ކަންބޮޑުވާންވީ ކުރަންޖެހުނު މަސައްކަތެއް ކުރުމުން އަތް ހަޑިވެދާނެތީއެއް ނޫނެވެ! ލަދުވެތިވާންވީ ސަލާންޖަހާ އާދޭސްކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކަންބޮޑުވާންވީ ކުރަންޖެހުނު މަސައްކަތެއް ކުރުމުން އަތް ހަޑިވެދާނެތީއެއް ނޫނެވެ! ލަދުވެތިވާންވީ ސަލާންޖަހާ އާދޭސްކުރާށެވެ!: މުފްތީ މެންކް

"ޙާޞިލުކުރަން އުޅުމުން ޙާޞިލު ނުކުރެވުނު ކަންކަމުން ތިމާގެ ޢަޒުމް ގުޑިގެންދިއަ ނުދޭށެވެ! އިއްޔެ ޙާޞިލު ނުކުރެވުނު ކަންކަން ހަނދާނުގައި ބަހައްޓައިގެން މިއަދު ނުއުޅޭށެވެ! ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ! އެއްވެސް ކަމަކީ އެހައި ފަސޭހައިން ޙާޞިލުކުރެވޭ ކަންކަމެއް ނޫނެވެ.

ﷲ ތައާލާ ވަނީ ތިބާއށް ވަރަށް ގިނަ ނިޢުމަތްތައް ދެއްވަވައިފައެވެ. ﷲ ހުއްދަކުރެއްވެވި އެއްވެސް މަސައްކަތެއް ކުރުމުން އަތް ހަޑިވެދާނެ ކަމަށްޓަކައި ބިރުނުގަންނާށެވެ! ކުރަންޖެހުނު އެއްވެސް މަސައްކަތެއް ހަޑިވެގެން މަރުވި މީހަކު ނެތެވެ!

އަދިކީއްހެއްޔެވެ؟ ކަންބޮޑުވާންވީވެސް ، ލަދުވެތިވާންވީވެސް ކަންކަމުގައި އެހެން މީހުންނަށް އާދޭސްކޮށް ސަލާން ޖެހުމަށެވެ."

--މުފްތީ މެންކް

މުފްތީ މެންކުގެ މި ބަސްފުޅުތަކަކީ ވެސް ހަމަ ޢިބްރަތުން ފުރިގެންވާ ބަސްފުޅުތަކެކެވެ. އެއްވެސް ކަމެއް ޙާޞިލު ނުކުރެވުނީތީ އުންމީދު ކަނޑައިލުމެއް ނެތެވެ. އަދި ކަމެއް ޙާޞިލު ނުކުރެވި އޮތުމުން އެކަމާއި ދެރަވެ ހިތާމަކުރުމެއްވެސް ނެތެވެ. އޮތީ ޢަޒުމާއިއެކު އެކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތް ކުރުމެވެ.

ކުރާކަށް ވަކި މަސައްކަތެއްވެސް ނެތެވެ. ބޭނުންވަނީ އުފަލުގެ ދިރިއުޅެވޭވަރަށް ފައިސާއެވެ. މިސާލަކަށް ރާއްޖޭގެ މަސްމާރުކޭޓުގައި މަސްކަނޑާ މީހުންވެސް މަސައްކަތް ނިންމާފައި ގެއަށް ދަނީ އެކަށީގެންވާ ވަރަށް ފައިސާ ހިފައިގެންނެވެ. ކަސްޓަމުން މުދާ ނެރޭ މަޖޫރީންވެސް މަހަކު ޢާންމުކޮށް މަދުވެގެން 30000 ރުފިޔާ ވަރު ހޯދައެވެ. މަސްވެރިންނަށް މަސް ބޭނޭނަމަ ހަމަ މަހަކު 30000 ރުފިޔާ ވަރު ލިބެއެވެ. ފާޚާނާ ސާފުކޮށްދޭ މީހުން ދުވާލަކު 2000 ރުފިޔާވަރު ހޯދައެވެ.

މިފަދަ އެއްވެސް މަސައްކަތެއް ކުރާ މީހަކު މަސައްކަތް ނިންމައި ފެންވަރައި ނަލަ ހެދިގެން ހުންނައިރު އެއީ ކޮން މަސައްކަތެއް ކުރި މީހަކު ކަމެއް ނުއެނގެއެވެ. ތިބެނީ ވެސް ހަމަ އެންމެ ރީތި ހެދުން ލައި އަގު ބޮޑު ސެންޓުވެސް ޖަހައިގެންނެވެ.

ވަޒީފާގެ މައްސަލަ ކުރިމަތިވެގެން މިއުޅެނީ ކޮންމެ މީހަކު ޓައީ އަޅައި ނަލަހެދިގެން އޮފީހަސް ދިއުން ނޫނީ ވަޒީފާއެއް ކަމަށް ޤަބޫލު ނުކުރެވިގެންނެވެ. ބުރަ މަސައްކަތެއް ކޮށްލާނެ ހިތްވަރު ނެތުމުންނެވެ.

" ﷲ ތައާލާ ވަނީ ތިބާއށް ވަރަށް ގިނަ ނިޢުމަތްތައް ދެއްވަވައިފައެވެ." މިބަސްފުޅުގެ މުރާދަކީ ވިސްނުމާއި މަސައްކަތް ކުރުމުގެ ކުޅަދާނަކަން ދެއްވަވާފައިވާ ކަމެވެ.

"ﷲ ހުއްދަކުރެއްވެވި އެއްވެސް މަސައްކަތެއް ކުރުމުން އަތް ހަޑިވެދާނެ ކަމަށްޓަކައި ބިރުނުގަންނާށެވެ! އެއްވެސް މަސައްކަތެއް ބުރަވެގެން މަރުވި މީހަކު ނެތެވެ!" އޮތް ބަސްފުޅުގެ މުރާދު އަޅުގަނޑުގެ ވިސްނުމުން އެވަނީ ހާމަކޮށްފައެވެ.

 

މިއަދު އޮންލައިން