އެއީ އުމުރުން 53 އަހަރުގެ އަންހެނެކެވެ. އެކަނިވެރި އަންހެނެކެވެ. ހުރީ އެންމެ ދަރިއެކެވެ. އެއީ ފިރިހެން ދަރިއެކެވެ. އޭނާ އުޅެނީ ކައިވެނިކޮށްގެންނެވެ. ކައިވެނިކުރިފަހުން އައީ މަންމަ ޢާއި ދުރުހެލިވަމުންނެވެ.
މަޑުމަޑުން ދުރުހެލިވަމުންގޮސް މަންމަ ފެނުމުން ފޫހިވާން ފެށިއެވެ. ގެއަކީ މަންމަގެ ގެ ނަމަވެސް މަންމަ ގޮވައިގެން ގޭގައި އުޅުމަކީ ބޮޑު އުނދަގުލެއްކަމަށް ދެކެން ފެށިއެވެ. މަންމަ އަތުގައި ސޭވިންގްސް ހުރުމާއިއެކު މަންމައަށް ޚަރަދުކުރަން ނުޖެހުނަސް މަންމަ ބެލުމަކީ ބޮޑު ތަކްލީފެއްކަމަށް ދެކެން ފެށިއެވެ.
އެހެންވެ މަންމަގެ ކިބައިން ސަލާމަތްވެވިދާނެ ގޮތަކަށް ވިސްނަމުން ދަނިކޮށް މަންމަ ޑޮކްޓަރަށް ދައްކައިގެން ކުރި ޓެސްޓްތަކަކުން މަންމަގެ ލޭގައި ކެންސަރުގެ އަސަރުހުރިކަން އެނގުނެވެ. ޑޮކްޓަރު ބުނީ އަވަހަށް ފަރުވާ ފެށިއްޖެނަމަ ފަސޭހަވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށެވެ. ނަމަވެސް ދަރިފުޅު ނިންމީ މަންމަ ގާތު ބަލީގެ ވާހަކަ ނުދެއްކުމަށެވެ. އެއީ ފަރުވާނުކުރެވި ގިނަ ދުވަސްވުމުން ބަލިބޮޑުވެ އަވަހަށް މަރުވާނެކަމަށް އުންމީދުކޮށްގެންނެވެ.
ޑޮކްޓަރު ދެއްކި ވާހަކަތައް މަންމައަށް އެހައި ސާފެއް ނޫނެވެ. އަދި ދަރިފުޅު ދެއްކި ވާހަކަތަކަށް އިތުބާރުނުކުރެވޭތީ އާއިއެކު މަންމަ އެކަނި ގޮސް ޑޮކްޓަރާއި ބައްދަލުކުރުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އެވަގުތު މަންމައަށް ރޮވެންފެށިއެވެ. އަދި ރޮމުން ޑޮކްޓަރަށް ކިޔައިދިނެވެ. "ދަރިފުޅުގެ އުމުރުން 7 އަހަރުގައި އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑުމެން ދެމައިން ދޫކޮށްލާފައި ހިނގައްޖެއެވެ. އެއިރުންސުރެ ދަރިފުޅު ގެންގުޅެ ބޮޑުކުރީ އެކަނިމާއެކަންޏެވެ. ވަޒީފާ އަދާކޮށްގެންނެވެ. ބުރަ މަސައްކަތްކޮށްގެންނެވެ. ކިޔަވައިދީ ކައިވެނިވެސްކޮށްދީ ހުރިހާ ކަމެއް ކޮށްދިނީމާ އަވަހަށް އެމައިމީހާ މަރާލަން އެދަރިފުޅު ބޭނުންވީމާ ދެން ބުނަން އޮތީ ކީކޭހެއްޔެވެ؟ ހަމަގައިމުވެސް އޭނާ ވަޒީފާކޮށް އަމިއްލައަށް ފައިސާހޯދަން ފަށަންދެން އޭނާގެ ހަށިގަނޑުގާ ޙަރާމް އެންމެ ލޭތިއްވެސް ނުއިންނާނެއެވެ."
މަންމަގެ ވާހަކަތަކުން ޑޮކްޓަރަށް ވަރަށް އަސަރުކުރިއެވެ. ކަންބޮޑުނުވުމަށް ނަޞޭޙަތްދިނެވެ. އަދި ފަރުވާ ކުރުމުގައި އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބުންޏެވެ.
މަންމަ އައީ ފަރުވާ ހޯދަމުންނެވެ. ނަމަވެސް ދަރިފުޅަކަށް އެއްވެސް ކަމެއް ނުއަންގައެވެ. ދަރިފުޅު ކަންބޮޑުވެފައި ހުންނަނީ މަންމަ ބަލިވުން ލަސްވާތީއެވެ. ޑޮކްޓަރަކީ މަންމައަށްވުރެ 5 އަހަރު ހަގު މީހެކެވެ. އެހެންކަމާއިއެކުވެސް އޭނާގެ ކިބައިގައިހުރި ރަނގަޅު ސިފަތަކަށް ބަލައި ޑޮކްޓަރު އޭނާދެކެ ލޯބިވިއެވެ. އަދި އެގުޅުން އައީ ކުރިއަރަމުންނެވެ.
ކޮންމެއަކަސް އަހަރެއްހައި ދުވަހުގެ ފަރުވާއިން އޭނާއަށް ޝިފާލިބިއްޖެއެވެ. ޝިފާ ލިބުމުގެކުރިންވެސް ދެމީހުން ތިބީ ކައިވެނިކޮށްގެންނެވެ. ޝިފާ ލިބުނުތަނާ ޑޮކްޓަރުގެ ބައްޕަގެ ޙާލުބޮޑުވެގެން ބައްޕަގާތަށްދާން ޑޮކްޓަރަށް ޖެހިއްޖެއެވެ. އެހެންވެ ލާހޯރަށް ބަދަލުވާންޖެހިއްޖެއެވެ.
ދަރިފުޅަށް އެއްވެސް ކަމެއް އަންގާނުލައިހުރެ ފިރިމީހާއާއިއެކު ފުރައިގެންދިއައީއެވެ. ގޮސް ހަމަޖެހިލެވުމުން އޭނާގެ ވިއްކައިލިއެވެ. ގެ ގަތް މީހުން ލިޔުންތައް ހިފައިގެން ގޮސް ގެއިން ނުކުންނަން ދަރިފުޅުގެ ދެމަފިރިންގެ ގާތުގައި ބުނުމުން ދިއައީ ސިއްސައިގެންނެވެ. އެމީހުން ދިން މަންމަގެ ނޯޓުގައި ލިޔެފައިވެއެވެ.
"އަދިވެސް އަހަރެން ބުނާނީ ދަރިފުޅާއެވެ. އެއީ ތިއައީ މަންމަ ވަރަށް ބޮޑެތި ޤުރްބާނީތަކެއްވެގެން ބަލައި ބޮޑުކުރި ދަރިއަކަށްވާތީއެވެ. އެކަންކަމުގެ އަގެއްގެގެ ގޮތުން މަންމައަށް ދޭން ދަރިފުޅު ބޭނުންވި އިނާމަކީ މަންމަ އަވަހަށް މަރައިލުމެވެ. އެއީ މަންމަގެ ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ދަރިފުޅަށް ޖެހޭތީކަމަށްވެދާނެއެވެ.
ތިއަ ގެއަކީ ވަރަށް ސުންޕާ ގެއެކެވެ. ދަރިފުޅުގެ ބައްޕަ މަންމައާއި ދަރިފުޅު ގޮވައިގެން ތިއަ ގޭގައި ދިރިއުޅޭކަށް ބޭނުމެއް ނުވިއެވެ. މަންމަ ގޮވައިގެން ދަރިފުޅު ތިއަގޭގައި އުޅޭކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ އަވަހަށް މަންމަ މަރައިލާށެވެ.
މަންމަ ބިރުގަންނަނީ ތިއަގޭގައި ދަރިފުޅާއިއެކު އުޅެން ދަރިފުޅުގެ އަނބިމީހާ ބޭނުންނުވެ ދަރިފުޅަށް ދެރަގޮތެއް ހަދައިފާނެތީއެވެ. އެހެންވެ އެފަދަ ދެރައަކުން ދަރިފުޅު ސަލާމަތްކުރުމުގެ ބޭނުމުގައި ގެވިއްކައިލީއެވެ. މަންމައަށް މަންމަގެ ބައްޕަގެ މުދަލުން ލިބުނު ބިންކޮޅެއް ކާފަގެ ގޯތީގައި އޮންނާނެއެވެ. އެކަމުގެ ލިޔުންތައް މަންމަގެ ވަތްގަނޑުގާ ހުންނާނެއެވެ. އެތަނުގައި އަމިއްލައަށް ގެއެއް އަޅައިގެން އުފަލުގައި ދިރިއުޅެވޭތޯ ބަލާށެވެ! މަރުނުވެގެން ދަރިފުޅު އުޅުނު މަންމަ މިހިސާބުން މިމަރުވީއެވެ. ވަރަށް ހެޔޮދުޢާ ސަލާމް- މަންމަ-"
ނޯޓުކިޔާފައި ގޮސް މަންމަގެ އަލަމާރި ހުޅުވައިގެން ބެލިއިރު އެލިޔުންތައް ހުއްޓެވެ. ނަމަވެސް ދަހިވެވުނު މަންމަގެ އަގުބޮޑު ގަހަނާތަކާއި ޖަވާހިރުތަކެއް ނެތެވެ. ހުރީ ހުސް އަލަމާރިއެވެ.
ދަރިފުޅު ވަރަށް ދެރަވިއެވެ. ބިންކޮޅު ލިބުނަސް ގެއަޅާނެ ފައިސާއެއް ނެތެވެ. ދެމަފިރިން މަގުމަތިވީއެވެ. ހެދުނު ގޯސްތައް ވިސްނުނެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. މާފަށް އެދެން ގުޅަންބެލިއިރު މަންމަ ވަނީ ނަންބަރު ބަދަލުކޮށްފައެވެ. ގުޅޭނެ ގޮތެއް ނުވިއެވެ.
މިއީ ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ ދިވެހިދަރިވަރަކު ޙަޤީޤީ ވާހަކައެއް ކަމަށްބުނެ މިއަދުނޫހާއި ޙިއްޞާކޮށްފައިވާ ވާހަކައެއްގެ ޚުލާޞާ ތަރުޖަމާއެކެވެ.