ޚުލްޤް ރަނގަޅު، އޯގާތެރި ފަޤީރު ނިކަމެތިންނަށް ރަޙުމްކުރާ އަންތބަކު ހޯދަންބޭނުންވާތީ ބިލިއަނަރަކު ގޭގެނޯކަރުކަމަށް ހެދުމުން ކަންތައްވީގޮތް ވަރަށް ޢިބްރަތްތެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ޚުލްޤް ރަނގަޅު، އޯގާތެރި ފަޤީރު ނިކަމެތިންނަށް ރަޙުމްކުރާ އަންތބަކު ހޯދަންބޭނުންވާތީ ބިލިއަނަރަކު ގޭގެނޯކަރުކަމަށް ހެދުމުން ކަންތައްވީގޮތް ވަރަށް ޢިބްރަތްތެރި!

އޭނާއަކީ ބިލިއަނަރުން ފެންވަރުގެ ތަނަވަސްމީހެކެވެ. މީހުންނަށް ހެޔޮ މީހެކެވެ. ފަޤީރުންނަށް އެހީތެރިވާ މީހެކެވެ. ނިކަމެތިންނަށް ކަމޭހިތައި އިޙްތިރާމްކުރާ މީހެކެވެ. އަވަށްޓެރި ނިކަމެތިންނާއިއެކު ޙަފްލާތައް ބާއްވައި ނިކަމެތިންގެ އިޙްޞާޞްތައް ދަނެގެން ދިރިއުޅެން މަސައްކަތްކުރާ މީހެކެވެ. 

އޭނާ ކައިވެނިކުރަން ބޭނުންވީ އޭނާފަދަ ހިތެއް އޮތް އަންހެނަކާއެވެ. ނިކަމެތިންނަށް ކަމޭ ހިތައިގެން އޭނާފަދައިން ގުޅުން ބާއްވައި އެހީތެރިވެދޭނެ އަންހެނަކާއިއެވެ. އެހެންވެ ސޯޝަލް މީޑިއާއިން މީޑިއާއިން ބައްދަލުވި އަންހެނަކަށް ޝައުޤުވެރިވެވުމާއިއެކު އެހުރިހާ ކަންކަމުގެ ވާހަކަތައް ކިޔައިދިނެވެ. 

އޭނާ އެހުރިހާ ކަމަކަށް އެއްބަސްވުމުން ބުންޏެވެ. "ކަލޭ އަހަރެންނާއި ކައިވެނިކުރަން ބޭނުންވާނަމަ އަހަރެންގެ މިވެނި ފްލެޓަކަށް މާދަމާ ދާށެވެ. އެތަނުން ކަލެއަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއްވެސް ލިބޭނެއެވެ. އަހަރެންނަށް ފްލެޓަށް ދެވޭނީ 5 ދުވަސްވަރު ފަހުންނެވެ." 

އަންހެންމީހާ އަނެއްދުވަހު ފްލެޓަށް ދިއައެވެ. ބައްދަލުވީ ފިރިހެން ނޯކަރަކާއެވެ. ފްލެޓުގައި އުޅެނީ އޭނާ އެކަންޏެވެ. ފްލެޓަށްވަދެވުމާއިއެކު އޭނާއަށް ހަރުކަށި އަމުރުތައް ކުރަންފެށިއެވެ. ނުބައި ބަސްތައް ބުނަން ފެށިއެވެ. ކުށެއް ފެންނައިރަށް އެއްޗެތިގޮވަން ފަށައެވެ. 

ރޭގަނޑު ދެލޯބިވެރިން ވާހަކަދައްކައެވެ. ބައްދަލުވާން ކެތްމަދުވެފައިހުރިކަމަށް އަންހެންމީހާ ބުނެއެވެ. 

5 ވަނަ ދުވަހު ހެނދުނު ބިލިއަނަރު ގުޅާފައިބުނީ ގެއަށް މިވަންނަނީ ކަމަށެވެ. ގެއަށް ވަދެ އަންހެންމީހާ އާއި ކުރިމަތިލުމުން ދިއައީ ސިއްސައިގެންނެވެ. ކުރިމަތީގައި ހުރީ ބާޓީޝާޓްގަނޑެއްލައިގެން ގޭގެ ނޯކަރުކަމަށް ހެދިގެން އުޅުނު މީހާއެވެ. އެއީ ހަމަ އޭނާކަން އަންހެންމީހާއަށް ޔަޤީންކޮށްދިނުމުގެ ގޮތުން ދެންމެ ގެއަށް ވަންނަމުން އޭނާއަށް ކުރި ކޯލު އަތުގައި އޮތް ފޯނުން ދައްކައިލިއެވެ.

ވަރަށް ބޮޑަށް ލޯބިވާކަން ދައްކާފައި މިހާބޮޑު އޮޅުވާލުމެއް އޮޅުވައިލީ ކީއްވެގެންތޯ ސުވާލުކުރުމުން ބުންޏެވެ. "އަހަރެންގެ އަމަލުތައް ހުންނަ ގޮތާއި އުޅޭގޮތާއި އަހަރެންގެ އަނބިމީހާގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އެންމެ ފުރަތަމަވެސް ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. މި ފްލެޓަށް ތިއައައީ އެސިފަތައް ކަލޭގެ ކިބައިގައި އެބަހުރިކަމަށް ބުނެފައެވެ. ޔަޤީންކޮށްލަން ބޭނުންވީ ކަލޭގެ ކިބައިގައި އެ ސިފަތައް ހުރިކަމެވެ. އިމްތިޙާނުން ކަލޭ ފޭލްވީ މާބޮޑަށެވެ. އެންމެ މާކްސްއެއްވެސް ނުލިބުނެވެ. ކަލެއަކީ ނިކަމެތިންގެ މައްޗަށް އެއްވެސް ރަޙުމެއް ކުލުނެއް ހުރި އަންހެނެއް ނޫނެވެ. ވީމާ އަވަހަށް އެނބުރިދާށެވެ."

އަންހެން މީހާ ބުނީ އޭނާގެ ޢަމަލުތައް އިޞްލާޙްކުރާނެ ކަމަށެވެ. އޭނާބުނީ ހިތުގައި ރަޙުމާއި ކުލުނާއި އޯގާތެރިކަން ނެތް މީހަކަށް އެހެން މީހުންގެ މައްޗަށް ހަމްދަރުދީ ނުވެވޭނެ ކަމަށެވެ. ކުރިމަތިވާނީ އިތުރު މައްސަލަތައް ކަމަށެވެ. އެއްވެސް އިތުރު ފުރުޞަތެއް ނުދިނުމުން އަންހެންމީހާއަށް ޖެހުނީ ރޮމުން ގެއިން ނުކުމެގެންދާށެވެ. 

މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ފިލްމެއްގެ ކުރު ޚުލާޞާ ވާހަކައެކެވެ. އަޅުގަނޑުގެ ހިތަށް މިހާދިސާއިން ވަރަށް އަސަރުކުރިއެވެ. ސަބަބަކީ އަޅުގަނޑު ކިޔަވަން މާލޭގައި ހުރި ގޭގައި އަޅުގަނޑަށް އުޅެންޖެހުނު ޙާލު ހަނދާންވުމުންނެވެ. 

ގޭގެ ވެރިމީހާގެ އަނބިމީހާއަކީ ހަމަ މިފަދަ ނުބައި ނުލަފާ އަންހެނެކެވެ. ރަޙުމާއި ހަމްދަރުދީއަކީ އޭނާގެ ހިތުގައި އޮންނަ އެއްޗެއް ނޫނެވެ. ކިރިޔާ ކަމެއްވާއިރަށް އަޑުގަދަކުރާނެއެވެ. ބަލިވެ އޮތަސް ދަމާނަގައި މަސައްކަތްކުރުވާނެއެވެ. އޭނާ ބުނާ ގޮތުން ބަލިވަނީއެއް ނޫނެވެ. ބަލިވިކަމަށް ހެދެނީއެވެ. 

އޭނާއަށްވެސް އެންމެ ފަހުން ލިބުނީ މިފަދަ ދެރައެކެވެ. އަނބިމީހާގެ އެކަންކަން ފިރިމީހާއަށް އެނގުމުން އިމްތިޙާނުކޮށް ޔަޤީންކުރުމުގެ ގޮތުން ނޯކަރެއްގެ ގޮތުގައި ގެއަށް އަންހެނަކު ގެނައެވެ. ޙަޤީޤަތް ނުއެނގޭތީ އަނބިމީހާ އޭނާ އާއިމެދުވެސް ކަންކަންކުރީ ހަމައެގޮތަށެވެ. އެހައި ނުބައިކޮށެވެ. 

ނޯކަރެއްގެ ނަމުގައި ގެނައީ އަނބިމީހާއަށް ނުއެނގޭ ފިރިމީހާގެ ތިމާގެ އަންހެނެކެވެ. އޭނާ އައިސް ހަފްތާއެއްވީތަނާ އަނބިމީހާ ވަރިކޮށްލައި ގެއިން ފޮނުވާލައިފިއެވެ. 2 ދަރިންވެސް އަތުލާފައެވެ. ބުނީ ކަލޭކަހަލަ އަޚްލާޤް ނުބައި މަންމައަކު ގެންގުޅެ ބޮޑުކުރާ ދަރިންނަށްވެސް ދަސްވާނީ ހަމަ އެނުބައި އަޚްލާޤްކަމަށްވާތީ ދަރިން ނުދޭނެ ކަމަށެވެ. 

އެއީވެސް ތަނަވަސްފިރިއެކެވެ. އަނބިމީހާއަށް ބުނެވޭނެ އެއްޗެއް ނެތުމުން ގެއިން ނުކުމެގެންދިއައީ ރޮމުންނެވެ. ކަރުނައަޅަމުންނެވެ. ގެއިން ނުކުންނަމުން ގޭގައި ގެންގުޅުނު 3 ކުދިންނާއި އެއަންހެންމީހާގެ ކިބައިން މާފަށްވެސް އެދުނެވެ. 

އަޅުގަނޑު ބުނެލަން ބޭނުންވަނީ ނޯކަރުންނަށްވިޔަސް، ގެންގުޅޭ ކުދިންނަށްވިޔަސް އަނިޔާވެރިވެ ހިތުގައި ޖައްސުވައި ރޮއްވާނަމަ އެކަންކަން އެމީހަކާއި ބައްދަލުކުރާނެ ދުވަސް އަންނާނެއެވެ. އެކިމީހުންނާއި ބައްދަލުކުރާނީ އެކިސިފައިގައެވެ. 

މިކިޔައިދިން ދެ ޙާދިސާ ތަފާތެވެ. ނަމަވެސް ނިމުނީ އެއްގޮތަކަށެވެ. މީހުންނަށް ރަޙުމްނުކުރާ މީހުންނަށް ދެރަލިބި ނިކަމެތިވެގެންނެވެ. ވީމާ މިއީ ވިސްނައި ޢިބްރަތް ޙާޞިލުކުރުން ރަނގަޅު ކަންކަން ކަމުގައި ދެކޭތީ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލީއެވެ.

 

ޙާޖަރާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން