ޙަޤީޤީ ޙާދިސާ: ފަޤީރު އަނބިމީހާގެ ހިތުގަ ޖައްސުވާފަ ވަރިކޮށްލުމުން ބަނގުރޫޓުވީ ދަރިއަކަށް ބައްޕަދިން އަގުހުރި ނަޞޭޙަތާ، ޢަމަލުކުރުމުން ލިބުނު ކުރިއެރުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ޙަޤީޤީ ޙާދިސާ: ފަޤީރު އަނބިމީހާގެ ހިތުގަ ޖައްސުވާފަ ވަރިކޮށްލުމުން ބަނގުރޫޓުވީ ދަރިއަކަށް ބައްޕަދިން އަގުހުރި ނަޞޭޙަތާ، ޢަމަލުކުރުމުން ލިބުނު ކުރިއެރުމުގެ ވާހަކަ-

އަޅުގަނޑު ނިޞްބަތްވަނީ ތަނަވަސް ޢާއިލާއަކަށެވެ. އަޅުގަނޑު ކިޔަވައި ނިމުމުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތް ހަދައިދިނެވެ. އެކަނި އުޅޭނެ ގެއެއް ދިނެވެ. މުދަލާއެކު ފިހާރައެއް ދީ އަމިއްލައަށް ކުރިއަށް ދެވޭނެ މަގު ދައްކައިދިނެވެ. 

ހުރިހާ ކަމެއް ފުދުމުން ކައިވެންޏެއް ކުރީމެވެ. އެއީ ރީތި ކުއްޖެކެވެ. އަޚްލާޤްވެސް ރަނގަޅު ކުއްޖެކެވެ. ނަމަވެސް ފަޤީރު ޢާއިލާޢަކަސް ނިޞްބަތްވާ ކުއްޖެކެވެ. ޢާއިލާގައި ތިބެނީވެސް ވަރަށް މަދު ބައެކެވެ. 

އެފަދަ ކުއްޖަކާއި ކައިވެނިކުރެވުމުން ލޯބިން އެކުއްޖާއާއިއެކު ދިރިއުޅުމުގެ ބަދަލުގައި އަޅުގަނޑަށް އިޚްތިޔާރުކުރެވުނީ ދިމާއިދިކޮޅެވެ. އަޅުގަނޑަށް އޭނާ ގެންގުޅެވުނީ އަޅު އަންހެނަކު ގެންގުޅޭ އުޞޫލުންނެވެ. އަބަދުހެން ބެހެއްޓުނީ ހިތުގައި ޖައްސުވައި ރޮއްވައިފައެވެ. ދަރިއަކުން ލިބުމުން މާބޮޑަށް ފޫހިވެ ވަރިވެސްކޮށްލީމެވެ. ހިލޭ އަންހެންކުދިންނާއިއެކު ވަގުތުތއް ހޭދަކުރަން ފެށީމެވެ. 

އަަހރެއްހައި ދުވަސްފަހުން ވިޔަފާރި ދަށަށްދާންފަށައިފިއެވެ. ދުވާލަކު ފިހާރަށް ލިބޭވަރު ދެގުނައަށް މަދުވެއްޖެއެވެ. ބޭންކުން ނަގާފައިވާ ލޯނުތައް ދައްކަން ދަތިވާން ފަށައިފިއެވެ. އެޙާލަޔަށް ކަންކަން ދިއުމުން ގޮސް ބައްޕަމެންނާއި މަޝްވަރާކޮށްލީމެވެ. އެއީ ބައްޕައަތުން އިތުރު ފައިސާކޮޅެއް ހޯދުމުގެ ބޭނުމުގައެވެ. 

އަޅުގަނޑުގެ ވާހަކަތައް އަޑުއަހާފައި ބައްޕަ ބުނީ ފުރަތަމަ ކަމަކަށްވެސް އަޅުގަނޑުގެ ދަރިފުޅުގެ މަންމަ އާއި އަލުން ކައިވެނިކޮށް އޭނާއަށް ހެޔޮކޮށް ހިތުމަށެވެ. އުޅުން އިޞްލާޙްކުރުމަށެވެ. 

"ދަރިފުޅާއެވެ! އަހަރެމެން ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ތަނަވަސްކަން ދެއްވަވަނީ ﷲ އެވެ. ވީމާ އަމަލުތައް އިޞްލާޙްކުރާށެވެ. ދަރިފުޅުގެ އަނބިމީހާ ހިތުގައި ޖައްސަން ކުރާ ކޮންމެ ކަމެއް އެކަލާނގެ ބައްލަވައިވޮޑިގެންވެއެވެ. މިއަދުވެސް ނިކަން ގޮސް އޭނާ އާއި ބައްދަލުކޮށްބަލާށެވެ. އޭނާ އިންނާނީ ގޭގައި ރޯށެވެ. ދަރިފުޅު ހިތަށް އަރަނީ އޭނާގެ ހިތުގެ އިޙްޞާޞްތައް ﷲ ދެނެވޮޑިގެންނުވާ ކަމަށް ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. 

އަދި ބުނަންހެއްޔެވެ؟ ޖަމާޢަތުގައި 5 ނަމާދުކުރާ މީހަކަށްވާށެވެ! ކުރެވުނު ކުށްތަކަށް ތައުބާވެ ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރާށެވެ. އެކަންކަން ނުކުރާނަމަ ބައްޕަ ކިތަންމެ ގިނަ ފައިސާތަކެއް ދިންނަމަވެސް ކުރިއެރުމެއް ނުލިބޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ކަންކަމުން ސަލާމަތް ނުވެވިގެންނެވެ."

ބައްޕަމެން ގާތުން ނުކުމެގެން ދިއައީ އަނބިމީހާގެ ގެއަށެވެ. އަނބިމީހާ އާއި ބައްދަލުކޮށް މާފަށް އެދުނީމެވެ. އަދި ހަމަ އެދުވަހު ފޯމުލައިގެން އަނެއް ދުވަހު އަލުން ކައިވެނިވެސްކުރީމެވެ. ބައްޕަ ދިން ނަޞޭޙަތާއި އެއްގޮތަށް ކަންކަން ކުރަން ފެށީމެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވަން އޮތީ އަޅުގަނޑުގެ ޢަމަލުތައް އިޞްލާޙްކުރިތާ 3،4 މަސްވީއިރު ހެޔޮ ބަދަލުތައް ފެންނަން ފަށައިފިއެވެ. މަޑުމަޑުން ފިހާރައިގެ ސޭލްސް އިތުރުވާން ފަށައިފިއެވެ. އަހަރެއްހައި ދުވަހުގެ ތެރޭގައި ހަމަ ކުރިއާއި އެއްގޮތަކަށް ހުރިހާ ކަންކަންވެސް ބަދަލުވެއްޖެއެވެ.

މިބާވަތުގެ ވާހަކަތައް ޤަބޫލުނުކުރާނެ ބައަކުވެސް އުޅޭނެއެވެ. ޤަބޫލުކުރާނެ ބައަކުވެސް އުޅޭނެއެވެ. އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ އަމިއްލަ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. ޢިބްރަތް ޙާޞިލުކުރަން ބޭނުން މީހަކު ޢިބްރަތް ޙާޞިލުކުރާށެވެ!

- ޢަލީ އިރުފާން / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

މިއަދު އޮންލައިން