"ނަރަކައިގެ ބިރުވެރިކަން ދުނިޔޭގަ ތިއްބައި ދައްކަވާނެތަ؟" މިފަދަ ސުވާލުތައް ބައެއް މީހުން ކުރެއެވެ. ޖަވާބަކީ އާނއެކެވެ. މިހާރުވެސް އެބަ ދައްކަވައެވެ. ނަމަވެސް އެކަންކަން އިޙްޞާޞްކުރެވޭނީ ވިސްނައިފިކުރުކުރާ ބައަކަށެވެ.
މިސާލަކަށްބުނާނަމަ އޮސްޓްރޭލިއާގެ ޖައްވުގައި ދޭތެރެދޭތެރެއިން އުފެދޭ ބައެއް ވިލާގަނޑުތައް ފެނުމުން އެތައް ހާސް ބައަކު އެވަގުތު ބިރުން އުޅެއެވެ. ނަމަވެސް ވިލާގަނޑުތައް ފިލައި ދިއުމުން ހަނދާންނެތެނީއެވެ.
އެފަދަ ވިލާގަނޑުތަކެއް ފެނުމުން ނަރަކަ އިޙްޞާޞް ކުރެވުނު ކަމަށް ފްލައިޓުން ދަތުރުކުރާ ބައެއް ފަސިންޖަރުން ބުނެފައިވާކަން ޚަބަރުތަކުން އެނގޭނެއެވެ. އަދި ބިންމަތީގައި ތިބޭ މީހުންނަށްވެސް ފެނެއެވެ.
އެކަކު ބުނެފައިވަނީ މެލިބަނުން ކެންބަރާއަށް ދަތުރުކުރި ފްލައިޓެއްގައި އިންއިރު ވިލާތައް ފެންނަނީ އޮޅެމުން އުތުރިއަރަމުންދާ އަލިފާނުގެ ގޮތުގައި ކަމަށެވެ. އޭނާ މިމޭރުމުން ބުނެފައިވާއިއރު އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގެ މަތިން އުދުހުން ވަނީ ބިރުވެރިކަމަކަށްވެފައެވެ. ކުއްލި ކުއްލިއަށް ހޫނު ގަދަ ވިލާގަނޑުތަކާއި ދަނީ ކުރިމަތިވަމުންނެވެ.
ފަހުޒަމާނުގެ މުޞީބާތްތަކަށް "ކްލައިމެޓް ޗޭންޖް" ކިޔައި ނަން ބަދަލުކުރުމަކުން ޙަޤީޤަތް ބަދަލެއް ނުވާނެއެވެ. އަލިފާން ފަރުބަދަތައް ގޮވުން ގިނަވުމާއި، ބިންހެލުން ގިނަވުމާއި ހަނގުރާމަތައް ކުރުން ގިނަވުމާއި ބޮޑެތި ހުޅުތައް ރޯވެ އަލިފާނުގެ ހާދިސާތައް ހިނގުން ގިނަވުމާއި މީހުން މެރުން ޢާންމުކަމަކަށް ވުން ފަދަ ކަންކަމަކީ ފަހުޒަމާނުގެ ޢަލާމާތްތަކެވެ.
މިފަދަ ކޮންމެ މުޞީބާތަކީ ﷲ ތަޢާލާ ދެއްވަވާ އިންޒާރެވެ! ޢަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށެވެ. ކްލައިމެޓް ޗޭންޖާއި އެހެންވެސް ތަފާތު ނަންތައް ކިޔަމުން ގެންދަނީ މިކަންކަމުގެ ޙަޤީޤަތް އޮޅުވައިލުމަށެވެ. މިކަންކަމަށް ފިކުރުކުރާ މީހުންގެ ވިސްނުން ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކާއި ދުރުކުރުވުމަށެވެ. މި ހުރިހާ ކަންކަން މިގޮތަށް ހިނގާނެކަން ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުން އޮތީ އެނގޭށެވެ.
ދުނިޔޭގެ ޢިލްމުވެރިންނަށާއި ސައިންސްވެރިންނަށް މިކަންކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޤަބޫލުވެސް ކުރެއެވެ. އެއިގެ ތެރެއިން ބިރުކަނޑާލަން ކެރޭ މީހުން ދަނީ އިސްލާމްވަމުންނެވެ.
ގުޅުންހުރި ވީޑިއޯއެއް: