ފާފައެއް ކުރެވުމުން އަހަރެމެންގެ ހިތަށް އެއްވެސް އަސަރެއް ނުކުރާއިރު އާދަމްގެފާނަށް ފާފައެއް ކުރެއްވެވުމުން 70 އަހަރުވަންދެން އެކަމަށް ހިތާމަފުޅުކުރައްވަވައި ކީރިތި ކުރެއްވެވިއެވެ.
އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ﷺ) އަށް އެއްވެސް ފާފައެއް ނުކުރެއްވެވޭއިރުވެސް އަދި އިސްވެ ގޮސްފައިވާ ފާފަތަކާއި ކުރެއްވެވެން ހުރި ފާފަތައް ވެސް ފުއްސަވައި ދެއްވަވާފައިވާއިރުވެސް އިސްތަށިފުޅަށް ފެން ބާލިދީއެއް އޮއްސައިލުމުން ތުނބުޅިފުޅުން ފެން އޮހޮރޭނެ ފަދައިން ނަމާދުތަކުގައި ތުނބުޅިފުޅުން ފެން އޮހޮރޭ ވަރަށް ކީރިތި ކުރެއްވެވިއެވެ.
މީސްތަކުންނޭވެ! އަހަރެމެންނަށް މިތިބެވެނީ އަބަދުހެން ފާފަތައް ކުރެވިކުރެވިއެވެ. އެއްވެސް ބިރުވެރިކަމެއް ހިތަށް ވަދޭ ހެއްޔެވެ؟ ކުރެވޭ ފާފަތަކާއިމެދު ވިސްނައި ލޮލުން އެންމެ ކަރުނަ ތިއްކެއް ނަމަވެސް ވައްޓައިލެވުނު ހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ކުރެވޭ ފާފަތަކާއިމެދު ހިތާމަކުރާ މީހަކަށްވާށެވެ! ކުރެވޭ ކޮންމެ ފާއަކީ ތިމާގެ އަމިއްލަ އަތުން ގައިގައި ރޯކުރެވޭ ހުޅު ކަމުގައި ދެކޭށެވެ! ފާފަތައް ކުރުން ހުއްޓާނުލެވިއްޖެ ނަމަ އެއީ އަމިއްލަ އިޚްތިޔާރުގައި ގޮސް ނަރަކައަށް ވަނުން ކަމަށް ޤަބޫލުކުރާށެވެ!
ދުނިޔޭގައި މިއަދު އެމީހަކު ބޭނުންވަރަކަށް އުފާކޮށް މަޖާކުރެވިދާނެއެވެ! ނަމަވެސް އެނބުރި ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭނީ ކޮން ވަގުތަކުކަން އެކަކަސްވެސް ނުއެނގޭނެއެވެ. ތިބާގެ މުޅި ހަޔާތް ނިމިގެންދާއިރު ﷲ ތަޢާލާއަށް ބިރުން ލޮލުން ކަރުނަ ތިއްކެއް ވައްޓައި ނުލެވިއްޖެ ނަމަ އާޚިރަތް ދުވަހު ﷲ ތަޢާލާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟
އަދިވެސް ފުރުޞަތު އެބަ އޮތެވެ! އަވަހަށް ތައުބާވާށެވެ! އިޚްލާޞްތެރިވާށެވެ! ނަރަކައިން ތިމާގެ ނަފްސް ސަލާމަތްކުރާށެވެ! މިއަދު އެކަން ނުކޮށްފިނަމަ އެކަން ކުރެވޭނެ ދުވަހެއް ނެތެވެ!
--ޝއިޚް ތައުފީޤް ޗައުދްރީގެ ދަރުސަކުން