ހިތްކަނުވުމަކީ ދެލޯ ކަނުވުމަށްވުރެ މާނުރައްކައުތެރިކަންބޮޑު ކަމެކެވެ. ނަމަވެސް އެކަމަށް ސަމާލުކަން އެބަދެވޭ ހެއްޔެވެ؟ ގިނަ ބައަކަށް ހިތްކަނުވުމަކީ ކޮބައިކަން ނުވަތަ ތިމާ މިހުރީ ހިތްކަނުވެފައިކަން ނުވެސް އެނގެއެވެ.
ބެލުން ހުއްދަ ނޫން ތަންތަނަށް ބެލެނީ ހިތް ކަނުވުމުންނެވެ! ލޮލަށް ފެނިމެ ހިތް ކަނު މީހަކަށް ވެއްޖެ ނަމަ އެމީހަކު ވާނީ މުސްލިމުން ބެލުން ހުއްދަ ނޫންތަނެއް ފެނުނު ނަމަވެސް އެތަނެއް ބެލޭ މީހަކަށެވެ. ބަލަން ޝައުޤުވެރިވާ މީހަކަށެވެ.
މީސްތަކުންނޭވެ.! މިއީ ވަރަށް ނުބައިކަންބޮޑު އަދި ލިބޭ ގެއްލުންވެސް ވަރަށް ބޮޑު ކަމެކެވެ. އެހެނީ އެކަން ވާނީ އެމީހަކު ނަރަކައާއި ދިމާއަށް ދަމާ ގެންދާ ބާރަކަށެވެ! ލޯފަންވުމަކީ ޤުދަރަތީ ކަމެއް ނަމަވެސް ހިތް ކަނުކުރަނީ އަމިއްލައަށެވެ. ހިތް ކަނުވަނީ އަމިއްލައަށް ކުރެވޭ ކަންކަމުގެ ސަބަބުންނެވެ.
ހިތް ކަނުވެގެންދަނީ ހިތުގައި ޖަހާ ކަޅު ލައްތަކުގެ ސަބަބުންނެވެ. އެ ލައްތައް ޖަހަނީ ކުރެވޭ ފާފަތަކުގެ ސަބަބުންނެވެ. ކުރެވޭ ކޮންމެ ފާފައަކާއިއެކު ހިތުގައި ކަޅު ތިއްކެ ޖެހެއެވެ. ފާފަ ކުރެވޭނަމަ ތިކިތައް ގިނަވެ މުޅި ހިތް ކަޅުވެގެން ދެއެވެ.
ހިތް ކަނުވުމުން ސަލާމަތްކުރަން ބޭނުން ނަމަ ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ހެޔޮ އަމަލުކުރުމަކީ ހިތުގައި ޖަހާ ކަޅު ލައްތައް ފިލުވައިލަން އޮތް ވަސީލަތެވެ. ގިނަގިނައިން އިސްތިޣްފާރުކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ހިތް ޠޯހިރު ކުރުމެވެ.
ﷲ ތަޢާލާ އަނގަވާފައިވަނީ ބެލުންތައް ތިރިކުރުމަށެވެ. ބެލުންތައް ތިރިކުރުމަކީ ބަލަން ނުޖެހޭ ތަންތަނާއި ތަކެތި ނުބެލުމެވެ. ބެލުން ހުއްދަ ނޫން އެއްވެސް ތަނެއް ނުބެލުމެވެ. ވީމާއަށް ބެލުން ހުއްދަ ނޫން މީސްތަކުންގެ އަޢުރަ ބެލުމާއި ފާހިޟް ޢަމަލުތައް ބެލުން އެއީ ލޮލުން ކުރެވޭ ބޮޑެތި ފާފަތަކެވެ. އެފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެކަމަށް ބިރުވެތިވާށެވެ!
މިޒަމާނުގައި ބެލުންތައް ތިރިކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. ވަރަށް އުނދަގޫވެސް ކަމެކެވެ. ފެންނަލެއް ގިނަކަމުންނެވެ. އޮޅުމަކުން ލޮލާއި ދިމާވުމަކުން ފާފަވެރިއެއް ނުވެއެވެ. ނަމަވެސް ފެނުމުން އިސް ތިރިނުކޮށް އިތުރަށް ބެލުމުން ދާނީ ފާފަވެރިވަމުންނެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން