ވަޒީފާދޭ މީހާއާއި ދިމާއަށް "ވަޒީފާ ހޯދަނީ ހަށިވިއްކަން" ނޫން ކަމަށްބުނެ ވަޒީފާގެ ފުރުޞަތު ދޫކޮށްލި އަންހެން ކުއްޖަކަށް އެއްފަހަރާ 2 ވަޒީފާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ވަޒީފާދޭ މީހާއާއި ދިމާއަށް "ވަޒީފާ ހޯދަނީ ހަށިވިއްކަން" ނޫން ކަމަށްބުނެ ވަޒީފާގެ ފުރުޞަތު ދޫކޮށްލި އަންހެން ކުއްޖަކަށް އެއްފަހަރާ 2 ވަޒީފާ ލިބުނު ގޮތުގެ ވާހަކަ-

އެއީ ކުންފުނިތަކުގެ އުފެއްދުންތައް މާކެޓްކުރަން ބޭނުންވާ އިޝްތިހާރުތައް އުފެއްދުމުގައި އެންމެ މަޝްހޫރު އެއްކުންފުންޏެވެ. އެކަމަށް ބޭނުންވާ ފަންނީ މޮޑެލުން ހޯދުމުގައި އެކުންފުނިންވެސް ގެންދަނީ ވަރަށް ބޮޑަށް ސަމާލުކަންދީގެން މަސައްކަތްކުރަމުންނެވެ. ސަބަބަކީ އިޝްތިހާރު ކާމިޔާބުވުމުގެ އެންމެ ބޮޑުބައަކީ މޮޑެލުން ކަމުގައިވާތީއެވެ. 

އިންޓަރވިޔުކުރާ މެނޭޖަރު އެންމެ މަޝްހޫރު އެއްކުއްޖަކު ވަޒީފާއަށް އެދިގެން ދިއުމުން ބުނީ ވަޒީފާ ލިބިދާނެ ކަމަށާއި ނަމަވެސް ފުރުޞަތު ދެވެން އޮތީ އޭނާ ބުނާ ކަންކަން ވެސް ކޮށްދޭމަތިން ކަމަށެވެ. ކުއްޖާ ބުނީ ވަޒީފާގައި މަސައްކަތްކުރަނީ ހަށި ވިއްކަން ބޭނުން ނުވާތީ ކަމަށާއި އެފަދަ ޝަރުޠެއްގެމަތިން ވަޒީފާ ބޭނުން ނޫން ކަމަށެވެ. 

އެހެންވެ ވެރިމީހާއަށް އޭނާގެ މައުލޫމާތުދިނީ އޭނާއަކީ ކަމުދާ ކުއްޖެއް ނޫން ކަމަށެވެ. އެހެންވެ އޭނާއަށް ވަޒީފާ ނުލިބުމުން ދެރަވެފައި ހުރެގެން ނުކުންނަނިކޮށް އެފަދަ އެހެން އެޖެންސީއެއް ހިންގާ އަންހެނަކާއި ދެމީހުން ބައްދަލުވިއެވެ. އޭނާ ހީކުރީ އެކުއްޖާ މިހާރު އެކުންފުނީގައި ވަޒީފާއަދާކުރާކަމަށެވެ. 

އެހެންވެ އެކުންފުނީގެ ވެރިމީހާ އާއި ބައްދަލުވުމުން އޭނާގެ އެކުވެރިޔާ އެކުންފުނީގައި މަސައްކަތްކުރާތީ އުފާކުރާކަމަށް ބުންޏެވެ. އަދި އޭނާއަކީ ވަރަށް ހުނަރުހުރި ކުއްޖެއް ކަމަށާއި އެކުއްޖާގެ ސަބަބުން ކުންފުނީގެ ވިޔަފާރިކުރިއަރާނެ ކަމަށް ބުންޏެވެ. 

ވެރިމީހާއަށް އެވާހަކަތައް އަޑުއަހަން ވަރަށް އުނދަގޫވިއެވެ. އެއީ އެއިގެ ކުޑައިރުކޮޅެއްކުރިން މެނޭޖަރުދިން ރިޕޯޓަކާއި ގުޅިގެން ވަޒީފާ ނުދީ އެކުއްޖާ ފޮނުވާލެވިފައިވާތީއެވެ. ނަމަވެސް އެކުވެރިޔާގެ ބަހަށް އިތުބާރުކޮށް އެކުއްޖާއަށް ގުޅައިގެން އަނެއްކާވެސް އެކުއްޖާ ގެނުވިއެވެ. އަދި މެނޭޖަރު ގެނެސް އޭނާ ކަމުނުދާކަމަށްބުނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. 

މެނޭޖަރަށް ދޭނެ ޖަވާބެއް ނުއެނގިފައި ހުއްޓާ ކުއްޖާ ވާހަކަދައްކަމުން ގޮސް މެނޭޖަރު އޭނާ ޢާއި ދެއްކި ވާހަކައިގެ ރެކޯޑިންގ ފޯނުން ވެރިމީހާއަށް އަޑުއިއްވިއެވެ. ވެރިމީހާ އެއީ ހަމަ އޭނާގެ އަޑުތޯ ސުވާލުކުރުމުން މާފަށްއެދިފައި ބުނީ އެއީ "އިބިލީސް ކުރުވިކަމެއް" ކަމަށެވެ. ވެރިމީހާ ބުނީ އިބިލީހަށް ކަންކަން ކޮށްދޭ މުވައްޒިފުން ބޭނުންނުވާ ކަމަށާއި އެވަގުތުން ފެށިގެން މެނޭޖަރު ވަޒީފާއިން ވަކިކުރީ ކަމަށެވެ. 

ވެރިމީހާ އެކުއްޖާއަށް ވަޒީފާދިނެވެ. މޮޑެލްކުރުމުގެ ވަޒީފާއާއި މެނޭޖަރުކަމުގެ ވަޒީފާ އާއި 2 ވަޒީފާއެވެ. މެނޭޖަރުކަމުގެ މުސާރައިގެ އިތުރުން މޮޑެލްކުރުމުންވެސް އަގުލިބޭގޮތަށެވެ. 

މިވާހަކަކޮޅުގައި މިއަދުނޫހުގެ ކިޔުންތެރިން އެހާބޮޑަށް ޝައުޤުވެރިވާ ވާހަކަތަކެއް ނެތިދާނެއެވެ. ނަމަވެސް މިއީ އަޅުގަނޑު ވަރަށް ބޮޑަށް ޝައުޤުވެރިވި ވާހަކަކޮޅަކަށްވުމުން ޙިއްޞާކޮށްލީމެވެ. އެއީ މި މައްސަލައަކީ މިހާރު ރާއްޖޭގައިވެސް ވަރަށް ބޮޑުވެފައި އޮތް މައްސަލައަކަށްވާތީއެވެ. 

މިހެން މިބުނަނީ ވަޒީފާއެއް ހޯދަން އަޅުގަނޑު މަސައްކަތްކުރިއިރު 2 ތަނަކުން ހަމަ މިމައްސަލަ މިގޮތަށް ދިމާވިއެވެ. ހޭލުންތެރިކަން ނެތުމުން ރެކޯޑް ނުކުރެވުނީއެވެ. އިންޓަރވިޔުތަކަށްދިއުމުން ދިމާވާ މިފަދަ މައްސަލަތަކަށް ހޭލުންތެރިވާން އެބަޖެހެއެވެ. މިވިސްނުމުގައި މިވާހަކަކޮޅަށް ސަމާލުކަންދީފިނަމަ ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. 

- ޒުލޭޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން