އާޚިރަތް ލިބިގަތުމަށް އެދޭމީހާ ހިތްތަރުތީބުކުރަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
އާޚިރަތް ލިބިގަތުމަށް އެދޭމީހާ ހިތްތަރުތީބުކުރަން ޖެހޭނެ!

އޮފީހުގެ މަސައްކަތް ތަރުތީބުކުރާ ފަދައިން އިންސާނާގެ އަމަލުތައް ތަރުތީބުކުރަން ޖެހެއެވެ. މިސާލަކަށް ވުޟޫކުރުމާއި ނަމާދުކުރުމަށް ބަލާށެވެ! އަދި އެހެންވެސް އަޅުކަމަށްބަލާށެވެ! އެއިން ކޮންމެ ކަމެއްވެސް އަޅުކަމަކަށްވާނީ އެކަން ކުރަން އޮންނަ ތަރުތީބުން ކުރުމުންނެވެ. 

އިންސާނާގެ ޢަމަލުތައް ތަރުތީބުކުރެވޭނީ ހިތް ތަރުތީބުކޮށްގެންނެވެ. އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭ ކަންކަމަށް އިސްކަން ދީގެން އިންސާނާގެ ޢަމަލުތައް ތަރުތީބުކުރުވާ ގުނަވަނަކީ އިންސާނާގެ ހިތެވެ. އެހެނީ އިންސާނާގެ ޢަމަލުތައް ކުރެވެމުންދާނީ ހިތް އެދޭ ތަރުތީބަކުން ކަމުގައިވާތީއެވެ. 

ވީމާ ކަންކަން ހިތުގައި ތަރުތީބުކުރާއިރު އެންމެ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް އިސްކަން ދޭށެވެ! އެއީ ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުމަށް އިސްކަން ދިނުމެވެ. އެކަންކަން ކޮށްފައި ނޫނީ އެހެން އެއްވެސް ކަމެއް ނުކުރަން ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރުމެވެ. އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އުފެދުމަކީ ﷲ ތަޢާލާ ކުރަން އެންގެވި ކަންކަން ކުރަން ޝައުޤުވެރިވުމެވެ. އެކަންކަން ކުރާ ހިތްވުމެވެ. 

އަހަރެމެންގެ އަމިއްލަ ދިރިއުޅުމަށް ބަލާށެވެ! އެންމެ ބޮޑަށް އިސްކަން ދެވޭނީ އެމީހަކު އެންމެ ލޯބިވާ މީހަކު ބުނާ ކަންކަން ކުރުމަށެވެ. މިސާލަކަށް މީހެއްގެ 5 ދައްތަ ތިބެދާނެއެވެ. އެ 5 ދައްތަ އެކުގައި ކަމަކު ބުނި ނަމަވެސް އެންމެ ފުރަތަމަ ކުރެވޭނީ އެމީހަކު އެންމެ ލޯބިވާ ދައްތަ އެދުނު ކަންތަކެވެ. މިއީ އިންސާނީ ޠަބީޢަތެވެ. މިކަން ދެމިއޮންނާނީވެސް މިގޮތަށެވެ.

މީސްތަކުންނޭވެ! އެމީހަކު ކުރަން ބޭނުންވާ ކަންކަން ކިތަންމެ ގިނަ ނަމަވެސް ﷲ ތަޢާލާ އަހަރެމެންނަށް ކުރަން އަންގަވާފައިވާ ކަންކަން ކުރުމަށް އިސްކަންދޭށެވެ! އަމިއްލައަށް ކުރަން ބޭނުންވާ ހުރިހާ ކަންކަން އެއިގެ ފަހަތުން ތަރުތީބުކުރާށެވެ! 

އަހަރެމެން ކުރެ މީހަކު ޙަޤީޤަތުގައިވެސް ކުރަން ބޭނުންވި ކަމެއް ނުވެ އޮއްވައި މަރުވި ނަމަވެސް އެކަމުގެ ސަބަބުން ލިބޭނެ ގެއްލުމެއް ނެތެވެ. އެކަމަކީ ރަނގަޅު ކަމެއް ނަމަ އެކަމަކަށް ﷲ ތަޢާލާ ޖަޒާ ދެއްވަވާނެތެވެ. ނަމަވެސް ﷲ ތަޢާލާ ކުރަން އަންގަވާފައިވާ އެއްވެސް ކަމެއް ނުކުރެވި ވަނިކޮށް މަރުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. 

ވީމާ ދިރިއުޅުމުގެ ހުރިހާ ކަންކަންވެސް ބައްޓަންކޮށް ރާވަން ޖެހޭނީ އިސްލާމް ދީނުގެ ފަރުޟުތަކާއި ސުންނަތްތަކަށް އަދި ކުރަންޖެހޭ އެހެނިހެން އަޅުކަން ކުރަން އިސްކަން ދީގެންނެވެ. ﷲ ތަޢާލާ ދެކެ ލޯބިވުމަކީ އެއީ އެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން