ދުވާލު ދެއިރު ތިބާގެ ވާހަކައިން ﷲ ސުވާލުކުރައްވަވައެވެ! ތިބާގެ ވާހަކަ ﷲ ގެ ޙަޟްރަތުގައި ދެއިރު ދެންނެވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ދުވާލު ދެއިރު ތިބާގެ ވާހަކައިން ﷲ ސުވާލުކުރައްވަވައެވެ! ތިބާގެ ވާހަކަ ﷲ ގެ ޙަޟްރަތުގައި ދެއިރު ދެންނެވެއެވެ!

ތިބާގެ ވާހަކަ ކޮންމެ ދުވަހަކު ރައީސުންގެ އަރިއަހުގައި ދެންނެވޭނަމަ ރައީސް ރުހޭނެ ގޮތަށް ކަންކަން ކުރަން ބޭނުންނުވާނީ ކާކުހެއްވެ؟ އެފަދަ މީހަކު ހުންނާނެ ހެއްޔެވެ؟  

"އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމައަށް، ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބް ނަމާދާއި، ޢިޝާ ނަމާދު ޤާއިމްކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ." (އަލްއިސްރާ: 78) 

"ތިއަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދު (ޢަޞްރު ނަމާދު) ގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިއަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމްވެ ތިބޭށެވެ!" (އަލްބަޤަރާ: 238) 

ޢަބްދުﷲ ބުން ޢުމަރު (ރޢ) ގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. 

"ހަމަކަށަވަރުން ރަސޫލް () ޙަދީޘްފުޅު ކުރެއްވެވިއެވެ. ޢަޞްރު ނަމާދު ގެއްލޭ މީހާއީ، އޭނާގެ އަނބިދަރިންނާއި މުދައު ގެއްލިގެންދާ މީހެއް ފަދައެވެ." 

ފަތިސްނަމާދުގެ ވަގުތުގައި ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުން ޑިޔުޓީ ބަދަލުކުރައްވަވާ ފަދައިން ޢަޞްރު ނަމާދުގެ ވަގުތަކީ ދުވާލުގެ މަލާއިކަތުން ރޭގަނޑުގެ މަލާއިކަތުންނާއި ޑިޔުޓީ ބަދަލުކުރައްވަވާ ވަގުތެވެ.  

ޑިޔުޓީ ބެލެހެއްޓެވުމަށްފަހު ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގެން އެ މަލާއިތަކު ޑިޔުޓީ ބެލެހެއްޓެވި މީހާ އާއި ބައްދަލުވެވަޑައިގެންނެވި ޙާލަތާއި ވަކިވެވަޑައިގެންނެވި ޙާލަތު ﷲ ތަޢާލާއަށް ދަންނަވާނެތެވެ! އެވާހަކަ ދަންނަވާނީ ﷲ ތަޢާލާ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާއިރުވެސް އެ މަލާއިކަތުންނާއި ތިބާގެ ވާހަކައިން ސުވާލުކުރެއްވެވުމުންނެވެ.  

ތިއަބައިމީހުން ނިކަން ބުނެބަލާށެވެ! ތިމަން ޑިޔުޓީ ބެއްލެވި އަޅާ އާއި ބައްދަލުވީ ފަތިސް ނަމާދުން ކަމަށާއި ވަކިވެވަޑައިގަތީ ޢަޞްރު ނަމާދުން ކަމުގައި ﷲ ތަޢާލާއަށް ދެންނެވޭނީ ތިއަބައިހުންގެ ތެރެއިން ކިތައް މީހުންގެ ޑިޔުޓީ ބެލެހެއްޓެވި މަލާއިކަތުންނަށް ހެއްޔެވެ؟ ޖަވާބު އެނގޭނީ ހަމަ ތިއަބައިމީހުންނަށެވެ! ޔަޤީން ކުރެވޭ ކަމަކީ ކޮންމެ ދުވަހަކުވެސް ދެއިރު ކޮންމެ މީހެއްގެ ވާހަކަވެސް ﷲ ތަޢާލާއަށް ހުށަހެޅެމުންދާކަމެވެ!  

އެމީހެއްގެ ވާހަކަ ދެންނެވެން ބޭނުންވާ ގޮތް އިޚްތިޔާރުކުރުމަކީ އެމީހެއްގެ ކަމެކެވެ. އޭ ރިޕޯޓެއް ބޭނުންވާ ނަމަ ފަރުޟު 5 ނަމާދުވެސް ޖަމާޢަތުގައި ކުރަމުން ގެންދާށެވެ! ފަތިސް ނަމާދަށާއި ޢަޞްރު ނަމާދު ޖަމާޢަތުގައި ކުރުމަށް ދޭ ސަމާލުކަން އިތުރުކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން