އަނބިމީހާ ގޭގަ ބައިންދާފަ ނުކުމެ ހިލޭ އަންހެނުންނާއެކު ވަގުތުހޭދަކުރުމާ ގުޅުންހިންގުމަކީ މަތިމައްޗަށް ކުރާ ބޮޑުފާފަ! ނުހުއްޓައިފިނަމަ ޢަމަލުކުރަން އޮތް މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އަނބިމީހާ ގޭގަ ބައިންދާފަ ނުކުމެ ހިލޭ އަންހެނުންނާއެކު ވަގުތުހޭދަކުރުމާ ގުޅުންހިންގުމަކީ މަތިމައްޗަށް ކުރާ ބޮޑުފާފަ! ނުހުއްޓައިފިނަމަ ޢަމަލުކުރަން އޮތް މަގު!

"އަނބިމީހާ ގޭގައި ނިންދަވާފައި ފިރިމީހާ ހީލޭ އަންހެނުންގެ ކިބައިން އުފާ ހޯދުމުގެ ޙުކުމަކީ ކޮބައިތޯ" މިއީ ވަރަށް ގިނައިން އަންހެނުންކުރާ ސުވާލެކެވެ.

ވަރަށް ކުރު ޖަވާބެއް ބުންނަ ހެއްޔެވެ؟ އަނބިމީހާ ގޭގަ ބައިންދާފަ، ނުވަތަ ނިދަން ބާއްވާފަ ނުކުމެ ހިލޭ އަންހެނުންނާއެކު ވަގުތުހޭދަކުރުމާ ގުޅުންހިންގުމަކީ މަތިމައްޗަށް ކުރާ ބޮޑުފާފައަކަށް ނޫނީ ނުވާނެއެވެ. 

އަދި ފިރިމީހާގެ އެ ޢަމަލު އޭނާ އިޞްލާޙް ނުކުރިނަމަ އަނބިމީހާގެ މައްޗަށް އޮތީ ތިމާގެ މުސްތަޤްބަލަށް ވިސްނައި އެންމެ ރަނގަޅު ފިޔަޅު އެޅުމަށް އަވަސްވެގަތުމެވެ.

އަޑުއަހާށެވެ! އަނބިމީހާ ނިންދަވާފައި ނުވަތަ ނިދަން ގޭގައި ބާއްވާފައި ފިރިމީހާ ބޭރުން އުފާ ހޯދާނަމަ އެއީ އަނިޔާވެރިކަމެވެ! އެއީ ހަމައެކަނި އަނބިމީހާއަށް ދެވޭ އަނިޔާވެރިކަމެއް ނޫނެވެ. އަމިއްލަ ނަފްސަށް ވެސް ލިބިގަނެވޭ އަނިޔާވެރިކަމެކެވެ. އެހެނީ ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެންމެ ގަދަފަދަ ޢަޛާބް ދެއްވަވާ އެއް ފާފައައެވެ. 

ފާފައިގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! ކައްވަޅުގައި ވެސް އޮންނަން ޖެހެނީ އަލިފާނުން އަނދައަނދައެވެ. އަލިފާނުގެ ޗޭމްބަރެއް ފަދަ ތަނެއްގައެވެ. ސަލާމަތްވުމަށް މަސައްކަތްކުރަމުން އައިސް އެންމެ ދަހިލަވާ ހިސާބުން ހުޅުގަނޑު އައިސް ދަމައި ތިރިއަށް ވައްޓާލައެވެ. 

މިކަމުގައި ތިއަ ލޮބުވެތިކަނބަލުންވެސް ވިސްނައިލަން ޖެހޭނެއެވެ! މިދެއްކެނީ ހިލޭ އަންހެނުންގެ ގާތަށް ދާ ވާހަކަ އާއި ޒިނޭ ކުރުމުގެ ވާހަކައެވެ. މި ދެކަންތައް ވެސް ކުރެވެނީ ތިއަ ޖިންސުގެ ބައިވެރިވުމާއިއެކުގައެވެ. ވީމާ ތިއަ ކަނބަލުން އެކަކު އަނެކަކަށް ހަމްދަރުދީވެފައި ނަމަވެސް މިފަދަ މުޞީބާތްތަކުން މުޖުތަމައު ސަލާމަތްކުރުން ކީއްހެއްޔެވެ؟ ހަމަ އެއާއިއެކު ޒިނޭގެ ފާފައަށް ބެލިނަމަވެސް މަރުވެ ވަޅުލެވުމުން ކުރިން ބަޔާން މިކުރި އަލިފާނުގެ ޗޭމްބަރަށް ޖެހޭނީ ހަމަ ޒިނޭކުރާ އަންހެނުންނަށްވެސް ވަންނާށެވެ! 

ކޮންމެއަކަސް ފިރިމީހާގެ ކިބައިން މުންކަރާތްތަކަށް އަރައިގަތުމުގެ އަމަލުތައް ފެންނަނަމަ އެކަންކަން ހުއްޓުވަން މަސައްކަތްކުރާށެވެ. ނަމާދަށް ނުދިއުމާއި ޤަޞްދުގައި ރަމަޟާންމަހުގެ ރޯދަ ނުހިފުމާއި ޒިނޭކުރުމާއި ބަނގުރާ ބުއިމާއި މިޔުޒިކަށް ދެވިހިފާފައި ހުރުން ފަދަ މުންކަރާތްތައް ފިރިމީހާގެ ކިބައިން ފެންނަނަމަ ފުރަތަމަ ނަޞޭޙަތްތެރިވާށެވެ. އެއަށްފަހު ވަރިވާނެ ކަމުގެ އިންޒާރުވެސް ދޭށެވެ. އެވަރުންވެސް އިޞްލާޙް ނުވި ނަމަ، އެފަދަ އަމަލުތައް ކުރުން ނުހުއްޓިނަމަ ވަރިއަށް އެދުމަކުން ފާފައެއް ނެތެވެ! 

ނަމަވެސް ވިސްނުންތެރިވާންވާނެއެވެ. ޙިކްމަތްތެރިވާންވާނެއެވެ. ވަރިއަކީ ހުއްދަ ކަމެއް ނަމަވެސް ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑި ނުގަންނަވާ އަމަލުކަމުގައިވުމުން ވަރީގެ ވާހަކަ ދެއްކުމަކީ ވެސް ކުރާ އެންމެ ފަހު ކަންތައް ކަމުގައި ނޫނީ ނުހަދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން