ﷲ ތަޢާލާ އެކަމެއް ނަހީކުރެއްވެވި ކޮންމެ ކަމަކީ މުންކަރާތެކެވެ. އެއިގެތެރެއިންވެސް އެއްޖިންސުން ގުޅުން ހިންގުންފަދަ ކަންކަމަކީ ބޮޑެތި މުންކަރާތްތަކެވެ. ޢުޤޫބާތް ބޮޑެތިވެގެންވާ ކަންކަމެވެ. އެފަދަ ޢަމަލުތައްކުރާ މީހުންނާއިމެދު ދެގުނަ އިތުރަށް ސަމާލުކަންދޭންޖެހޭނެއެވެ. އެފަދަ މީހުންގެ ސަބަބުން މުންކަރާތްތައް އިތުރަށް ފެތުރިގެންދާތީއެވެ.
އެކަންކަމަށް ވިސްނާނުލައި އެއީ މަޝްހޫރު މީހުން ނުވަތަ ހުނަރުވެރި ފަންނާނުންކަމަށް ހަދައިގެން އިސްލާމް ދީނުގެ ޢީދު ފާހަގަކުރަން ހިންގާ ކަންކަމުގައި ބައިވެރިކޮށް ހެދުމުން އެނގެނީ އެފަދަ ކަންކަން ކުރުމަކީ އެއްވެސް ކުށެއް ނޫންކަމަށް އެބައަކަށް ޤަބޫލުކުރެވޭކަމެވެ. އެމީހުން އެކުރަނީ ފާފައެއް ނޫންކަމަށާއި އެފަދަ ޢަމަލުތައް ކުރުމަކީ ކުށެއް ނޫން ކަމަށް ޤަބޫލުކުރެވޭ ކަމެވެ.
މިފަދަ ކަންކަމަށް ބައެއް ޢިލްމުވެރިން ދެއްވަވާފައިވާ ނަމަކީ ﷲ ތަޢާލާ އާއި އެކަލާނގެ ޙުކުމްފުޅުތަކާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމެވެ. އެހެންވީމާ މިހުންނަނީ ވަރަށް ނުރައްކައުތެރިކަން ބޮޑު ޢަމަލުތަކެވެ. ނަމަވެސް އެކަންކަން ގިނަބައަކަށް ނުވެސް އެނގެނީއެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ އެކަންކުރުމުން ރަށަކަށް ކޯފާ ފޮނުއްވަވައި އެރަށް އެއްފުށުން އަނެއް ފުށަށް ޖައްސަވާފައިވާ ކަމެކެވެ. އެރަށަކީ މަސްވެރިރަށެކެވެ. ފަތުރުވެރިކަމުގެ ގޮތުން މިހާރުވެސް ކުރިއަރާފައިވާ ރަށެކެވެ. ވީމާ ރިޒުޤުގެ ދޮރުތައް ﷲ ތަޢާލާ ހުޅުއްވަވައިދެއްވެވީމައި ﷲ ތަޢާލާއަށް ފުރަގަސްދީ އެކަލާނގެ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް ފުރައްސާރަކުރަން ހެޔޮވެދާނެ ހެއްޔެވެ؟
އަދި ކީއްހެއްޔެވެ؟ މިއީ އެއްޖިންސުން ގުޅުންހިންގުމާއި ޝިރުކުކުރުން ފަދަ ކަންކަން ރާއްޖޭގައި ފަތުރަން މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެކެވެ. އެހެނީ އެކަމުން އަނގައިދެނީ އެކަންކަމަށް ދިވެހިރައްޔިތުން ސަމާލުކަން ނުދޭކަމާއި ރާއްޖެއަކީ މިހާރު ހުރިހާ މުންކަރާތްތައް ހުއްދަވެފައިވާ ޤައުމެއް ކަމެވެ.
މިފަދަ ކަންކަން ކުރުމުގައި ބައަކު އިސްނަގައިގެން ކުރިނަމަވެސް މިފަދަ ޙަޤީޤަތްތައް އެނގުމުން ރައްޔިތުން އެކަމަށް ނުރުހޭނެކަން އެއީ ޔަޤީންކަމެކެވެ. އެއްޖިންސުން ގުޅުން ހިންގާ އަންހެނާއަށް މަރުޙަބާކިޔަން އިއްޔެ ނުކުތް ބައެއް މީހުންނަށް މިކުރެވުނީ ކިހައިވަރެއްގެ ކަމެއްކަން އެނގުނީވެސް ނޫސްތަކުގައި އެކަމުގެ ވާހަކަތައް ލިޔަން ފެށުމުންނެވެ. އެމީހުންނަށް އެކަމުގައި ބައިވެރިވެވުނީ މިކުރެވެނީ ކިހައިވަރެއްގެ ނުބައި ކަމެއްކަން ނުވެސް އެނގިތިބެއެވެ. ބައެއް މީހުން އަޅުގަނޑަށް ގުޅައި ވަރަށް ދެރަވެ ތިބެގެން އެވާހަކަތައް ކިޔައިވެސްދިނެވެ.
މިހިރީ ހިތާމަހުރި ކަންކަމެވެ. މިހިރީ ލަދުވެތިވާންޖެހޭ ކަންކަން ކަމަށް ދީނީ ޢިލްމުވެރިން ބަޔާންކުރައްވަމުން އެގެންދަވަނީ އެފަދަ ސަބަބުތަކަށްޓަކައެވެ.
- ޒާލިފް / މިއަދުނޫހުގެ ކިޔުންތެރިއެއް