ސްކޫލްތަކުގެ ބަންދާއި ޢީދު ބަންދު އެކުވުމުން ޜާއްޖޭގެ ހުރިހާ ރަށްތަކަށް ގިނަ ބައަކު ވަނީ ދަތުރުކޮށްފައެވެ. ބައެއް ރަށްރަށަކީ އެހައި ތަނަވަސް ރަށްތަކެއް ނޫނެވެ. ވީމީ ދިރިއުޅުމުގެ ފެންވަރުވެސް ތަފާތުވާނެއެވެ.
ތިބާ ގޮސްހުރީ ޙާލަތުގެ ގޮތުން އެހައި ތަނަވަސްކަންބޮޑު ރަށަކަށް ކަމަށްނުވެދާނެއެވެ. ނަމަވެސް ތިބާގެ ޖީބުގައި ތަނަވަސްކަން ހުރެދާނެއެވެ. އެހެންކަމަށްވެއްޖެނަމަވެސް ކިބުރުވެރިވެ ބޮޑާވެގެން ނުއުޅޭށެވެ. އަދި ކީއްހެއްޔެވެ؟ ތަނަވަސް ރަށަކަށް ދެވުނު ނަމަވެސްމެއެވެ. ސަބަބުތައް ބައިވަރެވެ.
ތިމާ، ތިމާމެންވަރުގެ ބައަކު ނެތްކަމަށް ދެކެ ކިބިރުވެރިވެ ބޮޑާވާއިރު ކިބުރުވެރިކަމާ ބޮޑާކަމަކީ ނަރަކައިގެ އަލިފާނެވެ. އެފަދަ މީހުން އެކަން ދޫކޮށް ނުލައިފިނަމަ ﷲގެ ޙަޟްރަތުގަ އެމީހުންގެ ދަރަޖައަކީ ބަލިކަށިކަމާއިއެކު ބިމުގައި ފުރޮޅޭ ފަނިފަކުސައިގެ ދަރަޖައެވެ!
މިއީ ޞަޙީހް ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ. ވީމާ ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާ މިފަދަ ސިފަތައް ދޫކޮށްލަން ޖެހެއެވެ.
ބައެއް މީހުންނަށް ތަނަވަސްކަން ލިބުމުން ނުވަތަ ނުފޫޒު ގަދަ މަޤާމެއް ލިބުމުން ކިބުރުވެރިވެ ބޮޑާވެއެވެ. އެމީހެއްގެ ސައިޒް ބިޔަ ފަރުބަދައެއް ފަދައިން ފެނެއެވެ. އެހިސާބުން މީސްތަކުންނަށް ޚާއްޞަކޮށް ނިކމެތިންނަށް ކުނި މޫނު ދައްކައެވެ. ނިކަމެތިންނާއި ބައްދަލުކުރަން ވެސް ބޭނުމެއް ނުވެއެވެ. ނިކަމެއްޗަކާއި ސަލާމްކުރި ނަމަވެސް ހީވާނީ ނަޖިހެއްގައި އަތްލަން އުޅޭހެންނެވެ. އެހައިވެސް ފަކުރު ގަނެއެވެ.
މިހިރަ ފެންނަނީ ހާދަހައިވާ ނުބައިކަންބޮޑުވެގެންވާ ސިފަތަކެވެ. މިފަދަ މީހުންނަށް އެއްވެސް މީހަކު ހިތްހެވެއް ނުކުރާނެއެވެ. އެންމެންގެ ލަޢްނަތް އެމީހަކަށް ދާނީ ލިބެމުންނެވެ. އެކަމުގެ ސަބަބުން އެމީހަކަށް ދުނިޔޭގައިވެސް ގިނަފަހަރު އޮންނަނީ ނިކަމެތިކަމާއި ކުރިމަތިލާން ޖެހިފައެވެ.
ނިކަން ވިސްނައިލަބަލާށެވެ! ތިމާއަށް ތިމާގެ ސައިޒު މާބޮޑުކަމަށް ފެނުމުން ޖަމާއަތަށް ނަމާދަށް އަރަން ބޭނުން ނުވާ މީހުން އެބައުޅެއެވެ. އޮފީހުގެ ކޮޓަރީގައި މުސއްލައެއް އަޅައިގެން އެކަނި އެބަ ނަމާދުކުރެއެވެ! އެއީ ނަމާދުކުރަން ކާކު އޭނާއަށް ހުއްދަ ދިން ގޮތެއް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެއީ ރަސޫލް (ﷺ) އާއި ޞަހާބީން ކަންކުރެއްވެވި ގޮތެއް ނޫނެވެ! ރަސޫލް (ﷺ) އާއި ޞަޙާބީންވެސް ނަމާދުކުރެއްވެވީ ޖަމާޢަތުގައެވެ. މިބުނި ފަދަ އަމިއްލައަށް ބިޔަކަމަސް ފެނިގެން އުޅޭ މީހުން އެބޭކަލުންނަށްވުރެވެސް މަަތިވެރިކަން ބޮޑީހެއްޔެވެ؟
މިހިރަ މިހިރަ ކަންކަމަކީ މުސްލިމުން މިއަދު ވިސްނައި ފިކުރުކުރަން ޖެހިފައިވާ ކަންކަމެެވ. އިޞްލާޙްކުރަން ޖެހިފައިވާ ނުބައި ސިފަތަކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން