ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާނަމަ އެކަމުން އަނގައިދެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ މަތިވެރިކަމެވެ. ތަޖުވީދު ދަސްކޮށް ތަޖުވީދުމަގުން ކިޔަވަން މަސައްކަތް ކުރާނަމަ އެކަމުން އަންގައިދެނީ ﷲ ތައާލާގެ ކަލިމަފުޅުތަކަށް ބިރުވެތިވާ މިންވަރެވެ. މާނަ ކިޔައި ހިތަށް ގެންނަ ނަމަ އަންގައިދެނީ ﷲ ގެ ކަލިމަފުޅުތައް އުނގެނެން ބޭނުންވާ މިންވަރެވެ.
މީހުން ދެކެ ވާ ލޯތްބަކީ އަނިޔާއަކަށްވެސް ވެދާނެއެވެ. ލިބޭ ބޮޑު ގެއްލުމަކަށްވެސް ވެދާނެއެވެ. އެންމެ ލޯބިވާ މީހާ ބޭވަފާތެރިވެސް ވެދާނެއެވެ. އަނިޔާވެރިވެސް ވެދާނެއެވެ. ސަލާމަތް ނުވެވާރު ބޮޑު ލަނޑެއް ދީފައި ފިލައިވެސްފާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ކޮންމެ ދުވަހަކުވެސް އެތައް މިލިއަން އިންށާނުންނަށް ކުރިމަތިވަމުން އަންނަ މައްސަލަތަކެވެ.
ނަމަވެސް ﷲ ތަޢާލާއަށް ވާ ލޯތްބަކީ ދުވަހަކުވެސް ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. އެކަމުގެ ފައިދާ ދުނިޔެއާއި އާޚިރަތުގައިވެސް ފެންނާނެއެވެ. ދުވަހަކުވެސް އެއްވެސް ކަމެއްގައި އެއްވެސް އިންށާނަކަށް ޒަރެއްގެ މިންވަރުވެސް ބޭއިންޞާފުން އެކަލާނގެ އެއްވެސް ކަމެއް ނުކުރައްވަވާނެތެވެ!
ވީމާ ދެ ދުނިޔެއިން ހެޔޮ ގޮތްތައް ލިބުމަށް އެދޭ މީހާ ކީރިތި ޤުރްއާނަށް ސަމާލުކަންދޭށެވެ. ކީރިތި ޤުރްއާނަށް ލޯބިކުރާށެވެ! ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ކީރިތި ޤުރްއާނަށް ފަރުވާތެރިވެ ރައްކައުތެރިވާށެވެ! ކީރިތި ޤުރްއާނަށް އަމަލުކުރާށެވެ! އެފަދަ މީހުން ދެ ދުނިޔޭގައިވެސް ތިބޭނީ އުފާވެރިކަމުގައެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން