އޭނާއަކީ އެހާ ތަނަވަސް އަންހެނެއް ނޫނެވެ. ނަމަވެސް ގެއިން ކޮޓަރި ކުއްޔަށްދީގެން ފުދޭވަރެއްގެ އާމްދަނީއެއް ލިބޭ އަންހެނެކެވެ. ފިރިމީހާ ވަނީ މަރުވެފައެވެ. 3 ދަރިންވެސް ކައިވެނިކޮށްގެން ވަކިން ދިރިއުޅޭތީ ގޭގައި އުޅެނީ އެކަންޏެވެ.
އޭނާއަކީ ރައްޓެހިންނަށް ހެޔޮ މީހެކެވެ. ފައިސާ އާއި ތަކެތިވެސްދެއެވެ. އެކުގައި ހީނސަމާސާވެސް ކުރެއެވެ. ނަމަވެސް ގޭގައި ގެންގުޅޭ ނޯކަރު އަންހެން ކުއްޖާއާއިމެދު ކަންކަން ކުރަނީ ރަނގަޅަކަށް ނޫނެވެ. ކަންކަން ކުރަނީ އަޅަކަށް ކަންކަން ކުރާނެ ގޮތަށެވެ. ހިތުގައިޖެހޭނެ ގޮތަށް ބަސްތައްވެސް ބުނެއެވެ.
އޭނާއަށް ސްޓްރޯކެއް ޖެހިފައި ދެފައިން ވާގިދިއައީއެވެ. އެހިސާބުން ބޭސްފަރުވާގެ ޚަރަދުތައް ބޮޑުވެ ފައިސާ ދޭން ނުލިބެން ފެށީމާ ހުރިހާ ރައްޓެހިން ގެއްލިއްޖެއެވެ. ހާލުބަލާންވެސް ނުއަންނަ ތަނުގައި ގުޅައިވެސް ނުލައެވެ. ނަމަވެސް ނޯކަރު ކުއްޖާ ގެންދިއައީ ބޭނުންވާނެ ހުރިހާ ކަންކަްނ ކޮށްދެމުންނެވެ. ހަވީރުވީމާ ގޮނޑިއަކަށް ލައިގެން ބޭރަށް ގެންގޮސް ހިތްހަމަޖައްސައިދެއެވެ.
އެއްދުވަހަކު އެކުއްޖާ އާއި ސުވާލުކުރިއެވެ. "އަހަރެން ގަދަވެހުރިއިރު ކަލެއާއިމެދު ކަންކަން ކުރެވުނީ ވަރަށް ގޯސްކޮށްކަމަށް ޤަބޫލުކުރަމެވެ. އެކަންކަމަށް މާފަށްވެސް އެދެމެވެ. އެހެންކަމާއިއެކުވެސް އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ އަހަރެން އެހައި ގޯސްކޮށް ކަންކަން ކުރުމުންވެސް ކަލޭ އަހަރެންނަށް ތިހައި ރަނގަޅަށް ކަންކަންކޮށްދެނީ ކީއްވެގެން ހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުންޏެވެ. "އަހަރެމެންނަކީ ފަޤީރުންނެވެ. މާގިނަ އެއްޗެއްސަކަށް ބޭނުމެއް ނުވާނެއެވެ. އަދި ގެންގުޅޭ މީހުން ހިތަށް އެރިހާ އެއްޗެއް ގޮވައި ކަންކަން ކުރާނެކަންވެސް އެނގެއެވެ. ޙަޤީޤަތުގައި އެހައިވަރަށް އެއްޗެތިގޮވިއިރުވެސް އެހެން ގެއަކަށް ބަދަލުވާން ލިބުނު ފުރުޞަތުތައް ދޫކޮށްލީވެސް ދައްތައަށް އަހަރެންގެ ބޭނުމެއް ޖެހިދާނެ ދުވަހެއް އަތުވެދާނެ ކަމަށް ވިސްނޭތީއެވެ. މަންމަ މަރުވީ ކުއްލިއަކަށް ކަމަށްވުމުން މަންމައަށް ކޮށްނުދެވުނު ޚިދުމަތް ކޮށްދެވޭނެ ދުވަހެއް ފެނިދާނެހެން ހަމަ ހީވިވަރުންނެވެ."
ކޮންމެއަކަސް 2 އަހަރުފަހުން އެދައްތައަށް ހިނގާލައި އެކަނި އުޅެލެވޭވަރުވުމުން އަންހެންކުއްޖާ ބުނީ އޭނާވެސް ކައިވެންޏެއްކުރަން ބޭނުން ކަމަށާއި ކައިވެނިކުރާނެ ފަޤީރަކު ފެނިފައިވާ ކަމަށެވެ. އެހެންވީމާ ދައްތަ ބަލައިދޭނެ ކުއްޖަކު ހޯދުން ރަނގަޅުވާނެ ކަމަށެވެ.
ދައްތަގެ ހިތް އެއިރު ވަނީ މުޅިން ބަދަލުވެފައެވެ. އެކުއްޖާއާއިމެދު ދެކެވެނީ ދަރިއެއްގެ ގޮތުގައެވެ. އެހެންވެ ބުނީ ކައިވެނިކޮށްގެން އެގޭގައި އުޅުމަށެވެ. މުސާރައާއި އިތުރަށްވެސް ފައިސާދޭނެ ކަމަށެވެ. ދެމަފިރިންގެ ކެއުންބުއިމުގެ ކަންކަން ދައްތަ ހަމަޖައްސައިދޭނެ ކަމަށެވެ. ވީމާ ލިބޭ ފައިސާ އެއްކުރެވޭނެ ކަމަށެވެ.
އޭނާ އެގޮތް ޤަބޫލުކުރިއެވެ. ދައްތަގެ ޚިދުމަތުގައި އުޅެމުން ދަނިކޮށް މަރުބަލީގައި ޖެހުމުން 3 ދަރިން ގެނެސްފައި ބަޞިއްޔަތްކުރިއެވެ. "ދަރިފުޅުމެން އެއްވެސް ދަރިއަކަށް މަންމަގެ އެއްވެސް ބުރައެއް ނުޖައްސައި ބަލައިދިނީ މިހިރަ ދަރިފުޅެވެ. އޭނާ ކައިވެނިކޮށްގެން ދާއުޅުމުން އެކަން ހުއްޓުވީވެސް މަންމައެވެ. އޭނާ މަންމައަށް ވަރަށް ހެޔޮކޮށް ކަންކަން ކޮށްދީފިއެވެ. ވަރަށް ބޮޑެތި ބުރަތައް އުފުލައިފިއެވެ. ވީމާ އެދެމަފިރިން ދިރިއުޅޭ ތަންކޮޅު އޭނާއަށް ލިބޭނެ ގޮތަށް 400 ވަރަކަށް އަކަފޫޓުގެ ބިންކޮޅެއްވެސް ޢޭނާއަށް ދޭށެވެ. އެވަރުގެ ތަންކޮޅެއް ދިނުމަކުން 3 ދަރިންނަކަށް ކުޑައެއްވެސް ނުވާނެއެވެ. އަދި އޭނާއަކީ ހަމަ ތިއަދަރިންގެ ތެރެއިން ކުއްޖެއްކަމަށް މަންމަ ނެތް ދުނިޔެއެއްގައިވެސް ބަލައިދޭށެވެ. މިއީ މަންމަގެ ވަޞިއްޔަތެކެވެ."
ވަޞިއްޔަތްކުރިތާ މާގިނަ ދުވަސްތަކެއް ނުވެ އޭނާ ނިޔާވުމުން މަންމަގެ ވަޞިއްޔަތާއިއެއްގޮތަށް ދަރިން ކަންތައް ކުރިއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާ މިކުރީ ގޭގައި ގެންގުޅޭ ކުދިންނަކީ އަޅުންކަމަށް ހަދައިގެން ކުދިން ގެންގުޅޭ މީހުންނަށް ފިލާވަޅެއްގެ ގޮތުންނެވެ. ޢިބްަރތަކަށްވާނެ ކަމަށް ހީކުރަމެވެ.
- ފާޠިމަތު / މިއަދުނޫހުގެ ކިޔުންތެރިއެއް