ދައްކަން މިއުޅެނީ މާކުރީ ޒަމާނުގެ ވާހަކައެއް ނޫނެވެ. 2015 ވަނަ އަހަރުގެ ޖަނަވަރީމަހު ހިނގައި ދިއަ ކަމެއްގެ ވާހަކައެވެ. އެޖަނާޒާއަށް މުޅިދުނިޔޭގެ ސަމާލުކަންދެވުނު ޖަނާޒާގެ ވާހަކައެވެ. މުސްލިމް ޤައުމުތަކާއި މުސްލިމް ނޫން ޤައުމުތަކުންވެސް އެ ޖަނާޒާއަށް ސަމާލުކަންދިނެވެ. ދުނިޔޭގެ ބޮޑެތި ޓީވީ ޗެނެލްތަކުން ވަގުތުން ދުރައްދެއްކި ޖަނާޒާގެ ވާހަކައެވެ.
މިދައްކަނީ އެންމެފަހުން ފަސްދާނު ލެވުނު ސައުދީ ރަސްގެފާނު، ޢަބްދުﷲ ރަސްގާނުގެ ޖަނާޒާގެ ވާހަކައެވެ. ކުރިން މިބިހެން އެޖަނާޒާގައި މުޅި ދުނިޔެ ބައިވެރިވިއެވެ. މިހެން މިބުނީ ބައިވެރިވި ޤައުމުތައް ގިނަކަމުންނެވެ. މަންދޫބުން ގިނަކަމުންނެވެ. ބުނަން މިއުޅޭ ވާހަކައަކީ މުޅިދުނިޔޭގެ ބައިވެރިވުމާއިއެކު ބޭއްވި އެ ބޮޑު ޖަނާޒާގައިވެސް އަވަހާރަވި ޢަބްދުﷲ ރަސްގެފާނު ފަސްދާނު ލެވުނީ ހަމަ އެންމެ ނިކަމެތި މީހާވެސް ވަޅުލެވިގެންދާނެ ޖާގައިގައި ކަމެވެ. ލިބިވަޑައިގަތީ ހަމައެކަނި ސަންދޯކުގެ ބޮޑުމިނެވެ.
ދިރިއުޅުއްވި ބޮޑު، ފުރިހަމަ ގަޑުވަރާއި ގެންގުޅުއްވި ޚާދިމުންތައް ކޮބައިހެއްޔެވެ. އަދި ކީއްހެއްޔެވެ؟ އެއީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހެވެ. އަދި މިވީ އެންމެ 7 އަހަރެވެ. އެރަސްގްފާނުގެ ވާހަކަ މިހާރު ދައްކަނީ ކާކުހެއްޔެވެ؟ ގާތްތިމާގެ ބޭފުޅުންވެސް ދައްކާކަމެއް ނުއެނގެއެވެ.
ދުނިޔޭގައި ޤަދަރާއި މަޤާމުގައި ހުންނެވިހައި ދުވަހު މުޅި ދުނިޔެ އެމަނިކުފާނަށް ޘަނާކިޔެވެ. ތަޢްރީފްކުރިއެވެ. އެމަނިކުފާނުގެ އެހީތެރިކަމަށް ބޭނުންވެގެން ރުއްސަން ނުކުރާ ހަމައެއްވެސް ކަމެއް ނެތެވެ. އަވަހާރަވުމާއިއެކު އެހުރިހާ ކަންކަން ނިމިދިއައީއެވެ. ހެޔޮދުޢާއެއްކޮށްލާ މީހަކުހުރިކަމެއްވެސް ނުއެނގެއެވެ.
ދަރިދަރިކަލުންގެ މެދުގައިވެސް އޮތީ ވެރިކަމަށް އޮތް ވާދަވެރިކަމެވެ. އެބޭފުޅުން އެއުޅުއްވަނީ އެކަންކަމުން ސަލާމަތްވެ އިސްލާމީ އުންމަތާއިމެދު ވިސްނައިލާނެ ވަގުތޮޅެއްވެސް ލިބިވަޑައިނުގަންނަވައިގެންނެވެ. އެކަމަކުވެސް އިސްލާމީ އުންމަތުގެ އެންމެމަތީވެރިކަންވެސް ބޭނުންފުޅުވެއެވެ. އެބޭފުޅުންނަށްވެސް ވިސްނިވަޑައިނުގަންނަވަނީ އެބޭފުޅުންވެސް ކޮންމެ ވަގުތަކުވެސް އަވަހާރަވެދާނެ ކަމެވެ.
އަހުރެން މިކަންކަމުގެ ވާހަކަތައް މިދައްކަނީ ވަކި މީހަކު ނުވަތަ ބައަކު ކުށްވެރިކުރާކަށް ނޫނެވެ. މމަރާއިމެދު މީސްތަކުން ޣާފިލުވެފައި ތިބިވަރު ބަޔާންކޮށްދިނުމަށެވެ. މަރާއިމެދު ހޭލުންތެރިވެ ތިބުމަށް ވަޞިއްޔަތްކުރުމަށެވެ. އެހެން ނޫނީ އަހަރެމެންނަށް ވަކި ލިބޭނީ ކޮން މޮޅުކަމެއް ނުވަތަ ކޮން ނިޢްމަތެއް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން