އަޅުގަނޑަކީ ކުޑަ 3 ދަރިން ބަލަމުން ގޭތެރޭގެ ކަންތައްތައް އެކަނި ކުރަންޖެހޭ އަންހެނަކީމެވެ. ވަޤުތުޖެހުމުން ނަމާދަށް ނޭރުމުން ފާފަވެރިވާނެތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ޝައިޚް ޝާފިޢުގެ މި ބަސްފުޅުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ނަމާދަކީ އޭގެ ވަޤުތުގައި އަދާކުރަންޖެހޭ އަޅުކަމެކެވެ.
إِنَّ الصَّلاَةَ كَانَتْ عَلَى الْـمُؤْمِنِينَ كِتَابًا مَّوْقُوتًا- النساء 103
މާނައީ: "ހަމަކަށަވަރުން ނަމާދަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވިޔެވެ." (އައްނިސާ: 103)
ނަމާދު އެޅުމަށް އެއްވެސް ޢުޛުރެއް ނޯވެއެވެ. ނަމާދު ވަޤުތުން ފާއިދުވެދާނެ އޮންނަނީ މަޤްބޫލު ދެ ޢުޛުރެކެވެ.
1- ނިދުމާއި
2- ހަނދާން ނެތުމެވެ.
ނަމާދު އޭގެން ވަޤުތުން ފަސްވުމަށް މި ދެ ޢުޛުރު ފިޔަވައި އެހެން ޢުޛުރެއް ނުވާއިރު، ގޭތެރޭގެ ކަންތައްތަކާއި ދަރީންގެ ކަންކަން ތަރުތީބު ކުރުމުގައި އަބަދުވެސް ނަމާދަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތެއް ގެންގުޅެން ޖެހެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّـهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُولَـٰئِكَ هُمُ الْخَاسِرُونَ – المنافقون 9\
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް، ﷲ ހަނދުމަކުރުމުން ތިޔަބައިމީހުން މަޝްޣޫލު ދުރުކުރިޔަ ނުދޭހުށިކަމެވެ. އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ.) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ." (އަލްމުނާފިޤޫން: 9)
އެހެންކަމުން ގޭތެރޭގެ ކަންތައްތަކާއި ދަރީންގެ ކަންކަމުގައި މަޝްޣޫލުވާމީހުން، ދަރީން ގޮވައިގެން ނަމަވެސް، ދަރިފުޅު އުރައިގެން ނަމަވެސް، ނުވަތަ އެހެން މީހަކާ ދަރިފުޅު ޙަވާލުކޮށްގެން ނަމަވެސް، އެ ދަރީން ދެއްވި ﷲ އަށް އަދާކުރަން ޖެހޭ ޙައްޤު އެ ކަނޑައަޅުއްވާފައިވާ ވަޤުތުގައި އަދާކުރަން ޖެހޭނެއެވެ. އެހެން ނޫނީ ފާފަވެރިވާނެއެވެ. ވަﷲ އަޢުލަމު.
--الشيخ محمد شافع