކުރިއަށްދަނީއެވެ. ޗުއްޓީގައި ފޯރުންތެރިންނާއި ޙާލަތު މަޖުބޫރުކުރުވި މީހުން ރާއްޖެއިން ބޭރަށް ދިއައެވެ. މާލޭގައި ދިރިއުޅޭ ގިނަ ބައަކު ރާއްޖެތެރެއަށްވެސް ދިއައެވެ. ރިޒޯޓުތަކަށްވެސް ދިއައެވެ.
ދަތުރުތަކުގައި ތިމާމެންނާއި ތިމާމެންގެ ދަރިން އަވީގެ ހޫނުން ސަލާމަތްކުރުމަށްޓަކައި ފާޑުފާޑުގެ ލޯޝަންތައް އުނގުޅަމުއެވެ. އެހެން ކަންކަން ވެސް ކުރަމުއެވެ. ސުވާލަކީ ތިމާ ވެސް އަދި ދަރިން ވެސް ނަރަކައިން ސަލާމަތްކުރަން އެބަ މަސައްކަތްކުރަމު ހެއްޔެވެ؟ އެކުދިން ލައްވައި ނަމާދުކުރުވުން ފަދަ ކަންކަން އެބަކުރުވަމު ހެއްޔެވެ؟ ދަރިން ތިއަ ގެންގުޅެނީ އަޢުރަ ނިވާކޮށްގެން ހެއްޔެވެ؟ ތިބާ ވެސް މިކަންކަން ކުރަމު ހެއްޔެވެ؟
ތިމާ އާއި ތިމާގެ އަނބިދަރިން ނަރަކައިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އަދި އެކަން ގުޅިފައިވަނީ ހަމައެކަނި ޗުއްޓީ ދުވަސްތަކަކާއިވެސް ނޫނެވެ. ޙަޔާތުގެ ހުރިހާ ދުވަސްތަކާއިއެވެ! ވީމާ އެކަމުގައި އިހްމާލު ވެވޭ މީހުން މި އާޔަތަށް ވިސްނައި ބިރުވެތިވާށެވެ!
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން