ވޭން އަޅަމުންވެސް ފިރިމީހާގެ ބަލިކަށިކަމަށް ކެތްތެރިވި އަންތބަކު ނިކަމެތިކޮށްލި ފިރިމީހާއަށް ޖެހުނު ނިކަމެތިޙާލާ އަނބިމީހާއަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ވޭން އަޅަމުންވެސް ފިރިމީހާގެ ބަލިކަށިކަމަށް ކެތްތެރިވި އަންތބަކު ނިކަމެތިކޮށްލި ފިރިމީހާއަށް ޖެހުނު ނިކަމެތިޙާލާ އަނބިމީހާއަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އެދެމީހުންވެސް ކައިވެނިކުރީ ލޯބިވެގެން އެކުގައި 2 އަހަރު ހޭދަކުރުމަށްފަހުގައެވެ. ކައިވެނީގެ ފުރަތަމަ 6 އަހަރު ކަންކަން ދިއައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް 7 ވަނަ އަހަރު ފިރިމީހާގެ އުޅުން ބަދަލުވާން ފެށިއެވެ. އަނބިމީހާ އާއި ދުރުހެލިވާން ފެށިއެވެ.

"ކަލޭކަހަލަ އަންހެނަކާއި ކައިވެނިކޮށްގެން މިހައިދުވަހު އުޅެވުނު ގޮތާއިމެދުވެސް ޙައިރާންވަމެވެ. އެއީ އަހަރެންގެ ޙަޔާތުން ބޭކާރުވެގެންދިއަ ދުވަސްތަކެއް ކަމަށް ނިންމައިފީމެވެ. ކަލޭގެ ކިބައިގައި އެއްވެސް ރީތިކަމެއް ނެތެވެ. ރަނގަޅު ސިފައެއްވެސް ނެތެވެ. ގެވެހިކަމެއްވެސް ނެތެވެ. އިސްކޮޅުން އެހާކުރެވެ. އެހެންވެ އަހަރެން ކަލޭވަރިކުރަން ނިންމައިފީމެވެ. އަވަހަށް ނުކުމެގެންދާށެވެ. އަހަރެންގެ ލޯބިވެރިޔާ އަކީ ވަރަށް ރީތި ވަރަށް ފުރިހަމަ އަންހެނެކެވެ. އޭނާ މިރޭ މިގެއަށް ބަދަލުވާނެއެވެ."

ފިރިމީހާގެ ވާހަކަތައް އަޑުއިވުމުން އަނބިމީހާ ބުންޏެވެ. "ތިއަބުނި ބަސްތަކަށް އަހަރެން ޝުކުރުވެރިވަމެވެ. ކައިވެނީގެ ކުރިން ހޭދަކުރި 2 އަހަރާއި ކައިވެނީގެފަހުން ހޭދަކުރި 6 އަހަރު ދުވަހު ހަމަ ތިއަ ދުލުން ބުނި ބަސްތައްވެސް ހަނދާން އެބަހުއްޓެވެ. ކައިވެނީގެކުރިން ކަލެއަކީ ފަޤީރެކެވެ. މިހާރު ތިއައީ ތަނަވަސްމީހެކެވެ. 6 އަހަރު ދުވަހު އަހަރެން ކެތްތެރިމިވީ އަނބިމީހާ އެްނމެ ބޮޑަށް ބޭނުންވާނެ ކަންތައް އެއްވެސް ވަރަކަށް ނުފުދިކަމަށް ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ކަލޭދެކެ ލޯބިވާތީ ކެތްތެރިވީއެވެ. މިލިބުނީ އެކަމުގެ އަގެވެ.

އާދޭސްކޮށް ސަލާންޖަހާކަށް ބޭނުމެއް ނޫނެވެ. ﷲ އިން ފުދެއެވެ. އެކަލާނގެ އަހަރެންނަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތެވެ. އެހެންވެ އަހަރެން މިދަނީއެވެ. ނަމަވެސް އެއްވާހަކަ ބުނެލާނަމެވެ. ކޮންމެ އަންހެނަކީ އެކަމުގައި އަހަރެން ފަދައިން ކެތްތެރިވާނެ އަންހެނެއް ނޫނެވެ. ވީމާ ކައިވެނީގެކުރިން ބޭސްކޮށް ފަރުވާހޯދުން ރަނގަޅުވާނެއެވެ." 

އޭނާ ދެވަނަ ކައިވެނިކުރިއެވެ. މަހެއްހައިދުވަސްވެސް ނުވަނީސް ރޭގަނޑު އެކަނި ބޭރަށްދާން ފަށައިފިއެވެ. ގެއަށް އައުން ލަސްވާން ފަށައިފިއެވެ. ގުޅިޔަސް ފޯނުވެސް ނުނަގައެވެ. 3 ވަނަ މަހު ފެނުނީ ހިލޭ ފިރިހެނަކު ކޮޓަރިއަށް ވައްދައިގެން އުޅެނިކޮށެވެ. އެހިސާބުން ކައިވެނި ރޫޅުނީއެވެ. އެކަނިވެރިވީއެވެ. 

ކުރީގެ އަނބިމީހާގެމަތިން ހަނދާންވާން ފެށިއެވެ. އޭނާއާއިމެދު ކަންކަން ކުރެވުނު ގޮތާއި ބުނެވުނު ބަސްތައް ހަނދާންވުމުން ވަރަށް ދެރަވާން ފަށައިފިއެވެ. އޭނާގެ ކެތްތެރިކަމުގެ އަގު ވަޒަންކުރެވެން ފަށައިފިއެވެ. 

އެއްދުވަހަކު ރަންވިއްކާ ފިހާރައެއްގައި ކުރީގެ އަނބިމީހާ ހުއްޓާ ފެނުނެވެ. އޭނާ ގަތީ އެތަނުގައި ހުރި އެންމެ އަގު 2 ބާވަތެއްގެ ގަހަނާއެވެ. ގަނެ ކޭޝްކާޑުން އަގުދެއްކިތަނާ އޭނާއާއި ބައްދަލުކޮށް ސަލާންކުރަން އުޅުމުން "ވައަލައިކުމެއްސަލާމް" ބުނެފައި ބުނީ ގައިގައި އަތްނުލުމަށެވެ. ސަލާންކުރަންވެސް އަތުގައި ނުހިފުމަށެވެ. 

އޭނާ ފިހާރައިން ބޭރަށް ނުކުތްތަނާ އަނެއްކާވެސް ކުރިމަތިލިއެވެ. އަދި އޭނާގެ ރިތިކަމަށް ތައްރީފްކުރަން ފެށުމުން އޭނާ ބުންޏެވެ. "ކަލެއަށް އަންހެނުން ރީތިވަނީ ކައިވެނީގެ ކުރިންނެވެ. ކައިވެނި ކުރެވުނީ ސިފަ ހުތުރުވާނެއެވެ. އިސްކޮޅުންވެސް ކުރުވާނެއެވެ. ރަނގަޅު އެއްވެސް ސިފައެއް ނުހުންނާނެއެވެ." 

އެވަގުތު މީހަކު އައިސް އޭނާގެ ގައިގައި ލޯބިން ބައްދައިލިއެވެ. "ލޯބިވާ ފިރިމީހާއެވެ! މިހިރީ އަހަރެންގެ ކުރީގެ ފިރިމީހާއެވެ. ދުރަށް ނުދެވިގެން އެއުޅެނީ މިހާރު އަހަރެންގެ ރީތިކަމުންނެވެ." އެހެން ބުނެފައި ދެމަފިރިން އެކުގައި ގޮސް އަގުބޮޑު ކާރަކަށް އަރައިގެންދިއައީއެވެ. ކުރީގެ ފިރިމީހާ ބަސްހުއްޓިފައި ބަލަން ހުއްޓެވެ. 

އަހަރެން މިކިޔައިދިނީ އަހަރެންގެ އެކުވެރި ނާދިޔާގެ ވާހަކައެވެ. ނާދިޔާ އަހަރެންގެ ގާތުގައި ބުނި އެއްވާހަކަ އަދި ބުނެލާނަމެވެ. "ކުރީގެ ފިރިމީހާ އާއިއެކު 6 އަހަރު އަހަރެން ހޭދަކުރީ ބަނޑުކޮޅުގައި ވޭންއަޅާ ޙާލުގައެވެ. ކެތްތެރިކަން ހޯދީ އަޅުކަމާއި ދުޢާކުރުމުންނެވެ. ވީމާ އަހަރެންގެ ކެތްތެރިކަމަށް ﷲ ހެޔޮ ޖަޒާ މިންވަރުކުރެއްވެވީއެވެ. އެފިރިމީހާގެ ކިބައިން ސަލާމަތްކޮށްދެއްވެވީއެވެ. އަދި މާއުފާވެރި ދިރިއުޅުމެއް މިންވަރު ކުރެއްވެވީއެވެ." 

މިއީ ހަމަ މިފަދަ ޙާލުގައި އަޅުގަނޑުގެ ފިރިމީހާ އާއިއެކު އުޅެމުންދިއައިރު އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. ހަމަ އެފަދަ ޙާލެއްގައި ހުރެ އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ވަގަށް 2 ކައިވެނިކުރިއެވެ. 2 ވަނަ ކައިވެނީގެ ކަންކަން ފަޅާއެރުމުން އަޅުގަނޑު ވަރިކޮށްލައި 2 ދަރިންނާއިއެކު މަގުމަތިކޮށްލީ ހަމަ އެފަދަ ގޮތަކަށެވެ. އޭނާއަކީ މާލޭގައި ގެދޮރުހުރި މީހަކަށްވުމުން ކައިވެނިކުރާނެ އަންހެނުން ލިބެއެވެ. މީގެ ދެއަހަރުކުރިން އެނގުނު ގޮތުގައި 8 ވަނަ އަނބިމީހާ ވަރިކޮށްފައި އެއިރުވެސް ދަނީ އަންތބަކު ހޯދަމުންނެވެ.

ދެދަރިން ތިއްބާވެސް އަޅުގަނޑާއި ކައިވެނިކުރީ ފިރިމީހާ ހަމަ އަލަށެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ އުފަލުގައެވެ. ދެވަނަ ފިރިމީހާއަށްވެސް 3 ދަރިން ވިހައިފީމެވެ. އިން ޝާ ﷲ 

އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއްކޮށްފިނަމަ އެނިމުނީއެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. 

- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން