ޖުމްހޫރީ ޕާޓީގެ ލިޑަރ ގާސިމް އިބްރާހީމަކީ މީހުންނަށް ދެރައެއްދީގެން އޭގެ މަންފާ ނަގައިގެން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.
އަލީ އާރިފް މިހެންވިދާޅުވީ ގާސިމް އާއި ބެހޭގޮތުން ނޫހުން ޝާއިއުކޮށްފައިވާ ލިޔުމެއް ކުށްވެރިކޮށް ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެނޫހުން ބުނެފައިވަނީ ރައީސް ޔާމީން ޖަލަށްލުމަކީ ގާސިމް އިބްރާހީމް ވެރިކަމަށް އައުމަށް ހުޅުވޭ ފަހި ދޮރެއް ކަމަށެވެ.
މިކަމާބެހޭގޮތުން ވާހަކަދައްކަވަމުން އަލީ އާރިފް ވިދާޅުވީ ގާސިމް އިބްރާހީމަކީ މީހަކަށް އަނިޔާވެރިވެގެން ނުވަތަ ދެރައެއްދީގެން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި ސިޔާސީ ބޭފުޅުން ޖަލަށްލައްވައިގެން ވެރިކަމަށް ވަޑައިގަންނަވަން ގާސިމް ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެކަމަށެވެ.
"ގާސިމް އަކީ އެހެން މީހުންގެ މައްޗަށް ނިކަމެތިކަން ލިބޭ ގޮތަށް ވިސްނަވައިގެން އެހެން މީހުންނަށް ދެރައެއްދީގެން އޭގެ މަންފާ ނަގައިގެން ވެރިކަމަށް ވަޑައިގަންނަވަން ޖެހޭ ބޭފުޅެއް ނޫންކަން ރައްޔިތުން ގަބޫލުކުރައްވާނެ. ރައީސް ޔާމީން ޖަލަށްލައްވައިގެން ގާސިމް ކުރައްވާނެ ވެރިކަމެއް ނެތް. އެއަށްވުރެ މާ ފުދިފަ ހުންނެވި ބޭފުޅެއް ގާސިމަކީ" އަލީ އާރިފް ވިދާޅުވިއެވެ.
މީގެއިތުރުން އަލީ އާރިފް ވިދާޅުވީ ގާސިމް އިބްރާހީމް ވެރިކަމަށް ވަޑައިގަންނަވަން ވާދަކުރައްވާނަމަ އެމަނިކުފާނު ވާދަ ކުރައްވާނީ ރޭހުގައި ދެންތިބީ ކޮން ބައެއްތޯ ބަލާފައި ނޫން ކަމަށާއި ނިކުންނަވާނީ އެއަށްވުރެ ކެރިގެންކަމަށެވެ.