އަނބިމީހާއަކީ ތަނަވަސް މީހެކެވެ. ފިރިމީހާއަކީ އާދައިގެ ފެންވަރުގައި ދިރިއުޅޭ މީހެކެވެ. ދެމީހުން ކައިވެނިކުރީ ލޯބިވެގެން ދުވަސްތަކެއްވަންދެން އެކުގައި އުޅުމަށްފަހުގައެވެ. ކައިވެނި ކުރުމަށްފަހު ފިރިމީހާ މަސައްކަތްކުރަމުންދިއައީ އަނބިމީހާގެ ތަނަވަސްކަމުން ބައެއް ލިބިގަތުމަށެވެ. ނަމަވެސް އަނބިމީހާ އެކަމެއް ނުކުރިއެވެ. ފައިސާދެމުން އައީ އޭނާއަށް ބޭނުންވާނެ ވަރަށެވެ. އިތުރަކަށް ނުދެއެވެ.
އެކަމުގެ ނަތީޖާއަކަށްވީ އަނބިމީހާ މަރާލާނެ ގޮތެއް ހޯދަން ފިރިމީހާ މަސައްކަތްފެށުމެވެ. އެހެންވެ އެަފަދ ކަމެއް ކުރެވިދާނެ ކަމަށް އޭނާގެ އެކުވެރިއަކާއި މަޝްވަރާކުރުމުން އޭނާ އެކަމަށް ދެކޮޅުހެދިއެވެ. އޭނާ ބުނީ އަނބިމީހާގެ އެއްވެސް ކުށެއްނެތި މަރާލަން ހެޔޮނުވާނެ ކަމަށެވެ.
ފިރިމީހާ ބުނީ އަނބިމީހާ އެހައި ތަނަވަސްއިރުގައިވެސް އޭނާއަށް ފައިސާނުދޭކަމަށާއި އެކައުންޓުގައި ހުރީ ވަރަށް މަދު ފައިސާކޮޅެއް ކަމަށެވެ. އެހެންވެ އޭނާ ކުރަންބޭނުންވާ ކަންކަން ނުކުރެވިގެން އުޅޭ ކަމަށެވެ. އަނބިމީހާ މަރާލެވިއްޖެނަމަ ތަނަވަސްކަމުގެ އެއްބައި އޭނާއަށް ލިބޭނެ ކަމަށެވެ. އަދި އެކަމުގެ އަގަކަށް 30،000 ޑޮލަރު ދޭނެ ކަމަށެވެ.
އެކުވެރިޔާ އެކަމަށް އެއްބަސްވިއެވެ. އަދި އަނބިމީހާ ނިދަން އޮއްވައި ވަދެ މަރާލިއެވެ. ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމަށްފަހު ފިރިމީހާ ގެއަށް އައިސް އިނީ އޭނާގެ ޢާއިލާގެ މީހުންނާއިއެކު ރޯށެވެ. ރޮމުން އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ އާއި އަނބިމީހާ މަރުވުމުން ލިބުނު ހިތާމައިގެ ވާހަކަތައް ކިޔައިދެމުން ގެންދިއައެވެ. އަނބިމީހާ މަރައިލި މީހާ އެތަނުގައި ހުރެ ފިރިމިހާއަށް ހިތްވަރުދެމުންދިއައެވެ.
ލިބުނު ބޮޑު ހިތާމައިގައި ޢާއިލާގެ އެންމެން ތިއްބައި 2 ގަޑިއެއްހާއިރު ފަހުން ފެނުނީ ފުލުހުންނާއިއެކު އަނބިމީހާ އައިސް ގެއަށް ވަންތަނެވެ. އެންމެންނަށް އެވަގުތު ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ.
ޙަޤީޤަތަކީ އަނބިމީހާ މަރާލަން ޙަވާލުވިމީހާ އޭނާއަށް އެވާހަކަތައް ކިޔައިދިނީއެވެ. އެކަމުގެ ސަބަބުން އެދެމީހުންގެ މެދުގައި ލޯބި އުފެދުނީއެވެ. ދެމީހުން މަރާލުމުގެ ބަދަލުގައި ދެމީހުން ރާވާފައި ކަންތައް ގަނޑެއް ހިންގައިލީއެވެ. ނަތީޖާއަކަށްވީ ފައިސާދީގެން މީހަކު މަރާލަން އުޅުނުކަމުގެ ކުށުގައި ފިރިމީހާ ހައްޔަރުކުރުމެވެ. އަނބިމީހާ އާއި ފިރިމީހާގެ އެކުވެރިޔާ އާއި ދެމީހުން ގުޅި އަނބިމީހާގެ ތަނަވަސްކަމުގައި ދެމީހުން އުފަލުގައި ދިރިއުޅެންފެށީއެވެ.
އެކުވެރިޔާ އޭނާ މަރައިލިނަމަ ލިބުނީހީ އެންމެ 30،000 ޑޮލަރެވެ. މިހާރުލިބިގެން އެދިއައީ އެތައް މިލިއަން ޑޮލަރެއްގެ ތަނަވަސްކަމެވެ. ވީމާ އެކުވެރިޔާ ބުއްދީގެ ބޭނުންކޮށް ފުރުޞަތުގެ ބޭނުންހިފީއެވެ.
މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ފައިސާގެ ދަހިވެތިކަމުގައި މިފަދަ ކަންކަން އަބަދު ހިނގަމުންދާއިރު އެކަންކަމުން ޢިބްރަތް ޙާޞިލުކުރަން އެބަޖެހެއެވެ. ކައިވެނިކުރާއިރު ހަމައެކަނި ބޭރުފުށުގެ ސިފައަށް ބަލައި ލޯބިވގެން ކައިވެނިކުރާނަމަ މިފަދަ ހާދިސާތައް ދާނީ އިތުރުވަމުންނެވެ.
މީހަކު ދެކެ ލޯބިވުމުގެ ކުރިން އޭނާގެ ޙަޤީޤަތް ދެނެގަނެ ބައިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭނެކަމަށް ދީނުގައި ބަޔާންވެގެންވާ ސިފަތަކަށް ބަލައި އިސްކަންދޭން އޮންނަ ތަރުތީބުން އިސްކަންދީގެން ކައިވެނިކުރާނަމަ މިފަދަ މައްސަލަތައް މަދުވާނެއެވެ.
- ރާމިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް