ވިސްނާށެވެ! ޒަވާޖީ ޙަޔާތް އުޖާލާކުރަން ބޭނުންވެގެން މޫނު މޭކަޕްކޮށް ކުލައުނގުޅުމަކީ ބޭކާރުކަމެކެވެ. ސަބަބަކީ ރީތިކުރަންވީ މޫނު ނޫންކަމަސްވެފައި ރީތިކުރަންވީ ހިތްކަމުގައިވާތީއެވެ. ވީމާ މޫނު މޭކަޕްކުރުމަކީ ކައިވެންޏަސްފަހުގައި ކުރާކަމަކަށް ހަދާށެވެ!
މޭކަޕްކުރަން އެވަރަށް ތިއަ މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟ ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހަކު ލޯބިވާނީ މޭކަޕަކަށް ނޫނެވެ! ޙަޤީޤީ ސިފަތަކަށެވެ! އަސްލު ސޫރައަށެވެ!
ބައެއް އަންހެނުންނަށް އެ ލަނޑު ލިބެއެވެ. މޭކަޕް ފިލުމުން އަޞްލު ސިފަ ފެންނައިރު މުޅިން އެހެން އަންހެނެއްގެ ގޮތުގައި ފެނުމުން ހޮޑުލަވާ ވާހަކަވެސް މީހުން ދައްކާ ވާހަކައިގެ އަޑުއިވެއެވެ. އެފަދަ ޕޯސްޓްތައްވެސް ފެނެއެވެ. މިއީ ދައްކައިގެން ނުވާނެ ވާހަކައެއް ނަމަވެސް އެފަދަ ވާހަކަތައްވެސް މީހުން ދައްކައެވެ. މަލާމާތްކޮށް ފޮޓޯ ވެސް ހާމަކުރެއެވެ.
ޙައްލަކީ: އުފާވެރިކަން ބޭނުންނަމަ ރީތިކޮށް އޮފް އަރުވަން މަސައްކަތްކުރަންވީ މޫނެއް ނޫނެވެ. ސާފުތާހިރުކުރަންވީ ހިތެވެ. އެހެނީ އިންސާނާގެ ރީތިކަން ވަނީ މޫނަކު ނޫނެވެ. އަޚްލާޤްގައެވެ. އަޚްލާޤް މޭކަޕްކޮށްދޭނީ ހިތެވެ.
ވީމާ މަސައްކަތްކުރަންވީ ހިތް މޭކަޕް ކުރުމަށެވެ. ހިތް މޭކަޕްކުރުމަކީ ހިތް ސާފުކޮށް ޠޯހިރުކުރުމެވެ. އެކަން ކޮށްދޭ ބާރަކީ އީމާންކަމާއި ތަޤްވާވެރިކަމެވެ. ވީމާ މުޅި ދިރިއުޅުން އުޖާލާ ކުރުން ގުޅިފައި މިވަނީ އީމާންތެރިކަމާއި ތަޤްވާވެރިކަމާއިއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން