ޝައިޠޯނާގެ ޢަމަލުތަކަށް ގިނަ ބައަކު ޣަރަޤުވެފައިވާއިރު މިކަންކަމަށް ޣަރަޤުވެފައިވާ މީހުންނަކީ ހަމަ އެ ޝައިޠާނާގެ އަޅުންނެވެ. އެ އެންމެންނަކީވެސް ޝައިޠާނާ ބުނާހައި ކަންކަން ކުރަމުން ގެންދާ މީހުންނެވެ. އެހެންވެ އެމީހުންގެ ވާހަކަ ﷲ ތަޢާލާ ވަނީ ނިސާ ސޫރަތުގެ 120 ވަނަ އާޔަތުގައި ވަހީ ކުރައްވަވައިފައެވެ.
" ޝައިޠާނާ އެއުރެންނަށް ވަޢުދުކުރެތެވެ. އަދި، އެއުރެންލައްވައ ބާޠިލު އުންމީދު ކުރުވަތެވެ. އަދި، ހެއްލުންތެރިކަން މެނުވީ ޝައިޠާނާ އެއުރެންނަކަށް ވަޢުދެއް ނުކުރެތެވެ." (އައްނިސާ: 120)
މިއަދު އެންމެން އަވަދި ނެތި މިއުޅެނީ އެމީހުން ކުރަން ބޭނުން ކަންކަން ޙާޞިލު ނުކުރެވިގެންނެވެ. އެންމެ ގިނަ މީހުން ދުވަނީ ހިލޭ އަންހެނުން ފަހަތުން ފާހިޝް ޢަމަލުތައް ކުރުމަށެވެ. ދެން ދުވަނީ ކޮންމެ ގޮތަކުން ނަމަވެސް ފައިސާތަކެއް ލިބިގަނެވޭތޯއެވެ! ދެން ދުވަނީ ސިޔާސީ މަޤާމާއި ބާރުވެރިކަން ފަހަތުންނެވެ.
ދުނިޔެއިން ފެންނަމުންދާ ތަޖުރިބާއަށް ބެލި ނަމަވެސް މިއިން އެއްވެސް ކަމެއް ކިތަންމެ ގިނައިން ލިބުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ. ލިބޭ ވަރަކަށް ދާނީ އިތުރަށް ބޭނުންވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުން މިދަނީ ހަލާކުވެގެންނެވެ. ޖާހިލުކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.
މީސްތަކުންނޭވެ! ހަވާ ނަފުސުގެ މިފަދަ އެދުންތަކަށް ތަބަޢަ ނުވާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ޝައިޠާނާގެ ވަސްވާސްތަކުގައި މީހާ ފިތުނުވަރަކަށް ދުނިޔޭގެ އެދުންތައް ދާނީ ގިނަވެފައި ބޮޑެތި ވަމުންނެވެ! ހުރިހާ ކަންކަން ބޭނުންވަމުނަ ގޮސް ގޭގެ ލިފްޓަށް އަރައި ސްވިޗަށް ފިއްތައިލުމުން ބެންކޮކަށް ދެވެން ވެސް ބޭނުންވާނެއެވެ.
ހިލޭ އަންހެނުންނަށާ ފައިސާވެރިކަމަށް އަދި ސިޔާސީ ބާރުތަކަށް ދަހިވެތިވެއްޖެ ވަރަށް މަދު މީހަކަށް ނުނީ ތައުބާ ނުވެވޭކަން ފާހަގަކުރެވެއެވެ. އެކަމުން އެމީހާ ޝައިޠާނާގެ އަޅަކަށްވެގެންދާ މިންވަރު ބޮޑޫކަމެވެ! ވީމާ ފާހިޟް ޢަމަލުކުރުމާއި ފައިސާއަށް ދަހިވެތިކަން ބޮޑުވުމާއި ސިޔާސީ ބާރަށް ދަހިވެތިކަން ބޮޑުވުމަކީ ވަރަށް ނުރައްކާތެރިކަން ބޮޑު ކަމެކެވެ.
މިއިން ކޮންމެ ކަމަކީވެސް އިބިލީހުގެ ފިހާރައެކެވެ. އެއިން ފިހާރައަކަށް ވަދެފި މީހަކަށް ނުކުންނަން ވަރަށް އުނދަގޫވާނެއެވެ! އެހެންވެ އެއީ ނުކުންނަން އެންމެ އުނދަގޫ އިބިލީހުގެ 3 ފިހާރަ ކަމަށް ބުނެއުޅެއެވެ!
މިސާލަކަށް ފާހިޝް ކަމެއް ކުރީއެވެ. ދާނީ އިތުރަށް ކުރާ ހިތް ވަމުންނެވެ. ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް އިތުރަށް ބޭނުން ނުވާނެ ވަރެއް ނުވާނެއެވެ! ސިޔާސީ މަޤާމުތައް ލިބެމުން ގޮސް ޤައުމުގެ ރައީސްކަން ލިބުމުން ދެން ބޭނުންވާނީ މަޤާމު ހިފައިގެން ނޫނީ ކައްވަޅަށްވެސް ނުދާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން