ތިރީގައި އެވަނީ އިމާމް މުފްތީ އަލިމަސްކާނިވަލުގައި ދެއްވި ދަރުސެއްގެ އުސް އަލިތަކެވެ. ޤައުމު ކުރިއެރުވުމަށްޓަކައި ކޮންމެހެން ބޭނުން ކަމަށް މުފްތީ މެންކު ފާހަގަކުރައްވާފައިވާ 2 ކަމުގެ ތެރެއިން އެންމެ މުހިންމު ކަންތައް ކަމުގައިވާ އީމާންކަން ދޫކޮށްލެވި ކަންކަން ބޮއްސުންލަމުންދާ މިފަދަ ޒަމާނެއްގައި މުފްތީ މެންކުގެ މި ދަރުސްގެ ހަނދާން އައުކޮށްލުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
ޤައުމު ކުރިއެރުވޭނީ ނުވަތަ ރައްޔިތުން ދިރިއުޅޭ ޙާލަތު ކުރިއެރުވޭނީ ރައްޔިތުންގެ އީމާންތެރިކަމާއި ތަޤްވާވެރިކަން އަދި ޢުމްރާނީ ތަރައްޤީވެސް ކުރިއަރުވައިގެންނެވެ. ކުރިއަރައި ގޮސްފައިވާ މުޖުތަމައުތައް ކުރިއަރައި ގޮސްފައިވަނީ މި ގޮތަށް މަސައްކަތްކޮށްގެންނެވެ. އިސްލާމީ މުޖުތަމައުވެސް ކުރިއަރައި ދިއައީ ހަމަ މިގޮތަށް މަސައްކަތްކޮށްގެން ކަމަށްވާއިރު އެކަންކަމުން ޢިބްރަތް ޙާޞިލުކުރަން ޖެހޭނެ އެވެ.
ރާއްޖެއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ގިނަ ގުނަ ނިޢްމަތްތަކަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވާން ޖެހޭނެ އެވެ. އަދި އެ ނިޢްމަތްތަކާއިމެދު ވިސްނައި ފިކުރުކުރަން ޖެހޭނެ އެވެ. ވިސްނުންތެރިކަމާއިއެކު ބަލައިފިނަމަ ރާއްޖެއަށް ދެއްވަވާފައިވާ ނިޢްމަތްތަކުގެ މަތިވެރިކަން އެނގިގެންދާނެ އެވެ. އަދި މިކަންކަމަށް ނުވިސްނާ ބައަކު ވާނީ މޮޔަ ބައަކަށެވެ.
"މިރާއްޖެއަށް ވަނީ ޢަޖައިބު ކުރުވަނިވި ނިޢްމަތްތަކެއް މިންވަރުކުރައްވަވާފަ. ވަރަށް ބޮޑު ފުރިހަމަ ކަމެއް ދެއްވަވާފަ. އެއީ ހަމަ ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތައް. އެކަންކަމަށްޓަކައި ޝުކުރުވެރިވާން ޖެހޭނެ."
މުސްލިމް އުންމަތްތަކަށް އަދި ރާއްޖެއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތައް ޖަހައިގަންނަން މަސައްކަތްކުރާ ބައަކު އަބަދުވެސް އުޅޭނެ އެވެ! އެކަން ޤަބޫލުވެސް ކުރަން ޖެހޭނެ އެވެ. އަދި އެއީ ހުރިހާ މުޖުތަމައުތަކަށްވެސް މެދުވެރިވަމުން އަންނަ ކަމެކެވެ. އަދި މިޙާލަތުން އަރައިގަތުމަށްޓަކައި ﷲ ތަޢަލާއަށް ޝުކުރުވެރިވުން ގިނަކުރަން ޖެހޭނެ އެވެ.
ދުނިޔޭގައި ކުރިއަރާފައިވަނީ ޚިޔާލުތަފާތުވި ނަމަވެސް ޤައުމު ބިނާކުރުމުގައި އެއްގަލަށް އަރާ މުޖުތަމައުތަކެވެ. އެފަދަ މުޖުތަމައުތަކުގައި ދެމަފިރިންގެ ވަރިކުރުމުގެ މައްސަލަތަކުގައިވެސް ސިޔާސީ ކަންކަމުގައިވެސް ވަރަށް ހޫނުކޮށް ބަހުސްކުއެވެ. ނަމަވެސް ބަހުސް ނިންމާފައި އެމީހުން ނުކުންނަނީ އެކުވެރިކަމާއިއެކުގައެވެ. ސަބަބަކީ ޤައުމު ބިނާކުރުމަކީ އެންމެންގެވެސް މަސްއޫލިއްޔަތަކަށްވާތީއެވެ.
މިގޮތުން ޚިޔާލު ތަފާތުވާ ކަންކަމުގައި ޤައުމަށް، މުޖުތަމައުއަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރާށެވެ! އަދި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ރާއްޖޭގެ ރިތިކަން ގެއްލި ހަމަނުޖެހުމަކަށް ހިނގައިދާނެ ކަންކަން ނުކުރާށެވެ! ވާހަކަ ދައްކައިގެން މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރާށެވެ!
(ބެލެވޭ ގޮތުން މުފްތީ މެންކް އިލްތިމާސް ކުރެއްވީ ހަރުކަށި ފިކުރުގައި ނިރުބަވެރި އެއްވެސް ޢަމަލެއް ނުހިންގުމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ ރާއްޖެއަށް ލިބިދާނެ ގެއްލުންތަކަށެވެ.)