ޙަޤީޤީ ޙާދިސާ: ދޮންމަންމަ ހަށިވިއްކުވަން އުޅުމުން ﷲ އަށް ބިރުވެތިވެ ގެއިން ނުކުމެ ނިކަމެތިޙާލުގަ އުޅުނު އަންހެންކުއްޖަކަށް ގޯއްޗަކާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 18ސ
ޙަޤީޤީ ޙާދިސާ: ދޮންމަންމަ ހަށިވިއްކުވަން އުޅުމުން ﷲ އަށް ބިރުވެތިވެ ގެއިން ނުކުމެ ނިކަމެތިޙާލުގަ އުޅުނު އަންހެންކުއްޖަކަށް ގޯއްޗަކާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-

އެއިރު އަޅުގަނޑުގެ އުމުރަކީ 25 އަހަރެވެ. އަޅުގަނޑަކީ ސަރުކާރުގެ ވަޒީފާއެއްގައި މަސައްކަތްކުރަމުން އައި އަންހެނަކީމެވެ. އޯޓީ އާއިއެކު މުސާރައަށް ލިބެނީ މަހަކު 3000 ރުފިޔާވަރެވެ. އެޒަމާނުގައި އެއީ ވަރަށް ގިނަ ފައިސާއެވެ. 

އެދުވަސްވަރު ގޭދޮށުން މުސްކުޅި ފިރިހެނަކާއި ބައްދަލުވާން ފެށިއެވެ. ދަރިފުޅާއެވެ ކިޔައިގެން އަޅުގަނޑާއި ވާހަކަ ދައްކައި ގުޅުން އުފައްދަން ފެށިއެވެ. އެއް ދުވަހަކު އޭނާ ބުންޏެވެ. 

"ބޭބެ މިވަނީ މުސްކުޅިވެފައެވެ. އަނބިމީހާ ވަނީ ނިޔާވެފައެވެ. 2 ދަރިން ތިބީތީ އެކުދިން އުޅެނީ ކައިވެނިކޮށްގެން ރާއްޖެތެރޭގައެވެ. ބޭބެގެ ޙާލުވެސް ބަލައިނުލައެވެ. ބޭބެ މިއުޅެނީ ބޭބެގެ ޙާލުބަލައިގެން ގޭގައި އިންދެދޭނެ އަނހެންކުއްޖަކަށް ބޭނުންވެގެންނެވެ. ހުންނާނެ ތަނާއި ކެއުންބުއިމާއި މުސާރައަށް މަހަކު 2000 ރުފިޔާވެސް ދޭނަމެވެ. އެބާވަތުގެ ކަމަކަށް ޝައުޤުވެރިވާ އަންހެންކުއްޖަކު ފެނިއްޖިއްޔާ ބޭބެގާތުބުނެލައިދޭށެވެ." 

އަޅުގަނޑު ވަރަށް ބޮޑަށް ވިސްނީމެވެ. ވިސްނުނީ މިއީ ދޫކޮށްލައިގެންވާނެ ފުރުޞަތެއް ނޫން ކަމަށެވެ. ލިބޭ މުސާރައިން 1000 ރުފިޔާ މަދުނަމަވެސް ހުރުމާއި ކެއުން ދޭނަމަ ވާނެ ފައިދާ މާބޮޑުވާނެއެވެ. އަޅުގަނޑަކީ ރާއްޖެތެރެއަށް ނިޞްބަތްވާ ކުއްޖަކަށްވުމުންނެވެ.

އެހެންވެ އެވަޒީފާ އަޅުގަނޑަށް ދިނުމަށް އެދުނީމެވެ. އޭނާ ގާތު އެވާހަކަ ބުނާއިރަށް އަޅުގަނޑަށް ވަޒިފާ ދީފިއެވެ. އޮފީހުން ކެނޑިގެން އޭނާގެ ގޭގައި އޭނާގެ ގާތުގައި ހުންނަން ފަށައިފީމެވެ. ކަންކަން ކުރަމުން ދިއައީ ކުރެވުނުހައި ރަނގަޅަކަށެވެ. އަމިއްލަ ބައްޕައާއިމެދުގައިވެސް ކަންކަންކުރާނެ ގޮތަށެވެ. ކުރާ ކަންކަމުން ޘަވާބުދެއްވަވާނެ ގޮތަށެވެ. 

އޭނާވީ ވަރަށް ރަނގަޅު މީހަކަށެވެ. ދުވަހަކުވެސް ހަޑިބަހެއްވެސް ނުބުނެއެވެ. ގެއިން ކުއްޔަށްދީފައި ހުންނަ ބައިން ކުލިލިބޭއިރަށް މުސާރަދެއެވެ. އިތުރަށްވެސް ކަންކަން ކޮށްދެއެވެ. ނަމަވެސް ދުވަހަކުވެސް އެންމެ ކުޑަމިނުން އަތުކުރީގައި ހިފާލަންވެސް މަސައްކަތެއް ނުކުރެއެވެ.

އެގޮތަށް އުޅޭތާ ހައަކައަހަރުވީފަހުން އެއްދުވަހަކު ބުނެފިއެވެ. "މިދައްކާ ވާހަކައަށް ވިސްނާށެވެ. ދުނިޔަވީ ގޮތުން މީހުން މަލާމާތްވެސް ކޮށްފާނެއެވެ. ނަމަވެސް މިދައްކަނީ ކަނބުލޮއަށް ވަރަށް ފައިދާހުރި ވާހަކައެކެވެ. ބޭބެ ދެން މާގިނަ ދުވަހަކު ދުނިޔޭގައި ހުންނާނެ ކަމަކަށް ނުވިސްނެއެވެ. ބޭނުންވަނީ މިގެ ކަނބުލޮއަށް ދޭށެވެ. ނަމަވެސް މިހާރު ޤަވާއިދުތައް މިހުންނަ ގޮތުން އެއީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ހިލޭ މީހަކަށްދޭނަމަ ސަރުކާރަށް ބައިވަރު ފައިސާތައް ދައްކަން ޖެހޭނެއެވެ. ވީމާ ބޭބެއާއި ކައިވެނިކުރާށެވެ. އެއިރުން ވަރަށް ފަސޭހައިން އެކަންކުރެވިދާނެއެވެ." 

އެހައި ބޮޑު ފުރުޞަތެއް ލިބުމުން މީހުން ކުރާނެ ފުރައްސާރައަކަށް ނުބަލަމެވެ. އެކަމަށް އެއްބަސްވީމެވެ. ކައިވެނިކުރީމެވެ. ކައިވެންޏަސް ފަހުގައިވެސް އޭނާ ބޭނުންވީ އަޅުގަނޑު ހަމަކުރިންހުރިގޮތަށް ދުރުގައި ބަހައްޓާށެވެ. ނަމަވެސް އެގޮތް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާ ކިތަންމެ މުސްކުޅި ނަމަވެސް ފިރިމީހާކަމަށްވުމުން އަންތބެއްގެ ވާޖިބުތައް އަދާކުރީމެވެ. 

ކައިވެނީގެ 3 ވަނަ އަހަރު ކުޑަކޮށް ބަލިވެ އުޅެލާފައި ފިރިމީހާ ނިޔާވީއެވެ. އެއިރު ގޯތިވަނީ އޭނާ މަރުވުމުން އަޅުގަނޑަށް އެކުގައި ލިބޭނެ ގޮތަށް ރަޖިސްޓްރީކޮށްދިފައެވެ. އަދި އެކައުންޓުގައިހުރި ފައިސާވެސް ވަނީ އަޅުގަނޑުގެ އެކައުންޓަށް ޖަމާކޮށްދީފައެވެ.

ދެން މިކިޔައިދެނީ އެންމެ މުހިންމު ބައެވެ. އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށް ނަމަވެސް ބައްޕަ ގަނެފައިވާ ބިންކޮޅެއް މާލޭގައި އޮވެއެވެ. ގެއެއްވެސް ހުރީ އަޅައިފައެވެ. އަޅުގަނޑަށް އުމުރުން 18 އަހަރުވީތަނާ ގެއިން ނުކުންނަން ޖެހުނީ ދޮންމަންމަގެ ނުފޫޒުގައެވެ. ފައިސާވެރިންނަށް އަޅުގަނޑު ވިއްކަންކުރި މަސައްކަތަށް ދެކޮޅު ހެދުމުން ބައްޕަގެ ގުއިދަރިވީމާ އަޅުގަނޑު ދިފާޢުކޮށްނުދިނީތީއެވެ. އެއިރުންސުރެ އުލެމުން އައީ އެކުވެރިންގެ ގޭގޭގައެވެ. ފައިސާ ދިނުމުގެ އިތުރުން މަސައްކަތްވެސްކޮށްދީގެންނެވެ. 

އަޅުގަނޑު މާޔޫސެއް ނުވަމެވެ. ﷲ އަޅުގަނޑަށް ރަނގަޅު ގޮތެއް މިންވަރުކުރައްވަވާނެ ކަމަށް އަބަދުވެސް ހުރީ ޔަޤީންކޮށްގެންނެވެ. އަބަދުވެސް ﷲ އަށް ކިޔަމަންތެރިވީމެވެ. ރޭއަޅުކަންވެސް ކުރަމެވެ. ދުޢާކުރަމެވެ. ގަދަވެ ސަލާމަތުން ހުރިނަމަ އެންމެ ރެއެއްވެސް ދުލެއް ނުކުރަމެވެ. ﷲ ކަންކަން ހިންމަވައިދެއްވެވުން ލަސްވާތީ ކަންބޮޑެއްވެސް ނުވަމެވެ. 

ފިރިމީހާ ނިޔާވެ އަހަރެއްހައިދުވަސްވީތަނާ ބައްދަލުވި ތަޤްވާވެރި ފިރިހެނަކާއި ކައިވެނިކުރީމެވެ. އޭނާ އާއިއެކު އުފަލުގައި ދިރިއުޅެމުން އަންނަތާ 17 އަހަރުވެއްޖެއެވެ. އޭނާ އާއި ކައިވެނިކުރިތަނުން ބައްޕަމެންނަށް އަޅުގަނޑުގެ ކަންކަން އެނގިއްޖެއެވެ. ގޯއްޗަކާއި ގެއެއް ލިބިއްޖެކަންވެސް އެނގިއްޖެއެވެ. އެހައިތަނަށް ފާއިތުވި 12 ވަރަކަށް އަހަރު އަޅުގަނޑު ދުނިޔޭގައި ހުރިތޯ ނުބެލި ނަމަވެސް އަޅުގަނޑުގެ ޙާލު ބަލަން އަންނަން ފަށައިފިއެވެ. އެމީހުންގެ ގޭގެ ޖާގަކުޑަކަމުން ދެމީހުންގެ ދަރިން އަޅުގަނޑު ގާތު ބައިތިއްބައިދޭން އެދެން ފަށައިފިއެވެ. 

އަޅުގަނޑު ބުނީމެވެ. "އެއްބަނޑު ދެކޮއްކޮއަށް އަބަދުވެސް މަރުޙަބާއެވެ! ނަމަވެސް ދޮންމަންމަގެ އެއްވެސް ދަރިއަކު ގެންގުޅޭކަށް ނެތީމެވެ. އެއީ އެކަމުގެ ތެރެއިންވެސް ދޮންމަންމަ އުފައްދަފާނެ ފިތުނައަކަށްޓަކައެވެ. ޙާލުބަލަންވީ ދުވަހު ނުބަލާފައި މިއަދު ރަނގަޅީ އެހައިބޮޑަށް ޙާލުވެސް ނުބެލިއްޔާއެވެ. ބައްޕަ ބަލިވެ ކަމެއް ވެއްޖެ ނަމަ އަނގައިލާށެވެ. ބައްޕަ ބަލާނަމެވެ. އެކަމަކު ދޮންމަންމައެއް ނުބަލާނަމެވެ. ދޮންމަންމަ ނުބަލާނީ ހަމައެކަނި އަހަރެން ވިއްކަން އުޅުނީތީއެއް ނޫނެވެ. މަންމަ ނިޔާވީ އޭނާގެ ސަބަބުން މަންމައަށް ލިބުނު ހިތްދަތިކަމުގައިކަމަށްވާތީއެވެ. މަންމަ އާއި މިހާރު ސުވާލުކުރެވުނަސް މިނޫން ގޮތަކަށް ނުބުނާނެކަން ޔަޤީންވާތީއެވެ." 

މިއަދުނޫހުގެ ކިޔުންތެރިންނަށް ކުރު ގޮތަކަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. ދޮންމަންމައިންނަށްވެސް އަދި ދަރިންނަށްވެސް އަދި ﷲ އަށް ވަކީލުކުރާ އެންމެންނަށްވެސް ޢިބްރަތަކަށްވާނެކަމަށް އުންމީދުކުރަމެވެ.

 

- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން