ޢާއިލާގެ ޒިންމާތަކަށް އިހްމާލުވެފަ އެހެންމީހުންގެ ބޮލުގަ އަޅުވާނަމަ ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ! ކަންކަން ދާނީ ގޯހުން ގޯހަށް ބަދަލުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޢާއިލާގެ ޒިންމާތަކަށް އިހްމާލުވެފަ އެހެންމީހުންގެ ބޮލުގަ އަޅުވާނަމަ ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ! ކަންކަން ދާނީ ގޯހުން ގޯހަށް ބަދަލުވަމުން!

ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްކޮޅަކުން ފަށާނަމެވެ!   

"އެމީހަކަށް ކުރިމަތިވާ ކަންކަމުގެ ޒިންމާ އެމީހަކު ނަގާށެވެ! އެއްވެސް މީހަކަށް މައްސަލައެއް ކުރިމަތިވުމުން އެހެން މީހަކު އެކަމެއްގެ އެއްވެސް ޒިންމާއެއް ނުނަގާނެއެވެ. އެމީހާގެ ސަބަބުން މެދުވެރިވި ކަމެއް ނަމަވެސް މެއެވެ. ވީމާ އެހެން މީހުން ކުށްވެރިކުރުވަން އުޅުން ދޫކޮށްލާށެވެ! އެކަމުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނެތެވެ. 

ކިތަންމެ ވަރަކަށް ޒިންމާ ކުރުވަން އުޅުނު ނަމަވެސް އެމީހުންނަކީ އެފަދަ އެއްވެސް ކަމެއްގެ ޒިންމާ ނަގާނެ ބައެއް ނޫނެވެ. ޒިންމާ ނަގާނެ މީހަކު މީހަކަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. 

ކަން އޮތީ މިފަދައިން ކަމަށްވާއިރު އެހެން މީހުން ކުށްވެރިކުރުވަން އުޅުމަކީ ވަރަށް ނުބައި ސިފައެކެވެ. އެއީ ތިމާ އަދާކުރަން ޖެހޭ ޒިންމާއިން ރެކެން އުޅުމެވެ. މައްސަލަތައް ޙައްލުކުރެވޭނީ އެމީހެއްގެ މައްސަލަތަކުގެ ޒިންމާ އެމީހަކު ނަގައިގެންނެވެ!" 

ޢިމްމުވެރިޔާ ވިދާޅުވެފައިވާ ފަދައިން ތިމާ އުފުލަންޖެހޭ ޒިންމާއެއް ތިމާ ނުއުފުލައި އެހެން މީހުންގެ ބޮލުގައި އަޅުވާނަމަ އެކަމަށް ކިޔާނީ ޒިންމާއިން ރެކުމެވެ. ޒިންމާއިން ރެކެން އުޅޭނަމަ އަނެކާ އަންނަ ރުޅި މާގަދަވާނެއެވެ. 

ބައެއް މީހުން ޢާއިލީ ކަންކަމުގައި އިހްމާލްވެފައި އެހެން މީހުން ކުށްވެރިކުރެއެވެ. ގެއަށް އާދެވުން ލަސްވުން، ގެއަށް ގެންދަން ޖެހޭތަކެތި ނުގެންދެވުން، ޑޮކްޓަރަށް ދެއްކުން ފަދަ މުހިންމު ކަންކަމުގައި ގަޑިޖެހުމުން އެއީ މިވެނި ރައްޓެއްސެއްގެ މިވެނި ސަބަބަކުން މެދުވެރިވި ގޮތެއް ކަމަށް އެބަ ބުނެއެވެ. 

އެއްގޮތަކަށްވެސް އެކަން އެގޮތަށް ނުކުރާށެވެ! ތިމާ އަދާކުރަން ޖެހޭ އެއްވެސް ޒިންމާއެއް އަދާނުކުރެވުމުން އެހެން މީހުންގެ ބޮލުގައި އެކަންކަން އަޅުވަން މަސައްކަތް ނުކުރާށެވެ! ތިމާގެ އަނބިދަރިންނާއި ޢާއިލާގެ ޒިންމާ އުފުލުމަކީ އެމީހަކު ޒިންމާދާރުކަމާއިއެކުގައި ކުރަންޖެހޭ ކަންކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން