އަނބިމީހާގެ ގައިގަތަޅާ އަނިޔާކުރުމުގަ ހައްދުފަހަނައެޅީމަ ކެތްތެރިވާން ބުނުމުގެ ހުރި ނުރައްކާތެރިކަން އަނގައިދޭ ޢިބްރަތްތެރިވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
އަނބިމީހާގެ ގައިގަތަޅާ އަނިޔާކުރުމުގަ ހައްދުފަހަނައެޅީމަ ކެތްތެރިވާން ބުނުމުގެ ހުރި ނުރައްކާތެރިކަން އަނގައިދޭ ޢިބްރަތްތެރިވާހަކައެއް!

އެއީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. ކައިވެނިކޮށްގެން 3 އަހަރުވީއެވެ. 3 އަހަރު ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީވެސް އޭނާގެ ގައިގައި ތަޅާ އަނިޔާކުރާ ދުވަހެކެވެ. ތަޅަނީ އެކި ދުވަހު އެކިވަރަށެވެ. ބައެއް ދުވަސް ދުވަހު 2، 3 ފަހަރު ޖަހައިފާނެއެވެ. އަނެއްބައި ދުވަސްދުވަހު ތަޅައި އަނިޔާކުރަމުން ގޮސް ތަންތަން ދުޅަވެސް ކޮށްލައިފާނެއެވެ. 

އެއްރޭ އަޅުގަނޑަށް އޭނާ ދެކަލަން ދިއައިރު މުޅި މޫނުމަތި ވަނީ ނޫފައިގެންފައެވެ. ދުޅަވެފައެވެ. ހަށިގަނޑުން ފެންނަންހުރި ތަންތަނުގައި އަނިޔާކުރުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އޭނާއަކީ ކޮންމެ ކަމެއްވެސް އޭނާގެ މަންމަ ބުނާގޮތަސް ކުރާ އަންހެނެކެވެ. އޭނާގެ މަންމަ ބުނަނީ ކެތްތެރިވުމަށެވެ. އެހެންވެ ކެތްތެރިވެގެން އިންނަނީއެވެ. 

އެރޭ އެކުވެރިޔާ ގޮވައިގެން އޭނާގެ މަންމަގެ ގާތަށް ގޮސް އަނިޔާތައް ދެއްކުމުންވެސް ބުނީ ކެތްތެރިވެގެން އިނުމަށެވެ. ދުޢާކުރުމަށެވެ. އެޙާލުގައި އެކުވެރިޔާ ގެންގޮސް ގެއަށް ލާފައި ގެއަށް ގޮސް އަޅުގަނޑުގެ މަންމަ ގާތުގައި އެވާހަކަތައް ދެއްކުމުން މަންމަގެ ޚިޔާލު ތަފާތެވެ. އަޅުގަނޑުގެ މަންމަ ބުނީ އެޙާލަތުގައި ފިރިމީހާ އާއި ވަކިވާންޖެހޭނެ ކަމަށެވެ. ވަރިނުވިނަމަވެސް ދިރިއުޅުން ފިރިމީހާއަށް އަތް ނުފޯރުވޭނެ ގޮތަކަށް ބަދަލުކުރަންޖެހޭނެ ކަމަށެވެ. ދުޢާކުރަމުން ގެންދަންވާނީ ދިރިއުޅޭތަން ބަދަލުކޮށްގެން އިނދެ ކަމަށެވެ.

މަންމަ ބޭނުންވީ އެކުވެރިޔާ އާއި އޭނާގެ 2 ދަރިން އަޅުގަނޑުމެންގެ ގެއަށް ގެނައުމަށެވެ. އެހެންވެ އޭނާ ބަލައި އަޅުގަނޑުމެން ދިއައިރު އެޙާލުގައި ހުއްޓާވެސް ތަޅަނީއެވެ. އެއީ އެކުވެރިޔާ ފުރަތަމަ ފަހަރަށް ފިރިމީހާގެ ގައިގައި ޖެހިފަހަރުކަމަށްވެދާނެއެވެ. އަނބިމީހާ ފައިކުރުކޮށްލާފައި ބަނޑުކޮޅުގައި ޖެހިގޮތަކުން ފިރިމީހާ ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އެވަގުތު އަނބިމީހާ އުޅުނީ ފިރިމީހާގެ ކަންތައް ނިންމައިލުމަށެވެ.

ދުވެގޮސް އެކުވެރިޔާ ހިފެހެއްޓުނީ ހަމަކިރިޔާއެވެ. މައިތިރިކުރެވުނީ ފިރިމީހާ މަރާލައިފިނަމަ އުމުރަށް 2 ދަރިންނާއި ވަކިވެ ޖަލުގައި އޮންނަންޖެހިދާނެކަން ވިސްނައިދީގެންނެވެ. އަޅުގަނޑުމެން ދެމައިން އެގެއިން އައީ އެކުވެރިޔާ އާއި ދެދަރިން ގޮވައިގެންނެވެ. އެކުވެރިޔާއަށް ތެދުވެ ހިނގާލައި އުޅެވެންފެށީ 3 މަސްދުވަހު ބޭސްފަރުވާކޮށްގެންނެވެ. 

ވިސްނަވާށެވެ! ޖިސްމާނީ އަނިޔާއަށް ކެތްކުރެވޭނީ ކޮންމެ މީހަކަށްވެސް ވަކިވަރަކަށެވެ. އެކުވެރިޔާގެ މަންމަގެ ކިބައިން އެހީތެރިކަން ނުލިބި ދުވަސްތައް ފާއިތުވަމުން ގޮސް އެރޭވެސް އެއްބާރުލުން ނުލިބި ގެއަށް އައިތަނުން އެޙާލަތުގައި ހުއްޓައި އަނެއްކާވެސް އަނިޔާކުރުމުން އެކުވެރިޔާގެ ސިކުނޑި ގޮވީއެވެ. މޮޔަވީއެވެ. ބުއްދިފަސްވީއެވެ. 

އެޙާލަތުގައި އެވަގުތު އަޅުގަނޑުމެންނަށް ނުދެވުނުނަމަ އުމުރަށް ޖަލަށްވަންނަން އެކުވެރިޔާއަށް ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. އެކުވެރިޔާގެ ފިރިމީހާ ބުނަނީ އޭނާއަށް އެގޮތަށް ކަންކަން ކުރެވެނީ އޭނާ އުޅެ ބޮޑުވި މާޙައުލުގެ ގޮތުން ކަމަށެވެ. ނަމަވެސް އެވާހަކަ އެހައި ބޮޑަށް ޤަބޫލުކުރަން އަޅުގަނޑު ބޭނުމެއް ނޫނެވެ. އިންސާނުންނަށް ވަނީ ވިސްނުން ދެއްވައިފައެވެ. ޖެހީމާ ތަދުވާނެކަން ނުއެނގޭ ހަމައެކަކުވެސް ނުހުންނާނެއެވެ. 

އެކުވެރިޔާއަށް ހިތްވަރުދީގެން ފިރިމީހާގެ މައްސަލަ ކޯޓަށް ހުށަހެޅުވީމެވެ. ކޯޓުން އޭނާގެ މައްޗަށް 16 އަހަރުގެ ޖަލުޙުކުމެއް އިއްވިއެވެ. ބަދަލެއްގެ ގޮތުން ގިނަ އަދަދެއްގެ ފައިސާ ދޭން ޙުކުމްކުރިއެވެ. އެކުވެރިޔާ ދެވަނަ ކައިވެނިކޮށް މިހާރު އުޅެނީ ވަރަށް އުފަލުގައެވެ.  

މިއީ އަޅުގަނޑު ބެލި ކުރު ފިލްމެއްގެ މައްޗަށް އަޅުގަނޑު ލިޔުނު ވާހަކައެކެވެ. ލިޔަން ޖެހުނީ އަޅުގަނޑަކީވެސް ހަމަ މިފަދަ ފިރިއެއްގެ އަނިޔާވެރިކަމުގައި އަހަރެއްހައި ދުވަހު އަނިޔާ ލިބިލިބި އިންނަން ޖެހުނު އަންހެނަކަށްވުމުން ކުރި އަސަރުންނެވެ. 

ކެތްތެރިވެ އިންނަން ބުނަން ވަރަށް ފަސޭހަވާނެއެވެ. އެކަމުގެ ހުރި ބުރަކަން އެނގޭނީ ހަމަ އަނިޔާ އިޙްޞާޞްކުރަން ޖެހުނު މީހަކަށެވެ. ވީމާ އަޅުގަނޑު ބުނެލަން ބޭނުންވަނީ މިފަދައިން އަނިޔާ ލިބެމުންދާ އަންހެނުން ގާތުގައި ހަމައެކަނި ކެތްތެރިވެލަން ބުނުމަކުން ނުފުދޭނެއެވެ. އެއަނިޔާއިން އޭނާ ސަލާމަތްކުރަން މަސައްކަތްކުރަންވެސް ޖެހޭނެއެވެ. އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭންވެސް ޖެހޭނެއެވެ. ނޫންނަމަ ކޮންމެވެސް ހިސާބަކުން ދެން ކަންކަން ވެގެން ހިގައިދާނެ ގޮތް މިވާހަކައިން އެ އެނގެނީއެވެ. 

އަހަރެމެން ކޮންމެ މީހަކީވެސް އިންސާނެކެވެ. ކެތްތެރިކަން ކޮޅުންލާ ހިސާބެއްވެސް އަންނާނެއެވެ. އެކަން އެންމެންވެސް ޤަބޫލުކުރަމާ ހިނގާށެވެ.

 

- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން