އެންމެގާތް އެކުވެރިންނާމެދު ހޭލުންތެރިވާށެވެ! އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާއަށް ބަލިވެއިން ކަމަށް ހެދިގެންވެސް ދެމަފިރިން ދުރުކުރަން މަސައްކަތްކުރުމުގެ މައްސަލަތައް ގިނަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
އެންމެގާތް އެކުވެރިންނާމެދު ހޭލުންތެރިވާށެވެ! އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާއަށް ބަލިވެއިން ކަމަށް ހެދިގެންވެސް ދެމަފިރިން ދުރުކުރަން މަސައްކަތްކުރުމުގެ މައްސަލަތައް ގިނަވަނީ!

ޝެނީ އާއި ޖެނީއަކީ ސްކޫލްދައުރުންސުރެ ވަރަށް ގާތް ދެ އެކުވެރިންނެވެ. ކޮލެޖުގައިވެސް އުޅުނީ އެކުގައެވެ. ކޮލެޖު ނިންމިތަނުން ޝެނީއަށް ލޯބިވެރިއަކު ލިބި ކައިވެނިކޮށްފިއެވެ. އޭނާއަކީ ތަނަވަސް ޢާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. 

ޖެނީއަކަށް އެކަން ބަލައެއް ނުގަނެވުނެވެ. މަސައްކަތްކުރަމުން އައީ ދެމަފިރިންގެ ދޭތެރެއަށް ވަދެގަންނާނެ ގޮތަކަށެވެ. އެގޮތަށް ކުރަމުން ދިއަ މަސައްކަތުގެ ތެރެއިން ޝެނީގާތު ބުނެގެން ދުވަސްކޮޅަކު ހުރެލަން އެގެއަށް ބަދަލުވިއެވެ. ސަބަބެއްކަމަށް ދެއްކީ ޢާއިލާގެ މައްސަލަތައް ގިނަވުމުން ބޮލުގައި ރިއްސަމުން އައިސް ބައްޔަކަށްވެފައިވާ ކަމެވެ. 

ޖެނީ ގޭތެރޭގައި ލައިގެންއުޅޭ ހެދުމާއި އަދި ކަޅިއަޅާގޮތް ޝެނީގެ ފިރިމީހާއަކަށް ކަމަކު ނުދިއައެވެ. އެހެންވެ އެކަންކަން ފާހަގަކޮށް އެކުވެރިޔާ ފޮނުވާލުމަށް އެތައްފަހަރަކު އަނބިމީހާގެ ކިބައިން އެދުނެވެ. ނަމަވެސް އެއީ ޖެނީގެ މިޒާޖުކަމަށްބުނެ ގޭގައި ބެހެއްޓީއެވެ. 

ނަތީޖާއަކަށްވީ ޝެނީ އާއި ޝެނީގެ ފިރިމީހާގެ ޖޫސްތަށްޓަށް ނިދިއަންނަ ބޭހެއް އަޅައި ނިންދަވައިލުމެވެ. ޝެނީއަށް ކޮޓރިއަށް ގޮސް އެނދުގައި އޮށޯވެވުނީ ހަމަކިރިޔާއެވެ. ފިރިމީހާއަށް ނިދުނީ ސިޓިންގ ރޫމްކްގެ ސޯފާގައެވެ. ހޭލެވުނުއިރު ޖެނީ ކައިރީގައި އިނެވެ. ފިރިމީހާގެ ފަޓުލޫނެއް ނެތެވެ. އޮތީ މާދުރުގައެވެ. އެއްޗެކޭ ބުނަންވާއިރަށް މިއީ ސިއްރެއްކަމަށް ބުނެފައި ތެދުވެގެން ހިނގައްޖެއެވެ.  

އެކަމުގެ ވާހަކަ އަނބިމީހާއަށް ކިޔައިދޭނެ ގޮތަކަށް ވިސްނަމުންދަނިކޮށް މަހެއްހައިދުވަސް ފާއިތުވިތަނާ ޖެނީ ޝެނީ ގާތު ބުނީ އޭނާ އިނީ ޝެނީގެ ފިރިމީހާއަށް ބަލިވެކަމަށެވެ. އަދި ދެމީހުންނަކީ ދެލޯބިވެރިން ކަމަށެވެ. 

ނަމަވެސް ޝެނީ ދިނީ ޖެނީ ހީވެސް ނުކުރާފަދަ ޖަވާބެކެވެ. "އަހަރެން މިވަގުތާއި ހަމައަށްވެސް ކަލެއަށް ވަރަށް އިތުބާރުކުރީމެވެ. ފިރިމީހާއަކީ ކަލޭގެ ލޯބިވެރިއެއްނަމަ ކަލޭ މިގެއިން ފޮނުވާލަން ބޭނުންވެގެން އަބަދު އެވާހަކައެއް ނުދެއްކީހެވެ. ދެވަނަ ކަމަކީ އަހަރެންގެ ފިރިމީހާއަކީ ދަރިއަކު ލިބޭ ޙާލަތުގައި ފިރިހެނެއް ނޫނެވެ. އަހަރެމެން މިގެންދަނީ އެކަމަށް ފަރުވާކުރަމުންނެވެ. މިދިއަ ހަފްތާގައިވެސް ޓެސްޓްތައް ހެދީމެވެ. ވީމާ ކަލޭ ބަލިވެއިންނަމަ ބަލިވެއިނދެގެން ތިއައުޅެނީ އެހެން ކޮންމެވެސް މީހަކަށެވެ. ކުޑައިރުންސުރެ އެންމެ ގާތް އެކުވެރިޔާކަމަށް ބަލައިގެން މިއުލެވުނު އުޅުމުގެ އަގު ލިބިއްޖެއެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކައި އަވަހަށް މިގެއިންދާށެވެ."

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ބަލާފައިވާ ވާހަކައެކެވެ. އަޅުގަނޑު ނޫން އެތައްބައަކުވެސް ބަލާފައިވެދާނެއެވެ. މިވާހަކަ އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ މިފަދަ އެކުވެރިން ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ގިނަކަމުންނެވެ. އަދި މިވާހަކައާއި އަޅުގަނޑުގެ ޙަޔާތާއިވެސް ގުޅުންހުރުމުންނެވެ. 

އަޅުގަނޑުގެވެސް ހަމަ މިފަދަ އެކުވެރިއެއް ހުއްޓެވެ. އަޅުގަނޑަށް އޭނާއަށް ކުރެވުނު އިތުބާރުބޮޑުކަމުން ލިބުނު ފުރުޞަތެއްގައި އޭނާ ފިރިމީހާ އާއި ގުޅުން ހިންގިއެވެ. އެކަން ކުރުމަށްފަހު ފިރިމީހާގެ ދަރިއަކަށް ބަލިވެއިންކަމަށް ހުވާވެސްކުރިއެވެ. ހުވާކުރިތާ ދުވަސްކޮޅެއްފަހުން އެއީ ދެމީހުން އުޅޭލެއް އެކުވެރިކަމުން ހިތުގައި ހަސަދަވެރިކަން އުފެދިގެން ދެމީހުން ދުރުކުރެވޭތޯ ކުރެވުނު ދޮގުހުވައެއް ކަމަށް އެއްބަސްވެ މާފަށްވެސް އެދުނެވެ. އަދި ހަސަދަވެރިވެވުނީ އޭނާގެ ފިރިމީހާގެ ކިބައިން ލޯބިނުލިބޭތީ ކަމަށްވެސް ބުންޏެވެ.  

ފަހުން އެނގުނު ގޮތުގައި އޭނާގެ މަޅީގައި ފިރިމީހާ ޖެއްސުވީ އަޅުގަނޑު ރާއްޖޭގައިވެސް ނަތިސް ފިރިމީހާ ކޮޓަރީގައި އޮއްވާ ވަދެ އަމިއްލައަށް ބަރަހަނާވެ އެކަމަށް އެދިގެންނެވެ. އެވަގުތު ފިރިމީހާއަށްވެސް އިބިލީހުގެ ބަހަށް ހެއްލެވުނީއެވެ. ފިރިމީހާއަށް އަޅުގަނޑު މާފުކުރީމެވެ. ކުށްވެރިއަކީ އަޅުގަނޑުކަމަށްވާތީއެވެ. އޭނާ ގެއަށް ވައްދައިގެން އެހާގާތްކޮށް ގެންގުޅެވުން އެއީ އަޅުގަނޑަށްކުރެވުނު ކުށަކަށްވާތީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އެކުވެރިކަން ކިތަންމެ ބޮޑުވިނަމަވެސް ބައިވެރިޔާއާއި ވައިއެޅިލެވޭހިސާބަށްވެސް ކައިރިވުމުގެ ފުރުޞަތު ނުދޭށެވެ. އަންހެނަކަސް އަދި ފިރިހެނަކަސް މިގޮތަށް މިފިޔަވަޅު ނުއެޅިއްޖަނެމަ ނޯށުން ރޯންޖެހުން އޮންނާނީ ދާދިގާތުގައެވެ. 

- ސާމިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން