ބަކަރިހުއިހައްޕާ މީހާގެ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވެއްދެވި ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބަކަރިހުއިހައްޕާ މީހާގެ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވެއްދެވި ޢަމަލު-

ބަކަރިތައް ހުއިހައްޕަން ފަރުބަދަތަކުގެ މަތީގައި އުޅުނު މީހަކު ނަމާދުވަގުތު ޖެހުމުން މަސައްކަތް ހުއްޓާލާފައި ނަމާދުކުރުމުން އޭނާގެ ފާފަތައް ފުއްސަވައި ދެއްވެވިކަން ޙަޑީޘްފުޅުން އެނގެން އެބައޮތެވެ. 

ﷲ ތަޢާލާ މަލާއިކަތުންނަށް ވަޙިކުރެއްވެވިބަސްފުޅުގެ މާނައިގައިވެއެވެ. "އޭނާ ތިމަން ﷲ އަށް ބިރުވެތިވާ މިންވަރު ނިކަން ދެކިބަލާށެވެ! ތިމަން ﷲ އަށް ބިރުވެތިވެ (ވަގުތުޖެހުމުން) އޭނާ ނަމާދުކޮށްފިއެވެ. އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވައިފީމެވެ. އޭނާ ސުވަރުގެ ވައްދަވައިފީމެވެ." 

ނިކަން ބުނެބަލާށެވެ. އުނދަގޫވާނީ އަހަރެމެން މިކުރާ މަސައްކަތް ކުރަނިކޮށް ނަމާދުވަގުތު ޖެހުމުން ނަމާދުކުރަންހެއްޔެވެ؟ އެތައް ބައިވަރު ބަކަރިތަކެއް ބަލަހައްޓަމުން އައި އެމީހާއަށް ހެއްޔެވެ؟ އަހަރެމެންނަށް އޮފީސް ނޫނީ ފިހާރަ ތަޅުލާފައިވެސް އިރުކޮޅަކަށް ނަމާދަށް ދެވިދާނެއެވެ. ނަމަވެސް އޭނާ ނަމާދުކުރާ ަވގުތު ބަކަރިތައް ބަލަހައްޓައިދޭނީ ކާކުހެއްޔެވެ؟ 

ތަފާތަކީ އިޙްޞާންތެރިކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވޭ މިންވަރެވެ. ނަމާދަށް ބަންގިގޮވުމުން އެކަމަށް ސަމާލުކަން ދެވޭ މިންވަރެވެ. މީސްތަކުންނޭވެ! ނަމާދާއިމެދު އަހަރެމެން މިގެންގުޅޭ ވިސްނުން ބަދަލުކުރަން އެބަޖެހެއެވެ. 

މިބަޔާންކުރި ޙަދީޘްފުޅުން އެނގިގެންދަނީ ނަމާދުވަގުތު ޖެހުމުން ﷲ އަށް ބިރުވެތިވެ ނަމާދުކުރާ މީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެކަމެވެ. އެމީހަކު ސުވަރުގެ ވައްދަވާނެ ކަމެވެ. އަހަރެމެން ބޭނުންވެގެން މިއުޅެނީ އެކަން ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ؟ 

ވީމާ ކުރަންހުރި މަސައްކަތް ބަހައްޓާފައިވެސް ވަގުތު ޖެހުމުން ނަމާދުކުރާ މީހަކަށްވާށެވެ! ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާ އަޅަކަށްވުމަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން