ނަމާދަށްދާން ބުނުމުން ނަމާދަށް ދިއުމުގެ ނިޔަތް ނެތި ނަމާދަށް ދާނެ ކަމަށް ނުވަތަ ނަމާދުކުރާނެ ކަމަށް ބުނުމަކީ ކުރެވޭ އިތުރު ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ނަމާދަށްދާން ބުނުމުން ނަމާދަށް ދިއުމުގެ ނިޔަތް ނެތި ނަމާދަށް ދާނެ ކަމަށް ނުވަތަ ނަމާދުކުރާނެ ކަމަށް ބުނުމަކީ ކުރެވޭ އިތުރު ފާފައެކެވެ!

ބައެއް މީހުން ނަމާދަށް ދިއުމުގެ ޤަޞްދު ނެތިވެސް ބަންގި ގޮވުމުން މީހަކު ނަމާދަށް ހިނގާށޭ ބުނެފިނަމަ "އިން ޝާ ﷲ" ބުނެ ނަމާދަށް ދާނެކަން އެބަ ހާމަކުރެއެވެ. "އިން ޝާ ﷲ " ބުނަންވާނީ ނަމާދަށް ދިއުމުގެ ނިޔަތް އޮވެގެންނެވެ. ވީމާ އެފަދަ މީހުން އެކުރަނީ އިތުރު ފާފައެކެވެ. ނަމާދު ނުކުރުމުގެ އިތުރުން ނަމާދަށް ދާނެ ކަމަށް ބުނެ ދޮގު ހެދުމުގެ ފާފައެވެ. މިހިރީ ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭނެ ކަންކަމެވެ.

ނަމާދުކުރުން ނޫން ކަމެއްގައިވެސް އެކަމެއް ކުރުމުގެ ނިޔަތް ނެތި "އިން ޝާ ﷲ" ނުބުނާށެވެ! އެއިރުން އެހެދެނީ ބޮޑު ދޮގެކެވެ. އެއީ ވަރަށް ބޮޑު އޮޅުވައިލުމެވެ. "އިން ޝާ ﷲ" ބުނަން ވާނީ އެކަމެއް ކުރުމުގެ ޤަޞްދު އޮވެގެންނެވެ.

ހެޔޮ އަމަލެއް ކުރަން ނިޔަތް ގަތުމަކީވެސް 1 ސަވާބު ލިބޭ ކަމެކެވެ. އަމަލުކުރުމުން 10 ސަވާބު ދެއްވަވަތެވެ. ވީމާ ކޮންމެ މީހަކުވެސް ނަމާދު ވަގުތު ޖެހުމުގެ ކުރިން ނަމާދުކުރުމުގެ އިތުރުން ރަވާތިބު ސުންނަތްތައް ކުރަން ވެސް ނިވަތް ގަންނާށެވެ! އެއިރުން ވެސް ލިބިގެން އެދަނީ އިތުރު ސަވާބެކެވެ.

ނަމަވެސް ހަމަ އެކަނި ނިޔަތް ގަނެގެން ސަވާބެއް ހޯދުމުގެ ބޭނުމުގައި ނިޔަތް ގަނެގެން ނުވާނެއެވެ. އެއިރުން އެކަން ވާނީ ހެދޭ މަކަރަކަށެވެ. ނިޔަތް ގަތް ފަދައިން ޢަމަލުކުރަންވެސް މަސައްކަތްކުރަންވާނެއެވެ. އިޚްލާޞްތެރިކަމަކީ އެއީއެވެ.

ނަމާދު ނުކުރަން އޮތީ އެންމެ 2 އުޒުރެވެ. އެއީ ހަނދާން ނެތުމާއި ނަމާދު ވަގުތު ޖެހުނީންސުރެ ނިމެންދެން ނިދިފައި އޮތުމެވެ. ނިދުމުގެ އުޒުރު މިގޮތަށް އޮތުމަކީ ނަމާދު ވަގުތު ފާއިތުވަންދެން ނިދާފައި އޮތުމަށް ހުއްދަ ލިބޭ ކަމެއް ނޫނެވެ. ނިދަންވާނީ ވަގުތު ފާއިތުވުމުގެ ކުރިން ހޭލައި ނަމާދުކުރުމަށް ނިޔަތް ގަނެގެންނެވެ. ހޭލަން ކުރެވެން ހުރި އިންތިޒާމުތައްވެސް ކޮށްގެންނެވެ.

ރަސޫލް (ޞޢވ) އަށް ފަތިސް ނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭ، ފަތިސްވުމުން އެކަލޭގެފާނު ހޭފުޅު ލެއްވެވުމުގެ މަސްއޫލިއްޔަތު މީހަކާއި ހަވާލު ކުރެއްވެވިއެވެ. ހޭފުޅު ނުލެއްވެވުނީ އެބޭކަލަކަށްވެސް އަވަހާރަފުޅު ލެއްޕެވުމުންނެވެ.

ވީމާ އެނގިގެން މިދަނީ ނަމާދު ވަގުތަށް ހޭލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި ނިދައިގެން ނުވާނެ ކަމެވެ. ނަމާދު ވަގުތަށް ހޭލަން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން