"އަޅުގަނޑުގެ ފިރިމީހާއަށް ލިބޭ އާމްދަނީން އަޅުގަނޑާއި 4 ދަރިންގެ އަސާސީ ބޭނުންތައްވެސް ފުއްދައެއް ނުދެވެއެވެ. ސްކޫލަށް ބޭނުންވާ ބައެއް ކަންކަންވެސް އޮންނަނީ ނުކުރެވިފައެވެ. އެކަމަކުވެސް 2 އަންބަށް ކައިވެނިކުރަން އެއްބަސްނުވެގެން އަޅުގަނޑު ވަރިކޮށްފާނެ ކަމުގެ ބިރު އެބަދައްކައެވެ. ހުރި އަނބިމީހާއަށާ ތިބި ދަރިންނަށް ޚަރަދުނުކުރެވޭ މީހަކަށް އިތުރު އަންތބަކު ހުއްތަވާނެތޯއެވެ؟"
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.
"އަނބި ދަރީންގެ މައްޗަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށްވާ ވާޖިބެކެވެ. އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވެއެވެ.
އެހެންކަމުން، ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާ އިތުރު ކައިވެންޏެއް ނުކުރެވޭ ގޮތަށް ހަދާފައިވާ ޤަވާޢިދަކީ އެއީ އޭގައި މުޅި މުޖުތަމަޢުގެ އެތައް އަންހެނުންނާއި މަޢުޞޫމު އެތައް ކުދީންގެ މަޞްލަޙަތު ހިމެނިފައިވާ ރަނގަޅު ޤަވާޢިދެކެވެ.
ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާއަށް ޙަޤީޤަތުގައި ކައިވެނި ވާޖިބު ނުވެސް ވާނެއެވެ. އެއްކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ނުކުރެވޭ މީހާ އަނެއް ކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ކުރާނީ ކިހިނެއް ހެއްޔެވެ؟"
- ޝައިޚް މުޙައްމަދު ޝާފިޢު