ދަރިންގެ ހިތްތަކުގައި ﷲ ތަޢާލާގެ މައްޗަށް ލޯބިޖެއްސުމަށްޓަކައި ކަންކަން ކުރާނެ ވަރަށް ގިނަ ފުރުޞަތުތައް ﷲ ތަޢާލާ ވަނީ މައިންބަފައިންނަށް ދެއްވަވައިފައެވެ. މީގެ ތެރެއިންވެސް އެންމެ އަގުހުރި އެއް ފުރުޞަތަކީ ކުދިން ނިންދަވާ ވަގުތެވެ.
ގޮތް ބަލަންވެސް ނިކަން ކުދިން ނިންދަވަން ބާއްވާފައި ނިދުމުގެ ކުރިން ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަމާއި ގުޅުންހުރި ކޮންމެ ވެސް ވާހަކައެއް ކިޔައިދީބަލާށެވެ! އަމިއްލައަށް ކިޔައިދޭން ނުއެނގޭނަމަ ފޮތަކުން ބަލައިގެންވެސް ކިޔައިދޭށެވެ. އަދި ވާހަކައެއް އަމިއްލައަށް އުފެއްދިވެސް ދާނެއެވެ! އަދި ކުދިންނަށް އެންމެ ބޮޑަށް ފައިދާ ކުރާނީވެސް އެކުދިންނަށް ފެނި ތަޖުރިބާ ކުރެވެމުންދާ ކަންކަމުން މިސާލުދައްކައިގެން ވާހަކަތައް ކިޔައިދިނުމުންނެވެ.
މިސާލެއް!
ދަރިފުޅާ އެނގޭތަ މާތް ﷲ ދަރިފުޅަށް މިއަދުވެސް ވަރަށް ބޮޑު ހަދިޔާއެއް ދެއްވެވިކަން! ބައްޕަ މިއަދު ގެނެސް ދެއްވިއެއްނު ދަރިފުޅަށް ވަރަށް ރީތި ބޫޓެއް. ބައްޕަ އެ ބޫޓު ބައްލަވައިގަތީ ބައްޕަ ކުރައްވާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވަވައި ބައްޕައަށް ފައިސާ ލިބިިލައްވާނެ މަގު ފަހިކުރައްވަވައި ދެއްވަވާތީއޭ! ވީމާ ކޮއްކޮއަށް މިއަދު އެ ލިބުނު ބޫޓުވެސް އެއީ ހަމަ މާތް ﷲ ދެއްވެވި އެއްޗެކޭ!
އެހެންވީމާ ބަދަލެއްގެ ގޮތުން ކޮއްކޮ ކުރަންޖެހޭނެ ކަމަކީ ﷲ އަށް ޝުކުރުވެރިވުން. ބައްޕަ ބޫޓޫ ގެނެސް ދެއްވީމާ ބައްޕައަށް ތޭންކް ޔޫ ބުނީމެއްނު. އެހެންވީއިރު މާ ބޮޑަށް ތޭންކްޔޫ ބުނަން ޖެހޭނެނު މާތް ﷲ އަށް! އަވަހަށް ކިޔާ ޝުކުރު އަލްޙަމްދުލިﷲ!
އަދި ބުނަންތަ! ދަރިފުޅަށާ މަންމަ އަށާ ބައްޕައަށާ މާމައަށާ ކާފައަށާ އެންމެންނަށް ބޭނުންވާ ތަކެތި ގަނެވޭނީ ވެސް މާތް ﷲ ބައްޕައަށް ފައިސާ ދެއްވެވީމައެއްނު ދޯ! އެހެންވީމާ އެކަމަށް އެދި ދުޢާ ކުރަންވާނެ އިނގޭ!
އަވަހަށް ކިޔާ!
"ޔާ ﷲ! ކޮއްކޮގެ ބައްޕައަށް ތަނަވަސްކަން އިތުރުކޮށްދެއްވަވާނދޭވެ! ބައްޕައަށް ބައިވަރު ފައިސާ ދެއްވަވާނދޭވެ! އަދި ކޮއްކޮގެ ހިތް އަލިކުރައްވަވައި މޮޅު ކުއްޖެއް ކަމުގައި ލައްވަވއިދެއްވަވާނދޭވެ!" އާމީން
ނިދުމުގެކުރިން ކިޔުން ސުންނަތުގައި ހުރި ޛިކުރުތައް ކުއްޖާގެ އުމުރާއިގުޅޭގޮތުން ކިޔުއްވާފައި ދަރިފުޅު އެންމެ ޝައުޤުވެރިވާ ޤާރީއެއްގެ އަޑުން މަޑުމަޑުން ކީރިތި ޤުރްއާން ޖަހައިގެން ނިންދަވާށެވެ.
ފަށަމުން ބުނި ފަދައިން ކުދިންގެ ހިތްތަކުގައި ﷲ ތަޢާލާގެ މައްޗަށް ލޯބި ޖެއްސުވުމަށް ވަރަށް ގިނަ ފުރުޞަތުތައް ލިބިގެންދެއެވެ. އެފުރުޞަތުތަކުގެ ބޭނުން ހިފާނަމަ އެކަމުގެ ފައިދާ ފެނި އަދި ފައިދާ ފެނިގެންދާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން