އަނބިދަރިންނަށާ މައިންބަފައިންނަށް ޚަރަދުކުރުމަކީ ޘަވާބުދެއްވަވާ އަޅުކަމެކެވެ. ޚަރަދު ނުކުރުމަކީ ޢަޛާބް ދެއްވަވާނެ ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އަނބިދަރިންނަށާ މައިންބަފައިންނަށް ޚަރަދުކުރުމަކީ ޘަވާބުދެއްވަވާ އަޅުކަމެކެވެ. ޚަރަދު ނުކުރުމަކީ ޢަޛާބް ދެއްވަވާނެ ފާފައެކެވެ!

ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން މުސްލިމުންނަށް އަޅުކަންކަމުގައި ލައްވަވާފައިވަނީ ހަމައެކަނި މިސްކިތުގައި ނުވަތަ މުސައްލަމަތީގައި އިނދެގެން ކުރާ ކަންކަމެއް ނޫނެވެ. އަނބިދަރިންނަށް ކާންބޯންދޭން ކުރާ މަސައްކަތާއި މައިންބަފައިންނަށް ކާންދޭންކުރާ މަސައްކަތުގެ އިތުރުން ތިމާއަމިއްލައަށް ކާންބޯންކުރާ ޙަލާލު ކޮންމެ މަސައްކަތެއްވެސް ލައްވަވާފައިވަނީ ހަމަ އަޅުކަމުގެ ގޮތުގައެވެ. 

އަދިކީއްހެއްޔެވެ؟ ތިމާގެ ކެއުމަށާއި އަނބިދަރިންނާއި މައިންބަފައިންނަށް ކާންބޯންދޭން މަސައްކަތްކުރާނަމަ އެމަސައްކަތުން ތިބާ ކާންބޯންދޭ އެންމެންނަށް ފޯރުކޮށްދޭ ހެޔޮކަމުން ތިބާއަށް ޘަވާބު އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ

ކަންކަން އޮތީ މިފަދައިންނަމަވެސް ގިނަބައަކަށް މިއުޅެނީ އަނބިދަރިންނަށާއި މައިންބަފައިންނަށް އެންމެ ކުޑަމިނުން ކާންބޯންދޭންވެސް ބުރަވެގެންނެވެ. ކުރާ މަސައްކަތުން ލިބޭ އާމްދަނީ މަދުވެގެން އިތުރަށް މަސައްކަތެއްކުރަންޖެހިއްޖެނަމަ އެކަން ދެކެވެނީ އުފުލަންޖެހޭ އިތުރުތަކްލީފެއްގެ ގޮތުގައެވެ. އެކަމަށް އަންނަ ރުޅީގައި އަނބިދަރިންނާއި މައިންބަފައިން ދޫކޮށް ދުރަށްދާ މީހުންވެސް މަދެއް ނޫނެވެ. 

އެފަދަ މީހުން އެންމެ ފަހަރަކުވެސް ތިމާ މިއަދާކުރަނީ ތިމާއަށް ﷲ ތަޢާލާ ވާޖިބުކުރެއްވެވިކަމާއި އެވާޖިބު އަދާކުރުމުން ދެއްވަވާނެ ޘަވާބާއި ލައްވަވާނެ ރަޙްމަތުގެމަތިން ވިސްނައިލާނެ ނަމައެވެ. 

"އަދި ތިބާއަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚިރަތުގެ ދިންނެވުމާއި، ރަޙްމަތާއި، ޘަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާއަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި ﷲ، ތިބާޔަށް އިޙްސާން ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (ﷲ ގެ އަޅުތަކުންނަށް) އިޙްސާންތެރިވާށެވެ! އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، ފަސާދަކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (އަލް ޤަޞަޞް: 77) 

"-- އަދި ދުނިޔެއިން ތިބާއަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ!—" އޮތް ބަސްފުޅުގެ މާނައިގައި ﷲ ތަޢާލާގެ މަގުގައި ތިބާ ހޭދަކުރުމުން (ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުކުރުމުން) ޤިޔާމަތް ދުވަހުން ދެއްވަވާނެ ޘަވާބުގެ ވާހަކަ ހިމެނޭކަން ހަނދާންކުރާށެވެ. 

މީސްތަކުންނޭވެ! ކުރިން ބުނިފަދައިން ތިބާ ކާންބޯންދޭންޖެހޭ މީހުންނަށް ކާންބޯންދީ އަދި އަދި އެމީހުންގެ ކަރަދުތައް ބެލެހެއްޓުމަށް ކުރާ މަސައްކަތަކީ ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. އަދި އެއީ ޘަވާބުދެއްވަވާ އަޅުކަމެއް ފަދައިން އެކަން ނުކުރުމުން ތިމާ ފާފަވެރިވާނެކަންވެސް ހަނދާންކުރަންވާނެއެވެ! އެކަމަށް ބިރުވެތިވާންވާނެއެވެ. އެއިރުން ތިބާއަށް ލައްވަވާ ރަޙްމަތް އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން