އަމިއްލަ ހަޔާތަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭ މީހާ ފުރަތަމަ ކަމަކަށް އަމިއްލަ ޙާލަތު ދެނެގަނެ އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އަމިއްލަ ހަޔާތަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭ މީހާ ފުރަތަމަ ކަމަކަށް އަމިއްލަ ޙާލަތު ދެނެގަނެ އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރާށެވެ!

ތިމާ ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭތީ ކަންބޮޑުވުމުގެ ކުރިން ފުރަތަމަވެސް ތިމާއާއިމެދު ފުންކޮށްވިސްނައިލާށެވެ! ތިމާއަށް ރަނގަޅު ގޮތްތައް މިންވަރުކޮށް ދެއްވެވުމަށް އެދޭ ނަމަ ފުރަތަމަވެސް ތިމާގެ ކިބައިގައި ހުރި އުނިސިފަތައް އިޞްލާޙްކުރާށެވެ! އަދާ ނުކުރެވޭ، އިހްމާލްވެވޭ ވާޖިބުތައް ދެނެގަނެ އެކަންކަން ރަނގަޅުކުރާށެވެ. 

ތިމާއަށް ރަނގަޅު ގޮތްތައް މިންވަރުކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. ވީމާ ތިމާއަށް ރަނގަޅު ގޮތްތައް މެދުވެރިވުމަސް އެދޭ މީހާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ކިޔަމަންތެރިވާށެވެ! އެކަން ތިމާގެ ޢަމަލުން ދައްކާށެވެ! އެއަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދޭށެވެ! 

އެހެން ޢިބާރާތަކުން ބުނާނަމަ ފުރަތަމަ ތައުބާވާށެވެ! ތަޤްވާވެރިވާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއރުން ތިމާ އެދޭ ގޮތަށް ކަންކަން މެދުވެރިކޮށްދެއްވަވާނެތެވެ! 

ތިމާގެ އަމިއްލަ ހަޔާތުގެ ކަންކަން ނުވަތަ ޙާލަތު ބަދަލުކޮށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭމީހާ މިބުނިމަގުން ފުރަތަމަ ކަމަކަށް އެމީހާގެ އަމިއްލަ ޙަޔާތުގެ ކަންކަމަށް ވިސްނައި ބަދަލުކުރަން ޖެހޭ ކަންކަން ބަދަލުކުރާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރާށެވެ! 

ދުނިޔަވީ މިސާލެއް ބުނާނަމަ ވައްކަން ކުރަމުން ވަޒީފާއަކަށް އެދިގެން ދިއުމުން ވަޒިފާއެއް ދޭނީ ކާކު ހެއްޔެވެ؟ މީހުންނަށް އަނިޔާކުރަމުން ކައިވެންޏަށް އެދިގެން ދިއުމުން މަރުހަބާ ކިޔާނީ ކޮން ޢާއިލާއަކުން ހެއްޔެވެ؟ ނުތާހިރާ ހުންނަ މީހަކާ ބައްދަލުކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟ 

ވީމާ ވަޒީފާއަކަށް އެދޭނަމަ ތިމާއަކީ ތެދުވެރި އިޚްލާޞްތެރިއަކަށްވާން އެބަޖެހެއެވެ. ރަނގަޅު ހެޔޮ ލަފާ އަންބަކަށް ބޭނުންވާނަމަ ތިމާއަކީ ވަފާތެރި އޯގާތެރި މީހަކަށްވާން އެބަޖެހެއެވެ. މީހުންނާއި ބައްދަލުކޮށް މީހުންގެ ރުހުން ހޯދަން އެދޭ މީހާ އެންމެ ކުޑަމިނުން ގައިން ތާހިރު، ހިނިތުންވާން ދަންނަ މީހަކަށްވާން އެބަ ޖެހެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން