ފިރިން އަނބިންނަށް ވަގުތުދޭންޖެހޭ ފަދައިން ފިރިންނަށް ވަގުތުދިނުމަކީ އަނބިންނަށްވެސް ކުރަންޖެހޭ ކަމެކެވެ.
ފިރިމީހާ މަސައްކަތުގައި އުޅެފައި ގެއަށްދާއިރަށް ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ނުކޮށްދެވި ހުންނަނަމަ ހުންނަން ޖެހޭނީ އަނބިމީހާވެސް ވަޒީފާއެއްގައި އުޅޭތީ ނުވަތަ ދަރިން ބަލަންޖެހޭތީ ނުވަތަ ތިމާ ބަލިވުން ނުވަތަ ބައިންބަފައިން ނުވަތަ ޢާއިލާގެ މީހަކު ބަލިވުން ފަދަ ކަމެއް ދިމާވެގެންނެވެ. އެކުވެރިންނަށް ވަގުތުދިނުމާއި ރައްޓެހިންނާ ވާހަކަދައްކަން ގިނަ ވަގުތު ފޯނުގައި ހުރުން ފަދަ ކަންކަން މެދުވެރިވެގެނެއް ނޫނެވެ.
ބައެއް އަންހެނުން، ފިރިމީހާ ގެއަށް ދާއިރަށް ކުރަން ޖެހޭ ކަންކަން ނުކުރެވުމުން ތަފާތު އުޒުރުތައް ދައްކައެވެ. މީހަކު ފޯނުކުރުމުން މާގިނައިރު ވާހަކަ ދައްކަން ޖެހުން، ނޫނީ މިވެނި ރައްޓެއްސަކު ގެއަށް އައިސް ގިނަ އިރު މަޑުކުރުމުން ފަދަ ބަހަނާތައް ދައްކައެވެ. އެއްވެސް ޙާލެއްގައި މިއީ ބަލައި ގަނެވޭނެ ކަންކަމެއް ނޫނެވެ. ވީމާ ވަގުތު ނެތްނަމަ ވަގުތު ނެތްކަމަށް ބުނެ އުޒުރުވެރިވާށެވެ. ފަހުން ގުޅާލާނެކަމަށް ނުވަތަ ފަހުން ގުޅަން ބުނާށެވެ! އޭނށާއަކީ ހެޔޮ އެދޭ މީހަކު ނަމަ އުޒުރު ޤަބޫލުކުރާނެއެވެ.
މިކަމުގައި އަހަރެންގެ އަނބިމީހާއަކީ ލާމަސީލު އަންހެނެކެވެ. ހުރިހާ ސަމާލުކަމެއް ދޭނީ ދަރިންނަށާއި އަހަރެންނަށެވެ. އަދި މައިންބަފައިން ފަދަ ޢާއިލާގެ ސަމާލުކަންދޭންޖެހޭ މީހުންނަށެވެ.
އަހަރެން ގޭގައި އުޅޭ ވަގުތު އަނބިމީހާ ކަންކަންކުރާގޮތް ޚާއްޞަގޮތެއްގައި ފާހަގަކޮށްލާނަމެވެ.
- އަހަރެން ގޭގައި އުޅޭވަގުތަކު ކިތަންމެ ގާތް މީހަކު ގުޅިނަމަވެސް، ޢާއިލާގެ މީހަކު ގުޅި ނަމަވެސް ފޯނުނަގާނީވެސް ވާހަކަ ދައްކަން މަޑުކުރާނީވެސް އަހަރެންގެ ހުއްދަ ލިބިގެންނެވެ.
- ހުއްދަދިން ނަމަވެސް މިވަގުތު ވަރަށް "ބިޒީ" ކަމަށް ބުނެ ފޯނުކުރުކޮށްލާނެއެވެ.
- ގިނަ ފަހަރު ވަރަށް ތެދުބަހުން އެވަގުތު މިއުޅެނީ ފިރިމީހާގެ ޚިދުމަތުގައި ކަމަށް ބުނާނެއެވެ.
އަނބިމީހާ އެގޮތަށް ކަންތައްކުރާތީ އެކަމަށް އެއްވެސް މީހަކު ހިތްބަރެއްވެސް ނުކުރެއެވެ.
- އަލަފް